ތިލަފުށި ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިއްކައި ނިމިއްޖެ
ތިލަފުށި ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން އޭރިއާ އޭ، ބީ، އީ އަދި އެފް ހިއްކުމުގެ މަސައްކަތް މިހާރު މުޅިން ނިންމިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މީޑިއާއަށް ބުނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށްގެންދެވޭ އެ މަޝްރޫއުގެ ދަށުން މުޅި ޖުމްލަ 120 ހެކްޓަރު ހިއްކިފައިވާކަމަށާއި މިހާރު ކުރިއަށް ދަނީ އޭރިއާ އީ ގެ ހިއްކި ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތް ކަމަށާއި އެމަސައްކަތުގެ ދަށުން ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރާނެ ކަމަށެވެ.

"އަބަދުވެސް މަސައްކަތް ކުރާނީ ސަރުކާރުގެ އިރުޝާދުގެ ދަށުން  ރާއްޖޭގެ ތަރައްގީއަށް ހިންގޭ މުހިއްމު މަޝްރޫޢުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް ރައްޔިތުންނަށް އެ މަޝްރޫއުތަކުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް،" އެޗްޑީސީން ބުންޏެ އެވެ.

ތިލަފުށީގެ ދެ ވަނަ ފިޔަވަހި ތަރައްގީ ކުރުމަށް އެރިއާ އޭ، ބީ، އީ އަދި އެފްގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ އެޗްޑީސީން މީގެ ކުރިން ބުނެފައިވަނީ ތިލަފުށީގެ ބިން ހިއްކައި ތަރައްގީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.

އެޗްޑީސީން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިންގިލާބީ ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި މާލެ ސަރަހައްދު ތަރައްގީ ކުރުމަށް ވަރަށް ބޮޑު އެހީއަކަށް ތިލަފުށި ވެގެންދާނެކަމަށާއި އިންޑަސްޓްރިއަލް މަސައްކަތްތައް މާލެ ސަރަހައްދުން ތިލަފުށްޓަށް ބަދަލުކުރުމުން މުޖަތަމައަށް އަދި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ އެވެ.

ތިލަފުށީގެ ބިން ހިއްކުމުގެ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފަޔާއި އިރުޝާދުގެ ދަށުން މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ދުރުގައި ސިނާއީ މަސައްކަތްތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެޗްޑީޝީން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި އެގޮތުން ތިލަފުށީގެ މާސްޓަ ޕްލޭންގެ ދަށުން ބޮޑެތި ބިންތައް ދޫކުރެވި އެކި އެކި އުމްރާނީ މަސައްކަތްތައް ކުރުމަށް ޖާގަ ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން އިގުތިސޯދީ ގޮތުން އިންގިލާބީ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި