އެމްޓީސީސީއަށް 2023 ވަނަ އަހަރު 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް
ނިމިދިޔަ 2023 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އަށް 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއީ 2022ވަނަ އަހަރު އެމްޓީސީސީއަށް ލިބިފައިވާ އާމްދަނީއާ އަޅާބަލާއިރު 31 އިންސައްތައިގެ އިތުރު ވުމެކެވެ.

އެމްޓީސީސީން އާއްމުކޮށްފައިވާ މާލީ ރިޕޯޓުގައިވާ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު ކުންފުނި ހިންގައިގެން 336.77 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މިއީ 2022 ވަނަ އަހަރު އެ ކުންފުނި ހިންގައިގެން ލިބުނު ފައިދާ އަށްވުރެ ހަތަރު އިންސައްތައިގެ އިތުރު ވުމެކެވެ.

އެމްޓީސީސީގެ ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު އެ ކުންފުންޏަށް ލިބުނު އާމްދަނީގެ އަދަދު އިތުރުވެފައި ވީ ނަމަވެސް، މިދިޔަ އަހަރު ލިބުނު އާމްދަނީގެ އަދަދު ވަނީ ދަށަށްގޮސްފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެމްޓީސީސީއަށް 782.82 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި ލިބުނު 979.33 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 25 އިންސައްތަ ދަށް އަދަދެކެވެ. 

އެމްޓީސީސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި އެ ކުންފުނި ހިންގައިގެން 43.23 މިލިއަން ރުފިޔާ ލިބިފައިވާއިރު، ތިންވަނަ ކުއާޓާގައި ލިބިފައިވަނީ 103.74 މިލިއަން ރުފިޔާ އެވެ. މިއީ 58 އިންސައްތައިގެ ވެއްޓުމެކެވެ.

ނިމިދިޔަ 2023 ވަނަ އަހަރުގެ ފަހު ކުއާޓާގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައ 13.31 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، ދެވަނަ ކުއާޓާގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 43.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިދިޔަ އަހަރު ފަހު ކުއާޓާގައި ކުންފުންޏަށް ލިބުނު ފައިދާގެ އަދަދު ތިންވަނަ ކުއާޓާއާއި އަޅާ ބަލާއިރު ދަށްވެފައިވަނީ ކޭޝްފްލޯ މެނޭޖްކުރުމުގައި ކުންފުންޏަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
100%
ރުޅިއައި