ދުބާއީ އިންވެސްޓްމެންޓް ފޯރަމު މާދަމާ، ރައީސާއެކު ބޮޑު ވަފުދެއް
ރާއްޖެއިން އިންތިޒާމު ކުރާ އިންވެސްޓްމެންޓް ފޯރަމް މާދަމާ ދުބާއީގައި އޮންނާނެ ކަމަށް ދުބާއީގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

ސަފީރު މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވީ މި އިންވެސްޓްމެންޓް ފޯރަމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ގާތްގަނޑަކަށް 200 އެއްހާ ބޭފުޅުން އެބަ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އޭގެ ތެރޭގައި ރައީސްގެ އިތުރުން މިނިސްޓަރުންނާއި ބައެއް ކުންފުނިތަކުގެ ވެރިންނާއި އަމިއްލަ ވިޔަފާރިވެރިން ހިމެނިވަޑައިގަންނަވާނެ ކަމަށް މުންދު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ދުބާއީގައި މި ފޯރަމް ބާއްވަން ނިންމީ ޔޫއޭއީ އަކީ ރާއްޖެއާ ވިޔަފާރީގެ އެކި އެކި ދާއިރާތަކުން ވަރަށް ގުޅުން ބޮޑު ގައުމެއް ކަމަށް ވާތީކަމަށެވެ.

ރާއްޖެ އިން އިންތިޒާމުކޮށްގެން ދުބާއީގައި މި ފޯރަމް މި ބާއްވަނީ ރާއްޖެ އާއި ޔޫއޭއީ އަކީ ވިޔަފާރީގެ އެކި އެކި ދާއިރާތަކުން ވަރަށް ގުޅުން ބޮޑު ގައުމެއް އުފެދިފައިވާ ގައުމެއް ކަމަށް ވާތީ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގައި ރާއްޖޭގައި ބޮޑެތި އިންވެސްޓްމެންޓްތަކެއް ޔޫއޭއީގެ ވިޔަފާރިވެރިން ކޮށްފައިވާތީ މި ގައުމާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް މުހިންމު.
އަނެއްކޮޅުން މިހާރު ވަރަށް ގިނަ އަދަދެއްގެ ދިވެހިން ވެސް ވަޒީފާގައި އުޅޭ ގައުމެއް މިއީ. ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ދުބާއީ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމުގެ އިތުރުން ވޯލްޑް ގަވަމެންޓް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް މުއިއްޒު ދުބާއީއަށް ވަޑައިގަންނަވާނީ މިރޭކަމަށެވެ. އަދީ މިއީ ރާއްޖޭގެ ރައީސަކު ވޯލްޑް ގަވަމެންޓް ސަމިޓްގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރުކަންވެސް ސަފީރު މުހައްމަދު ހުސެއިން ޝަރީފު ފާހަގަކުރެއްވިއެވެ. 

މި އިންވެސްޓްމެންޓް ފޯރަމްގައި ދުނިޔޭގެ ބައެއް ވިޔަފާރި ޖަމިއްޔާތަކާއި ބޭންކްތަކުންވެސް ބައިވެރިވާނެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް  ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ދިމާކޮށް ވެސް އިންވެސްޓްމަންޓް ފޯރަމެއް ޗައިނާގައި ބާއްވާފައިވެއެވެ. އެ ފޯރަމްގެ ނަތީޖާ ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި