ފްލެޓް ލިސްޓް ބާތިލް ނުކުރާނެކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައި: އެޗްއާރްސީއެމް
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ ފްލެޓް ލިބޭ މީހުންގެ ލިސްޓް ބާތިލް ނުކުރާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ދީފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގެފޮރުވެރިޔާ މަޝްރޫއާ ގުޅިގެން އޭސީސީން ބަލަމުންދާ މައްސަލައިގައި ރައްޔިތުންގެ ހައްގުތަކެއް ގެއްލިދާނެ ކަމަށް ބުނެ ހުޅަހަޅާފައިވާ މައްސަލަތައް އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން ކަން ހިނަގާފައިވާ ގޮތުގެ ތަފްސީލް ހޯދުމަށް ހައުސިން މިނިސްޓްރީއާއެކު ބޭއްވި ހުރިހާ ބައްދަލުވުންތަކުގައި ވެސް، ފްލެޓް ލިސްޓް ބާތިލްކޮށް އަލުން އިއުލާނު ނުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދީފައިވާ ކަމަށް އެޗްއާރްސީއެމްއިން ބުނެފައިވެ އެވެ.

އެޗްއާރްސީއެމްއިން ބުނީ އެ މައްސަލައާ ގުޅިގެން ކަން ހިނަގާފައިވާ ގޮތުގެ ތަފްސީލް އެ ކޮމިޝަނުން ބަލަމުންދަނީ އިންސާނީ ހައްގުތަކުގެ ނަޒަރުން ކަމަށެވެ. އެގޮތުން އެޗްއާރުސީއެމް އަށް މައްސަލަ ހުށަހެޅި ފަރާތްތަކުން މައުލޫމާތު ސާފު ކުރުމުގެ އިތުރުން، ހައުސިން މިނިސްޓްރީއާއި އޭސީސީއާ ވެސް އެކި ފަހަރު މަތިން ބައްދަލުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މީގެއިތުރުން އެ މައްސަލައިގައި އޭސީސީން މިހާރު ގޮތްތަކެއް ކަނޑައަޅާފައިވާތީ، ބަންޑާރަ ނައިބުގެ ކިބައިން އެކަމުގައި އަމަލުކުރަންވީ ގޮތުގެ ލަފަޔަކަށް އެދިފައިވާ ކަމުގެ މައުލޫމާތު ވެސް މިނިސްޓްރީން އެ ކޮމިޝަނާ ހިއްސާ ކޮށްފައި ވާ ކަމަށް އެޗްއާރްސީިއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ މައްސަލައައިގައި ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާއެކު، ވީ އެންމެ އަވަހަކަށް އެ މައްސަލަ ބަލައި ނިންމުމަށް އެޗްއާރްސީއެމްއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މައްސަލަތައް ތަހުގީގުކޮށް ނިމުމުން އެ ކޮމިޝަނުގެ ނިންމުންތައް މައްސަލަ ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރާނެ ކަމަށް ވެސް އެޗްއާރްސީއެމްއިން ބުނެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ދޫކުރާ 4000 ފްލެޓް ލިބޭކަމަށް ކުރީ ސަރުކާރުން ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، ފޯމުގައި މައްސަލައެއް ނެތް މީހުންނަށް ފްލެޓުތައް ދިނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އޭސީސީން ވަނީ ލަފާދީފައެވެ.

އޭސީސީން ބުނެފައިވަނީ ފްލެޓް ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އޭގެތެރެއިން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ކަމުގެ ސައްހަ ލިޔެކިޔުމެއް ހުށަހަޅާފައި ނުވާ ފަރާތްތަކާއި، ކައުންސިލްތަކުން ދޮގު މައުލޫމާތު ދީފައިވާ މީހުން ވެސް ހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީން ބުނީ ފްލެޓް ދިން މީހުން އިއުލާންކޮށް ނެރުނު ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ އެއްވެސް މައްސަލައެއް ފާހަގަނުކުރެވިވާ ފޯމުގެ ނިސްބަތަކީ %207 ކަމަށެވެ. އަދި ޝަރުތު ފުރިހަމަވި ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ %19.7 ކަމަށް އޭސީސީން ބުނެއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި