ފީފާގެ ޑިރެކްޓިވް - ފަހަތަށް ޖެހި، އަލުން ފަށާ!
ފީފާ އިން އެފްއޭއެމަށް އެންގީ މުޅީން އަލުން ފަށާށެވެ! ޖަވާބު ސިޓީގައި ފީފާގެ ދެ ވެރިޔަކު ސޮއިކުރައްވާފައިވެ އެވެ. އެއީ ޗީފް މެމްބަ އެސޯސިއޭޝަން އޮފިސަރާއި، މެމްބަ އެސޯސިއޭޝަންތަކުގެ ސެކެރެޓްރީ ޖެނެރަލްގެ ނައިބެވެ. ދެ ސަފްހާގެ ސިޓީއެއް މެދުވެރިކޮށް ދިން ޖަވާބުގައި "ސަސްޕެންޝަން" ގެ ވާހަކައެއް ނެތެވެ. އަދި "ނޯމަލައިޒޭޝަން" ގެ ވާހަކަ އެއްވެސް ނެތެވެ. އޮތީ ކުރިއަށްދާންވީ ގޮތެވެ!

ފީފާއިން އެންގެވީ، ފަހަތަށް ޖެހޭށެވެ! އަދި އަލުން އާ ފެށުމަކުން ފަށާށެވެ! ފީފާގެ ޖަވާބުން ދޭހަވީ "އައްބަ ޖަހާ" ގަވާއިދާއި އެއްގޮތަށް ކަންކުރަން ހަނދާންކޮށްދިން ކަމެވެ. އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑްގައި އެވާގޮތަށް، އަކުރުން އަކުރަށް ކަންކަން ކުރަން ހަނދާންކޮށްދިންކަމެވެ. ފީފާގެ ޖަވާބުސިޓީއަށް ނަޒަރު ހިންގާލުމުން ފާހަގަ ކުރެވުނީ ޖަވާބު އަވަސް ވެފައި ސާފުކަމެވެ. އެއްވެސް އޮޅުމެއް ނެތްކަމެވެ.

ފީފާ ސިޓީގެ ފަސްމަންޒަރު

އެފްއޭއެމް ހިންގަމުންގެންދަނީ ސިއްރުވެރި ޖަމާއަތެއްގެ ގޮތުގަ އެވެ. ފީފާގެ 22 ޖެނުއަރީ 2024 ގެ ސިޓީއަށް ތަފްސީލީ ނަޒަރަކުން ބަލާލަން ޖެނީ މިހެންވެ އެވެ. ސިއްރުވެރި ޖަމާއަތެއްގޮތުގައި އޮވެ ފީފާގެ ފައިސާއިން ވައްކަން ކުރުމުގެ ތުހުމަތު މިހާރު އެވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ގެމައްޗަށް ކުރެވިފަ އެވެ. މީގެ ތިން މަސްދުވަސްކުރީން ފުލުހުން އެފްއޭއެމް ރެއިޑް ކުރުމާގުޅިގެން ބައްސާމް ޔޫރޮޕަށް ދަތުރު ކުރެއްވި އެވެ. އަދި، ފީފާގެ ރައީސް އިންފެންޓީނޯ އާ ބައްދަލު ކުރެއްވުމަށް ފަހު ދެ ބޭފުޅުންގެ ފޮޓޯއެއް އިންސްގްރާމްގައި ފައުޅުކުރެއްވި އެވެ.

your imageފީފާގެ ރައީސް ބައްސާމު އަރިހުގައި

ފީފާގެ ތާއީދު އޮތްކަމަށް ދައްކާ މިފޮޓޯ ފައުޅުކުރެއްވިއިރު ރައީސް ބައްސާމާއި، އޭނާގެ އެކްސްކޯގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާއެއްގެ ކުރާނެކަން ޕްރޮސެކިއުޓަ ޖެނަރަލް ވަނީ އިއުލާނު ކުރައްވާފަ އެވެ. މިކަމާގުޅިގެން އެފްއޭއެމްގެ ހިންގާ ކޮމިޓީ ރޫޅެން ފެށި އެވެ. އަދި ނުވަ މެމްބަރުންގެ ހިންގާ ކޮމިޓީގެ ފަސް މެމްބަރުން އިސްތިއުފާ ދެއްވި އެވެ. މެބްބަރުން ވަކިވެ، އަގުލަބިއްޔަތު ގެއްލި ބައްސާމްގެ ރައީސްކަން ގެއްލިއްޖެކަމަށް އަޑު ފެތުރުނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުގައި އޭނާއާ ދެކޮޅަށް ދައުވާ ކުރަން ކޯޓަށް ފޮނުވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މިފަހުން ވަނީ ވިދާޅުވެފައެވެ.

މިހާދިސާއަށް ފަހު ކުއްލިއަކަށް އަޑުއިވުނީ، ވަގުތު ނުފުރާ، ކުއްލި އިންތިހާބެއް އިއުލާނު ކުރި އަޑެވެ. 17 ޑިސެމްބަރ 2023 ގައި ކުރި އިއުލާނުން އިންތިހާބު ބާއްވަން ކަނަޑައަޅާފައިވަނީ 31 ޖެނުއަރީ 2024 ގައެވެ. އޮޅުންގަނޑެއްގެ ތެރޭ ވާދަވެރި ކެންޑިޑޭޓް ޑިސްކޮލިފައިކޮށް އިންތިހާބެއް ބާއްވަން ކުރި މަސައްކަތުގެ އާހިރު ނަތީޖާއަކީ، ފީފާ އާއި ހިސާބަށް މައްސަލަ ތިލަ ތިލަވެ އިންތިހާބު "ކެންސަލް" ވުމެވެ. ކުރީ ފަހަރުތަކެކޭ ވެސް އެއްގޮތަށް މިފަހަރު ވެސް އެފްއޭއެމުން އުޅުނީ އަވަސް އަވަހަށް، ސިއްރު ސިއްރުން އިންތިހާބު "އޮޅާލާށެވެ"! އަދި ބައްސާމްގެ ދެ ދައުރުގެ ރިޔާސަތު ދަމަހައްޓާދިން "ފުޓުބޯޅަ ކާޓެލް" އަށް އަނެއްކާ ވެސް ކުރިއަށް އޮތް ފަސް އަހަރު ވެސް ހަވާލު ކުރާށެވެ.

ފީފާގެ ޖަވާބު ސިޓީގެ ޑިރެކްޓިވްތަކުން މިހާރުގެ ހާލަތު ބަދަލު ކުރެވިދާނެތޯ ނުވަތަ ނޫންތޯ ޔަގީން ކުރުން އޮތީ ކްލަބްތަކުގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާއަކަށް ވެފަ އެވެ. ފީފާގެ ޖަވާބަށް ޖެހިލުމުގެ ކުރީން އެސިޓީގައިވާ ހަތަރު "ޑިރެކްޓިވް" ގެދަށުން ފަށައިގަންނަ އިރު، އެފްއޭއެމުން ނިންމަންޖެހޭ މުހިންމު ތިން ކަމެއް ފާހަގަ ކުރެވެން ފަށައިފި އެވެ. އެއީ، އިންތިހާބަކަށް ދާއިރު އިންތިހާބުގައި ވޯޓްލުމުގެ ހައްގު އޮންނަ 35 ވޯޓް ތަމްސީލް ކުރާ ކްލަބް/ޒޯންތައް އިލެކްޓޯރަލް ކޮމިޓީން ލިސްޓުކޮށް މީޑިއާ އާ ހިއްސާ ކުރަންޖެހޭ އިރު ދިމާވާނެކަންކަމެވެ. ވޯޓާސް ލިސްޓް ކަށަވަރު ކުރެވޭނީ ތިން ކަމެއް ފުރިހަމަ ކުރެވިގެންކަމަށް ފެންނާން ފަށައިފި އެވެ.

  • ކްލަބް ވެލެންސިއާ އާއި ގްރީންސްޓްރީޓްސް ލީގް ކުޅުން ހުއްޓާލި ސަބަބު ދެނެގަނެވި، އެތިކްސް ކޮމިޓީން ގޮތެއް ނިންމަން ޖެހެ އެވެ. އެއްގޮތެއް ވެއްޖިއްޔާ މި ދެކަލްބަށް މިއިންތިހާބުގައި ވޯޓްލުމުގެ ހައްގު ގެއްލި، ދެ ވަނަ ޑިވިޒަނަށް ރެލިގޭޓް ވެސް ވެދާނެތީ އެވެ!
  • ދެވަނަ ޑިވިޒަންގެ ވޯޓް ހައްގުވާ 10 ކްލަބަކީ ކޮބާކަން، ވޯޓްލާން ތިބި ކްލަބަތަކަށް ޔަގީން ކުރެވެންޖެހެ އެވެ. މިސުވާލު އުފެދެނީ، ދެވަނަ ޑިވިޒަންގައި 15 ކްލަބް ކުޅޭތީ އެވެ.
  • ޒޯންތަކަށް އޮންނަ 9 ވޯޓް ކާސްޓް ކުރާ ފަރާތް، ނުވަތަ އެޒޯންތަކުގެ ކްލަބްތަކުން ކަނޑައަޅާ މަންދޫބަކީ ކާކުކަން އެފަރާތްތަކަށް އެނގެންޖެހެ އެވެ. މިދައްކަނީ ލީގްކޮލިފިކޭޝަން ކުޅުނު 64 ކްލަބްގެ ހައްގުގެ ވާހަކަ އެވެ.  

ފީފާގެ ސިޓީން އޮޅުންފިލި ހަގީގަތްތައް

ފީފާގެ ޖަވާބު ސިޓީން ކުރި ފުރަތަމަކަމަކީ، އެފްއޭއެމްއަށް ދިމާވެފައިމިވާ މައްސަލަ، އެފްއޭއެމްއަށް އޮޅުންފިލުވައިދިނުމެވެ. އެފްއޭއެމުން ބާއްވަން އުޅުނީ ކުރިއަށް އޮތް ދައުރަށް ރައީސް އިންތިހާބު ކުރާ އޯޑިނަރީ ކޮންގްރެސް އެކެވެ. އެހެން ނަމަވެސް ފީފާއިން އެންގީ ރައީސް އިންތިހާބު ކުރުމުގެ ކުރިން ކުރަންޖެހޭ އެހެން ކަންކަން ކުރުމަށެވެ. އެއީ ފުރަތަމަ އިލެކްޓޯރަލް ކޮމިޓީ އާއި، އިލެކްޓޯރަލް އެޕީލް ކޮމިޓީ، ކޮންގްރެސްއަކުން އިންތިހާބު ކުރުމަށް ފަހު، ދެ ވަނަ ކޮންގްރެސްއަކުން ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށެވެ.

މިފިޔަވަޅުތަކާބެހޭ ގޮތުން، ފީފާގެ ޖަވާބު ސިޓީން ފަސް ކަމެއް ފާހަގަ ކުރި އެވެ. ތިރީގައި އެވަނީ މި ފަސްކަމަކީ ކޮބާކަމާ، އަދި މިކަންކަން  މިހާރުކަން އޮތްގޮތެވެ.

  • ބާއްވަން ޖެހެނީ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބެއް! – ފީފާ ގެ ޖަވާބު ސިޓީން ފާހަގަ ކުރި ފުރަތަމަ ކަމަކީ، މިވަގުތު ހިނގަމުންދާ އިލެކްޓޯރަލް ޕްރޯސެސް އަކީ އެގްޒެކެޓިވް ކޮމިޓީ އިންތިހާބު ކުރަން ބާއްވާ ކޮންގެރެސްއެއް ކަމަށެވެ. އެހެން ނަމަވެސް، އެފްއޭއެމުން މަސައްކަތް ކުރީ ކުރިއަށް އޮތް ދައުރުގެ ރައީސް އިންތިހާބު ކުރުމަށެވެ. މިއީ ބޮޑު އޮޅުވާލުމެކެވެ!
  • އިލެކްޓޯރަލް ޕްރޯސެސް ގޯސް! – ދެ ވަނަކަމަކީ، އިންތިހާބެއް ބާއްވަން ހިންގާފައިވާ އިޖްރާއަތްތަކަކީ، އެފްއޭއެމްގެ ސްޓެޓިއުއުޓްސް (އަސާސީގަވާއިދު) އާއި ރެޖިއުލޭޝަންސް (އިލެކްޓޯރަލްކޯޑް) އާ ހިލާފަށް ހިންގާފައިވާ އިޖްރާއަތްތަކެއް ކަމެވެ. ވީމާ މިމަސައްކަތް ވަގުތުން ހުއްޓާލުމަށް ފަހު އަލުން ބަލުން ފެށުމަށެވެ. މިފަހަރު މިއޮތީ ގާނޫނުގެ މަތިން ކަންކަން ހިންގާކަން ކަށަވަރު ކުރެވިފަ އެވެ.
  • ހުށަހަޅާފައިވާ ޝަކުވާ ބަލައިގެންފިން! – ތިން ވަނަ ކަމަކީ، އެފްއޭއެމްއާ ބެހޭ ޝަކުވާ ފީފާ އިން ބަލައިގެންކަން ފާހަގަކޮށްފައި ވުމެވެ. "ކޮމްޕެލެއިންޓްސް" ލިބިފައިވާކަމަށް ބުނެފައިވެ އެވެ. އަދި އެހެނިހެން ލިޔުންތައް ނުވަތަ "ޑޮކިއުމަންޓްސް" ވެސް ލިބިފައިވާކަމަށް ބުނެފައިވެ އެވެ. ވީމާ، މިމައުލޫމާތުގެ އަލީގައި އިންތިހާބުގެ މަސައްކަތް ދަނީ ރަނގަޅަ ނޫން ކަން ހިތާމައާއެކު ފާހަގަ ކުރާކަމަށް ބުނުމުން ސާފުވީ ތަކުރާރުކޮށް ފީފާ އަށް އޮޅުވާލަން އުޅުނުކަމެވެ.
  • ގަވާއިދު ހަނދާންކޮށް ދިން! – ހަތަރު ވަނަ ކަމަކަށް އަންގާފައިވަނީ ގަވާއިދާ އެއްގޮތަށް ކަންކަން ކުރުމަށެވެ. އެފްއޭއެމް ސްޓެޓިއުޓްސްގެ އާޓިކަލް 26 ގެ 3 ވަނަ ކްލޯސް (އިލެކްޓޯރަލް ކޮމިޓީ) އާއި އިލެކްޓޯރަލް ކޯޑްގެ އާޓިކަލް 12 އިން ތަފްސީލްކޮށް ދޭ އިސްތިއުނާފު ކުރުމުގެ އިޖްރާއަތްތައް ނުވަތަ "އެޕީލް ޕްރޮސީޖާ"ގެ މަތިން ހަނދާންކޮށް ދިނެވެ. މިއީ އެއޭފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް އެނގެންޖެހޭ ކަންކަމެވެ. ނޭނގޭކަމަށް ހަދައިގެން ހަނި ދޭތެރެއަކުން އަނެއްކާ ވެސް ވައްކަމެއް ކުރަން އުޅުނުކަން ދޭހަވެ އެވެ.
  • އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތް، އަލުން ފަށާ!– ފަސް ވަނަ ކަމަކަށް ފާހަގަ ކުރީ އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތްކަމެވެ. މިކަން ފާހަގަ ކުރަމުން ނޯޓްކޮށްފައިވަނީ، ފީފާއަށް ލިބިފައިވާ ޝަކުވާތަކާ މައުލޫމާތުން އެޕީލް ކޮމިޓީއެއް ނެތްކަން އޮޅުން ފިލިކަމަށެވެ. އަދި އިލެކްޓޯރަލް ކޮމިޓީން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރާ "އިލެކްޓޯރަލް އެޕީލް ކޮމިޓީ" އެއްވެސް ނެތްކަމެވެ.

އިސްވެ ދެންނެވި ސަބަބުތަކަށްޓަކާ ފީފާއިން އަންގާފައިވަނީ، މިވަގުތު ކުރަމުން ގެންދާ މަސައްކަތަކީ ގަވާއިދާ ހިލާފަށް ހިންގާ ކަންކަން ކަމަށެވެ. ވީމާ މިމަސައްކަތް ވަގުތުން ހުއްޓާލުމަށެވެ. އަދި އާ ފެށުމަކުން ފެށުމަށެވެ! އެފްއޭއެމްގެ ސްޓެޓިއޓްސް އާއި އިލެކްޓޯރަލް ކޯޑާ އެއްގޮތަށް އަލުން ފެށުމަށެވެ.

ފީފާގެ ސިޓީން ޔަގީންކުރެވުނު މުހިންމު އަނެއް ކަމަކީ، އެފްއޭއެމްގެ ސައްހަ ސްޓެޓިއުޓްސްއަކީ 7 މޭ 2016 ގައި ފާސްކޮށްފައިވާ އިނގިރޭސި ކޮޕީ ކަމެވެ. އެއީ، ފީފާއިން ހަވާލާދީފައިވަނީ އެކޮޕީގެ މާއްދާތަކާ ކަމަށް ވާތީ އެވެ. ފައުޅުވި ދެ ވަނަ މުހިންމު ޑޮކިއުމެންޓަކީ އެފްއޭއެމްގެ އިލެކްޓޯރަލް ކޯޑް 2015 އެވެ.

your imageއެފްއޭއެމް ހައުސްގައި ބޭއްވި ވެލެންސިއާގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުން .-- ފޮޓޯ: މިހާރު

ފައުޅު ނުވަނީ ކްލަބް ވެލެންސިއާގެ އަސާސީ ގަވާއިދެވެ. ކޮމިޝަނަރު ކަށަވަރު ކޮށްދިން ޗެއަޕާސަނަށް ވެސް އެކްލަބްގެ އަސާސީ ގަވާއިދުގެ ހާމައެއް ނުކުރެވުނެވެ!

އަލުން ފެށުން

އާ ފެށުމަކުން ފެށުމަށް ފީފާއިން ދީފައިވާ 4 "ޑައިރެކްޓީވް" ސިޓީގައި ފާހަގަކޮށްފައިވެ އެވެ. މިހާތަނަށް ހިންގާފައިވާ އިންތިހާބީ އިޖްރާއްއަތްތަކަކީ އެފްއޭއެމްގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދުތަކާ (އިލެކްޓޯރަލް ކޯޑް) އާ ހިލާފަށް ހިންގާފައިވާ އިޖްރާއަތްތަކެއް ކަމަށާއި، މިހެންވެ އެއީ ބާތިލް އިޖްރާއަތްތަކެއް ކަމަށް ކަނޑައަޅާ، ދެން ކަންކުރަންވީ ގޮތް އަންގާފައިވެއެވެ. އެގޮތަކީ

މިވަގުތު ހިންގަމުންދާ އިލެކްޓޯރަލް ޕޮރޯސެސް ކެންސަލް ކުރުން.

  • އިލެކްޓޯރަލް ކޮމިޓީ އާއި، އިލެކްޓޯރަލް އެޕީލް ކޮމިޓީން އިންތިހާބު ކުރަން ކޮންގްރެސް އެއް ބޭއްވުން.
  • މި ދެ ކޮމިޓީއަށް އިންތިހާބު ކުރާ މެމްބަރުންނަކީ، ސްޓެޓިއުޓްސް އާއި އިލެކްޓޯރަލް ކޯޑާ އެއްގޮތަށް އިންތިހާބު ކުރާ ބައެއްކަން ކަށަވަރުކުރުން.
  • އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބު ކުރުމުގެ އިޖްތާއަތްތަކުން އަނބުރާ ފުރަތަމަ ފިޔަވަޅުން ފެށުން.

ކަންކުރަންވީ ގޮތް 

އެފްއޭއެމްއިން ބޭނުންވިގޮތަށް ރައީސްއެއް އިންތިހާބު ކުރުމުގެ ވާހަކައެއް ސިޓީއަކު ނެތެވެ. އަންގާފައި އޮތީ އެގްޒެކެޓިވް ކޮމިޓީ އިންތިހާބު ކުރުމަށެވެ! އަދި އެންގުންތަކާ އެއްގޮތަށް އަމަލު ކުރާނެކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ލިޔުމަކުން ޖަވާބެއް ފޮނުވުމަށެވެ. އެއަށް ފަހު، އިލެކްޓޯރަލް ކޯޑާއެއްގޮތަށް، އިލެކްޓޯރަލް ކޮމިޓީ އާއި، އިލެކްޓޯރަލް އެޕީލް ކޮމިޓީގެ މެމްބަރުން އިތިހާބު ކުރުމަށެވެ. މި ދެ ކޮމިޓީގެ މެމްބަރުން އިންތިހާބު ކުރުމަށް ފަހު، މި ދެ ކޮމިޓީގެ މެމްބަރުންނާ އެކު އެފްއޭއެމްގެ އިންތިހާބުގެ އިޖްރާއްތަތައް އާ ފެށުމަކުން ފެށުމަށެވެ. އަދި އަސާސީ ގަވާއިދާއި، އިލެކްޓޯރަލް ކޯޑާ އެއްގޮތަށް އިންތިހާބު ހިންގުމަށް މި ދެ ކޮމިޓީ އާ އެކު ފީފާ އައި އޭއެފްސީން ގާތުން މަސައްކަތް ކުރާނެކަމަށެވެ.

ފީފާގެ ސާފު ޖަވާބު - އަލުން އާ އިންތިހާބަށް ގޮވާ!

ފީފާގެ ޖަވާބު ސިޓީން އެންގީ އަލުންބަލުން އާ އިންތިހާބެއް އިއުލާ ނުކުރުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ފަހު އިންތިހާބު ބާއްވާށެވެ.  އަދި އިންތިހާބު ހިންގާނީ އެވެރީންގެ ވެސް ބެލުމުގެ ދަށުންކަމަށެވެ. ފީފާއިން ކުރި ދެ ވަނަ ކަމަކީ މެމެމްބަރު ކްލަބްތަކުގެ ޒިންމާދާރު ބައިވެރިވުމަށް އެފްއޭއެމް އަލުން ބަލުން ހުޅުވާލުމެވެ. މެމްބަރުން ވޯޓުލައިގެން، ތެދުވެރި އިލެކްޓޯރަލް ކޮމިޓީއަކާއި، އިތުބާރު ކުރެވޭ އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް އިންތިހާބު ކުރުމެވެ. ފީފާ އިން މި ހުޅުވާލަދިނީ އާ ފުރުސޮތެކެވެ. އާ ފެށުމެކެވެ. ކްލަބްތަކުން މިކަން ދެނެގަންނަންވާނެ އެވެ.

ކްލަބްތަކުން ދެން ވިސްނަންވީ ކަމަކީ ކެންޑިޑޭޓެޓަކަށް ސަޕޯޓް ކުރާންވީ ސަބަބު ސަބަބުތައް ސާފުކޮށް ދެނެގަތުމެވެ. އަދި އެއީ ކޮންކޮން ކަންކަމެއްކަން ލިޔުމަކަށް ތިރިކުރުމެވެ. ކެންޑިޑޭޓުންގެ މެނިފެސްޓޯއެއް ކްލަބަށް ލިބެންޖެހެ އެވެ. އެ މެނިފެސްޓޯއިން އެކެންޑިޑޭޓެއްގެ ފަހަތަށް އަރަން ޖެހޭ ސަބަބުތައް ސާފުކޮށް ބަޔާންކޮށްދޭންވާނެ އެވެ. ވީމާ، އެފްއޭއެމްގެ މެމްބަރު ކްލަބްތަކުން މިވަގުތު ކުރަންވީ އެންމެ މުހިންމު ކަމަކީ، ފުޓުބޯޅަ އެސޯސިއޭޝަންގެ ސްޓެޓިއުޓްސް (އަސާސީ ގަވާއިދު) އާއި އިލެކްޓޯރަލް ކޯޑް (އިންތިހާބު ހިންގުމުގެ އިޖްރާއަތްތައް) ޒިންމާދާރު ކަމާ އެކު ކިޔާ ފަރިތަކޮށް ރަނގަޅަށް ދެނެގަތުމެވެ. ތާއީދު ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅޭނީ ފުޓުބޯޅަ މެނެޖްމަންޓަށް ހޭލުންތެރިވެގެންކަން މި ހާދިސާއިން އަނެއްކާ ވެސް ރަމްޒުކޮށް ދޭނެ އެވެ.

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި