ޓެކްސީ ޑްރައިވަރުން ދަފްތަރުގައި ރަޖިސްްޓްރީވާން އެދެފި
ޓެކްސީ ދުއްވާ ފަރާތްތަކުގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވުމަށް ޑްރައިވަރުންނަށް ހުޅުވާލައިފިއެވެ.

ޓެކްސީ ދުއްވާ ފަރާތްތަކުގެ ޤައުމީ ދަފްތަރެއް އެކުލަވާލުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ޑރ މުއިއްޒުވަނީ މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތްދޭ 16 ސެންޓަރެއްގެ ވެރިންނާއި ބައެއް ޓެކްސީ ޑްރައިވަރުން ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ޑްރައިވަރުންވަނީ އެމީހުންގެ ހުރި ޝަކުވާތައް ހުށައަޅާފައެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އިން ބުނީ މި ދަފްތަރުގައި ޓެކްސީ ޑްރައިވަރުން ރަޖިސްޓްރީވުމަށް މިހާރު އާންމުކޮށް ހުޅުވާލެވިފައިވާކަމަށެވެ. މި ދަފްތަރުގައި ރަޖިސްޓަރީވުމަށް ބޭނުންވާ ފަރާތްތަކުން އެވުޒާރާގެ ސިމްސް ޕޯޓަލް އިން އެކަމަށް ހާއްސަކުރެވިފައިވާ ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެއެވެ. 

ޓެކްސީ ޑްރައިވަރުން ޑރ މުއިއްޒާއި އެކު ބޭއްވި ބައްދަލުވުމުގައި ޑްރައިވަރުން ވަނީ އެމީހުންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ ވާހަކަ ހިއްސާކޮށްފައެވެ. އެގޮތުން ޑްރައިވަރުންނަކީ ރަސްމީ ވަޒީފާއެއްގައި އުޅޭ ބައެއްގެ ގޮތުގައި ސަރުކާރުގެ އިދާރާތަކާއި ބޭންކުތަކުންވެސް ގަބޫލު ނުކުރާތީ އެކަމުގައި ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި