މިހާތަނަށް 41.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފި
މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 41.4 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅު ވެއްޖެ އެވެ.

އެ މިނިސްޓްރީ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް އުފައްދާފައިވާ ޓާސްކްފޯސްއިން މިހާތަނަށް 41.4 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާއިރު މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ކުރިއަށްގެންދާނެ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވީ މިހާރު ވެސް 90 ކިލޯ އަށް ވުރެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެ ތަކެއްޗަކީ ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުން މަސްތުވާތަކެތި ކަމަށާއި މި މަހުގެ ތެރޭގައި ނޫސްވެރިންގެ ހާޒިރުގައި އެ ތަކެތި ނައްތާލުމުގެ މަސައްކަތް ކުރާނޭކަމަށެވެ. 

މިހާތަނަށް މަސްތުވާތަކެތީގެ 113 އޮޕްރޭޝަނެއް ހިންގިފައިވާކަމަށާއި އެގޭތެރޭގައި ކޯޓު އަމުރުގެ ދަށުން ތުހުމަތު ކުރެވޭ ތަންތަން ބަލާ ފާސް ކުރުމާއި، ސަފާރީ ފަދަ އުޅަނދު ބަލާ ފާސްކުރުމާއި، ކަސްޓަމްސް ޕޯސްޓް ފަދަ އަދި ކްލިއާރް ސާވިސްތަކަށް ފާރަވެރިވެގެން ހިންގުން އޮޕަރޭޝަންތައް ހިމެނޭކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. 

ކޮމިޝަނަރު ވިދާޅުވީއެ އޮޕަރޭޝަންތަކުގައި 3000 މީހުން ބަލާ ފާސް ކުރެވިފައިވާ އިރު 300 އަށް ވުރެން ގިނަ މީހުން މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރެވިފައިވާކަމަށާއި އޭގެ ތެރޭގައި 16 ބިދޭސީން ހިމެނޭކަމަށެވެ.

"މިހާތަނަށް މަސްތުވާ ތަކެތީގެ މައްސަލައިގައި 16 އުޅަނދެއް ޓޯ ކުރެވިފައި ވަނީ. މަސްތުގެ ހާލަތުގެ ތިބި ކަމަށް ތުހުމަތު ކުރެވޭ 24 ދިވެހިން އަދި 85 ބިދޭސީން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި" ކޮމިޝަނަރު ވިދާޅުވިއެވެ

ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީންގެ ތެރެއިން 84 ބިދޭސީން ވަނީ އިމިގްރޭޝަނާއި ހަވާލު ކުރެވިފައި ކަމަށް ކޮމިޝަނަރު ފާހަގަ ކުރެއްވިއެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި