ސިޔާސީ އެޖެންޑާ އަށް އުމްރާނީ ތަރައްގީގެ ތަރުތީބެއް މުހިއްމު..!
ރާއްޖޭގެ ކޮންމެ ރަށެއްގެ ވެސް ރައްޔިތުންގެ އެންމެ ބޮޑަށް ބޭނުންވަނީ އެރަށަކަށް ތަރައްގީ ގެނައުމެވެ. އާއުސްމިންތަކެއް ހޯދުމެވެ. ޒަމާނީ ފަސޭހަ ތަކެއް ލިބިގަތުމެވެ. ސަރުކާރުތަކުން ކެނޑިނޭޅި ތަރައްގީގެ މަޝްރޫއް ތައް ހިންގަނީ އެވެ. މިފަދަ ގިނަ މަޝްރޫޢް ތަކެއް ހިންގަނީ އެދާއިރާ އަށް ނިސްބަތްވާ މަޖިލީސް މެމްބަރާއި ރައްޔިތުންގެ (ބޭނުންވާ ބަދަލުތައް ގެނެސްގެން) ވިންދާ އެއްގޮތަށެވެ.

ތަރައްގީގެ ޕްރޮޖެކްޓްތަކަށް ގެންނަ ބައެއް ބަދަލު ތަކީ އެ ވަގުތަށް އެންމެ ރަގަޅު ބަދަލެއް ކަމަށް ފެނިގެން، ދުރު މުސްތަގުބަލަށް ވިސްނާ ނުލާ ގެނެވޭ ބަދަލު ތަކެކެވެ. މިފަދަ ބަދަލު ތަކުގެ ސަބަބުން އެކަމަށް ފަހުން ކުރަން ޖެހޭ ހޭދަ ވަރަށް ބޮޑު ތަނުން އިތުރު ވެގެން ގޮސް ފައިވާ ކަން ފާހަގަކުރަމެވެ.

ސަރުކާރުތަކުން ތަރައްގީއަށް ކުރިއަށް ގެންދާ ގިނަ މަޝްރޫތަކަކީ މާލީ ގޮތުން އޭގެ މަންފާ ލިބޭ ފަދަ މަޝްރޫތަކަށް ނުވިޔަސް އިޖްތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން ފައިދާ ލިބި ދެނިވެ މަޝްރޫއް ތަކެކެވެ. މިފަދަ ގިނަ މަޝްރޫތަކަކީ ފެނާއި ނަރުދަމާ އާއި ކަރަންޓްގެ ހިދުމަތް، ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުން، ސިއްހީ ހިދުމަތް، ތައުލީމް ފަދަ އަސާސީ ހައްގުތައް ކަށަވަރު ކުރުމަށް ހިންގޭ މަޝްރޫޢް ތަކެކެވެ.

މީގެ އިތުރުން ވެސް އެއަރޕޯރޓް، ބްރިޖް، ކޯސްވޭ، މަގުހެދުންފަދަ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ކޮންމެ ސަރުކާރަކުންވެސް ކުރިއަށް ގެންދާކަން ފާހަގަ ކުރަމެވެ. މިފަދަ މަޝްރޫތައް ކުރިއަށް ގެންދިޔުމުގައި ވިސްނާލަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. މިފަދަ ބައެއް މަޝްރޫއް ތަކުގެ ތެރެއިން އެއަރޕޯޓް ގެ މަޝްރޫޢް ތަކަށް އަލި އަޅުވާލާނަމެވެ.

މިވަގުތުވެސް ދިވެހިރާއްޖޭގައި ޖުމްލަ 19 އެއަރޕޯޓް ހިނގަމުން އެބަދެއެވެ. އެއީ އިންޓަރނޭޝަނަލް ފަސް އެއަރޕޯޓާއި 14 ޑޮމެސްޓިކް އެއަރޕޯޓެވެ. އަދި މަސައްކަތް މިވަގުތުވެސް ތިން އެއަރޕޯޓެއްގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އެއީ ހިނގަމުންދާ މ. މުލި، ފ. މަގޫދޫ، އަދި ރ. އަލިފުށި އެއަރޕޯޓެވެ. އާ ސަރުކާރުގެ ޕައިޕްލައިންގާ އިތުރު 13 އެއަރޕޯރޓް ތަރައްގީ ކުރާނެ ކަމަށް އިންތިހަބީ ވައުދެއްގެ ގޮތުގައި ބަޔާން ކޮށްފައިވެ އެވެ.

your imageވީއައިއޭގައި ފްލައިޓުތަކެއް:  - ފޮޓޯ:ވީއައިއޭ

މަޝްރޫތައް ހިންގާ އިރު އެމަޝްރޫގެ ސަބަބުން އެރަށަކަށް ކުރާނެ އެދެވޭ އަސަރު ތަކާއި ނޭދެވޭ އަސަރު ތައް ދެނެ ގަނެ، މަސައްކަތް ފެށުމުގެ ކުރިން، ފާހަގަ ކުރެވޭ ނޭދެވޭ އަސަރު ތައް އެންމެ ކުޑަ ކުރެވޭނެ ގޮތެއްގެ މައްޗަށް އެ މަޝްރޫއެއް ވިލަރެސް ކުރުމަކީ މުސްތަގުބަލަށް ވިސް ނައިގެން ކުރާން ޖެހޭނެ ކަމެކެވެ. މިސާލަކަށް ބޮޑު ފަޅެއް އޮންނަ ރަށެއްގައި އެއަރޕޯރޓެއް އެޅުމަށް ނިންމާ އިރު އެރަށުފަޅުގައި އެއަރޕޯރޓް އަޅަން އެން ރަގަޅު ތަނެއް ފާހަގަ ކޮށް އެ ސަރަހައްދު ގައި މަސައްކަތް ކުރުމަކީ އެރަށުގެ ރައްޔިތުންގެ މުސްތަގުބަލަށްވެސް އެންމެ ރަގަޅު ހޮވުން ކަމުގައި ވެގެންދާނެއެވެ.

ކޮންމެ ރަށެއްގެ ވެސް ރައްޔިތުން ބޭނުންވަނީ ރަށުގެ ތަރައްގީ އާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކަކީ މާނަހުރި އަދި މުޖުތަމައަށް ހިއްސާކުރާ މަސައްކަތެއް ކަމުގައި އިހްސާސް ކުރެވޭތޯއެވެ. މިފަދަ އިސްނެގުމުގައި ހަމަ އެކަނި އެމުޖުތަމައެއްގެ ނަގާކިޔާ މީހުންގެ ބައިވެރިވުން އެކަނި އޮތުމަކީއެންމެ ރަގަޅަށް ރައްޔިތުންގެ ބައިވެރިވުން ނުވަތަ މަސްލަހަތު ނެތް ކަމެއްގެ ގޮތުގައި ފާހަގަ ކުރެވިގެން ދާނެއެވެ. އިޖުތިމާއީ އަސަރަކީ އަމަލެއް ނުވަތަ އަމަލެއް ނުކުރުމުގެ، ހަރަކާތެއް، މަޝްރޫއެއް، ޕްރޮގްރާމެއް ނުވަތަ ސިޔާސަތެއްގެ ސަބަބުން މީހުންނާއި މުޖުތަމައުތަކަށް ކުރާ އަސަރެވެ.

މިކަން ކުރާނެ ގޮތް އެނގުމަކީ ކިތަންމެހާވެސް އުނދަގޫ ކަމަކަށް ވެދާނެ ނަމަވެސް، ތިމާމެންގެ ކަންކަން މިންކުރާއިރު ވިސްނަންޖެހޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

ދެމެހެއްޓެނިވި ފައިދާ ލިބެނީ ކޮންބަޔަކަށް ހެއްޔެވެ؟

ފައިދާ ކުރަނި ކިތައްމީހުނަށް ހެއްޔެވެ.؟

އެމީހުންނަށް ފައިދާވަނީ ކިހިނެއް ހެއްޔެވެ؟

އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ހަގީގީ އަދި ހަރަކާތްތެރި އަސަރުތަކެއް ކުރެއެވެ. ބައެއް އަސަރުތައް ރަނގަޅަށް ވިސްނި، އިންވެސްޓްމަންޓްތަކުގެ މެރިޓަށް ބަލާއިރު ފައިދާ ވާން ފަށަ އެވެ. އިޖުތިމާއީ އަސަރުތައް ފަދަ އެހެން އަސަރުތަކަކީ މަޝްރޫއެއްގެ ކުރީކޮޅު އެހާ ފައިދާހުރި ގޮތެއްގައި ނުބެލެވޭ ނަމަވެސް ހަމަ އެހާމެ މުހިންމު އަސަރުތަކެކެވެ.

އިޖުތިމާއީ އަސަރުތަކަކީ ޕްރޮޖެކްޓަކުން އެމީހުންގެ ވަށައިގެންވާ މާހައުލަށް އަންނަ ބަދަލުތަކުގެ ސަބަބުން ހެޔޮ އަދި ނޭދެވޭ އަސަރުތަކެއް ކުރާ ނަތީޖާތަކެކެވެ. މި އިޖުތިމާއީ އަސަރުތަކުގެ ސަބަބުން ހެޔޮ ނަތީޖާތަކެއް ލިބޭއިރު، އާ އިންފްރާސްޓްރަކްޗަރ އިން އިޖުތިމާއީ ފައިދާތައް ކަނޑައަޅައި، އިންވެސްޓަރުންނަށް އެމީހުންގެ އިންވެސްޓްމަންޓްތައް ކަށަވަރުކުރެވޭނޭ ގޮތަށް ލޮކޭޝަން ކަނޑަ އެޅުމަކީ މުހިންމު ކަމެކެވެ.

މިހާރު މިއޮތީ އިޖުތިމާއީ އަގަށް އަޅުގަނޑުމެންގެ ސަމާލުކަން އިތުރުކުރަންވީ ވަގުތުޖެހިފަ އެވެ. ކޮވިޑް-19ގެ އަސަރުތަކާއި ރިސެޝަނަކަށް އަޅުގަނޑުމެން ރައްދުދޭއިރު، އިންފްރާސްޓްރަކްޗަރ ބޭނުންކުރާ މީހުންގެ ގޮތުގައި އަޅުގަނޑުމެންނަށް މުހިންމު ކަންކަމާއި، އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން އުފައްދަމުންދާ ދިރިއުޅުމުގެ ފެންވަރާ މެދު ވިސްނާލުމުގެ ފުރުސަތުވެސް އަޅުގަނޑުމެންނަށް އެބައޮތެވެ. މި ރިފްލެކްޝަންތަކުގެ ސަބަބުން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓްތަކުން ދެމިއޮންނަ ތަރިކަތައް ބައްޓަންކުރުމަށް އެހީތެރިވެދީ، އިޖުތިމާއީ އަދި އިގްތިސާދީ އަގުގެ މެދުގައިވާ ގުޅުން ރަނގަޅަށް ގުޅުވައިލެވޭނެ އެވެ.

ޕްރޮޖެކްޓްތަކުގެ ބިޒްނަސް ކޭސް ފޭސްގައި މިބާވަތުގެ އިޖުތިމާއީ އަސަރުތަކަށް ބެލުމަކީ ޕްރޮޖެކްޓްގެ ނަތީޖާ ރަނގަޅުވެ، އެންމެ ފަހުން ވަގުތާއި ހަރަދު ސަލާމަތް ކުރެވޭނެ ކަމެކެވެ. ކުރީގެ މަޝްރޫއުތަކުގެ ތަޖުރިބާއިން ދައްކާ ގޮތުގައި ޕްރޮޖެކްޓް ޕްލޭނިންގެ ކުރީކޮޅު އިޖުތިމާއީ އަސަރުތައް ދެނެގަނެ ވަޒަންކުރުމަކީ ހަރަކާތްތެރި އަދި ނުފެންނަ ސާފު ފައިދާތަކެއް ލިބޭ ކަމެކެވެ. ހަރަކާތްތެރި ފައިދާތަކުގެ މާނައަކީ މަޝްރޫއަށް ވަގުތާއި ފައިސާ ސަލާމަތް ކުރުމެވެ.

your imageރާއްޖޭގެ ރިސޯޓެއް: ފަތުރުވެރިކަން ރަނގަޅުވެ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެން އިންވެސްޓް ކުރާ ފަރާތްތަކުގެ ޝައުގުވެރިކަން ރާއްޖެއަށް ވަނީ ބޮޑުވެފައި - ފޮޓޯ:އެމްއެމްޕީއާރުސީ

މަޝްރޫއު ކުރިއަށް ގެންދާނެ ތަން ހޯދުމަކީ ނިންމުން ނިންމާ މީހަކަށް ވަރަށް މުހިންމު ނިންމުމެކެވެ. މިފަދަ ނިންމުމަކީ ރައްޔިތުންގެ ކާމިޔާބީ ތަމްސީލުކުރާ ނިންމުމެކެވެ. މި ދާއިރާއިން ބައެއް އުކުޅުތައް ތަރައްގީ ކޮށްފައިވާއިރު، އޭގެ ނަތީޖާއެއްގެ ގޮތުން އެންމެ ފައިދާހުރި ތަނެއް ހޯދުމަށް ގިނަ ގޮތްތަކެއް ހޯދާފައިވެއެވެ. އެއާޕޯޓް ލޮކޭޝަން ހޮވުމުގެ މައްސަލައަކީ ދަތުރުފަތުރުގެ ނިޒާމުގެ ސްޓްރެޓެޖިކް ޕްލޭނިން މައްސަލައެއްގެ ގޮތުގައި ބެލެވޭ މައްސަލައަކަށް ވާއިރު، އެކަން ބެލެހެއްޓުމަށް ޖެހެނީ އެ ނިޒާމުގެ ފުރިހަމަ ދާއިރާއަށް ބަލައިގެންނެވެ.

އެއާޕޯޓް އަޅަން ބޭނުންވާ ތަނަކީ، އެސަރަހައްދު ގައި ދިރި އުޅޭ ބަޔަކަށް ނުވަތަ އެނޫން ބަޔަކަށް ވިޔަސް މުސްތަގްބަލުގައި އޭގެ ނުރަގަޅު އަސަރު ސީދާ ކޮށް ލިބޭ ކަމަށް ވަންޏާއި އެނޫން ސަރަހައްދަކަށް ބަދަލު ކުރުމަކީ ކުރަން ޖެހޭނެ ކަމެކެވެ.

ދިވެހިރާއްޖޭގެ ސިޔާސީ ދުވެލި، އިންފްރާސްޓްރަކްޗާއަށް ބަދަލުވުމުން ދޭހަވަނީ ސަރުކާރުތަކުންން މި ފުރުސަތުގެ ވަގުތުކޮޅު އަތުލައިގަތުމަށް ޝައުގުވެރިވެފައިވާ މިންވަރެވެ. އެހެން ކަމުން 2008 ވަނަ އަހަރު، ފަހި ޑިމޮކްރެސީ އަކާ ދިމާލަށް ދަތުރު ކުރުމަށް ފެށި ހުރިހާ ސަރުކާރު ތަކުން ވެސް ދުރު ރާސްތާ ޕްލޭން އެއް ނެތި މުހިންމު ކަން ދޭ ތަރުތީބެއް ކަނޑަ ނޭޅި، އުމްރާނީ ތަރައްގީގެ ނަމުގައި މަޝްރޫއުތައް ކުރިއަށް ގެންދަން ފެށުނެވެ.

އިގްތިސާދީ އިންފްރަރސްޓްރަކްޗަރ އަށް ވިސްނާލާ އިރު މިވަގުތު ވެސް މިގައުމުގައި އޮޕްރޭޓް ކުރަމުން ދާ 19 އެއަރޕޯރޓް، މަސައްކަތް ހިނގަމުންދާ 5 އެއަރޕޯރޓް އޮތްކަން ފާހަގަ ކޮށްލެވެއެވެ. މިރާއްޖެއަށް ވުރެ އެތައް ގޮތަކުން މުއްސަނދި އެކުވެރި އަރަބި ޢިމާރާތުގައި ޖުމްލަ އޮތީ 7 އެއަރޕޯރޓެވެ. 

ދިވެހި ރާއްޖޭގެ އިގްތިސާދީ އިންފްރާސްޓްރަކްޗާއަށް ސާފު، ދިގުމުއްދަތުގެ ޕްލޭނެއް ކަނޑައަޅާފައިވާ ނޭޝަނަލް އިންފްރާސްޓްރަކްޗާ ސްޓްރެޓެޖީއެއް ތައްޔާރު ކޮށް އަމަލު ކުރަން ފެށުމަކީ މިހިނދުން މިހިނދަށްވެސް ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަ ކުރަމެވެ.

ސަރުކާރަކާ ހަވާލު ވާ ބަޔަކު އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭނީ، ބޮޑު އަމާޒެއް އޮތް ވާހަކަތައް ދިވެހި ރާއްޖޭގެ އިންފްރާސްޓްރަކްޗަރަށް ދިގުމުއްދަތަކަށް ހަރަކާތްތެރިވާންޖެހޭ ކުރިއެރުންތަކަކަށް ބަދަލުކުރުމަށެވެ. ސިޔާސީ އެޖެންޑާގެ މައިގަނޑުގައި އޮތީ އިންފްރާސްޓްރަކްޗަރކަން ސާފުކޮށް ފެނެއެވެ. 

ސިޔާސީ ވެރީންގެ "ވާނުވާ" އިންފްރާސްޓްރަކްޗަރގެ ސަބަބުން ދިވެހިން ތިބެން މި ޖެހެނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓުތައް މި ރާއްޖޭގައި ހުރި ނަމަވެސް ރިޒޯޓުން ޖޮބެއް ނުލިބި އެވެ. ރާއްޖޭގެ އާބާދީއަށް ވުރެން އެތައް ގުނައެއް އިތުރަށް ކޮންމެ އަހަރަކު ފަތުރުވެރިން މި ގައުމަށް އައިސް އެތައް މިލިއަން ޑޮލަރެއް އެބަ ހޭދަ ކުރެއެވެ. އެކަމަކު ދިވެހިން ތިބެން މި ޖެހެނީ ހަމަ އަގުގައި ޑޮލަރެއް ގަނެލަން ނުލިބި އެވެ. އަދި ކިއެއްތަ..؟ ބޯހިޔާވަހިކަމެއް އަދި އަސާސީ ހިދުމަތްތައް ފުރިހަމައަކަށް "ދިވެހީންގެ ރާއްޖެ" އަކުން ނުލިބެ އެވެ. 

ދިރިއުޅުމުގެ ހަރަދުތައް ދެކޮޅު ނުޖެހިގެން ދިވެހިން ހަފުސް ވުމަށް އޮތް އެއް ހައްލަކީ ނޭޝަނަލް އިންފްރާސްޓްރަކްޗާ ސްޓްރެޓެޖީއެއް ތައްޔާރުކޮށް އެއަށް ގާނޫނީ ބެލެނިވެރިކަން ދިނުމެވެ. ދިވެހިންނަށް އާމްދަނީ ހޯދުމަށް ފުދުންތެރި "މިނިވަން" އިގްތިސޯދަކަށް އިސްކަން ދޭ އުމްރާނީ ތަރައްގީގެ ތަރުތީބެއް ކަނޑަ އެޅުމެވެ. ގައުމު ދެކެ މާ ލޯބިވާ ބަޔަކަށް ވެގެން ސިޔާސީ ބޭފުޅުން އިންތިހާބުތަކަށް ތިޔަ ތިލަ ކުރައްވާ ކުލަ ނުވާ މެނިފެސްޓޯތަކަށް މިއަދު އިތުބާރު ކެނޑި ދިވެހިންނަށް ހައްގު ދިރިއުޅުން ގެއްލިއްޖެ އެވެ. 

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި