ބައްސާމް
ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފި
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓް ހިފަހައްޓައިފި ކަމަށް ބައެއް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފި ކަމަށް ބައެއް ރިޕޯޓްތައް ލިބިފައިވީނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. މިކަމާ ގުޅޭ ގޮތުން ބައްސާމްއާ ސުވާލު ކުރުމުން އެއްވެސް ޖަވާބެއްވެސް ދީފައެއް ނުވެއެވެ. 

ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފިކަމުގެ ރިޕޯޓްތައް މި ލިބެން ފެށީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުގައި އޭނާއާ ދެކޮޅަށް ދައުވާ ކުރަން ކޯޓަށް ފޮނުވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވަނިކޮށެވެ. 

އެފްއޭއެމްގެ ވެރިންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުގައި، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ އެންމެ އިސްކޮށް ތުހުމަތުކުރެވޭ ފަރާތް ކަމަށާއި އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވީ މިދިޔަ ހަފްތާގައެވެ. ޝަމީމް ވިދާޅުވީ، ބޭރުގެ އިދާރާތަކުން ފޮނުވާ ފައިސާއާ މެދު އަމަލުކުރެނެ އުސޫލުތަކެއް ރާއްޖޭގައި ހުންނަ ކަމަށެވެ. އެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާކަމަށް ތުހުމަތު ކުރެވެނީ އެފްއޭއެމް ހިންގަވަން ތިއްބެވި ވެރިންނަށް ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އެ މައްސަލައިގައި ތުހުމަތު ކުރެވެނީ އެފްއޭއެމްގެ ހިންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުންނަށް. ޕްރައިމް ސަސްޕެކްޓަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެންނަން އޮތީ އެފްއޭއެމްގެ ރައީސް ބައްސާމް، ދެން އަޅުގަނޑުމެންގެ ތުހުމަތަކީ ނުވަތަ ފުލުހުންގެ ތުހުމަތަކީ އެފްއޭއެމަށް ފީފާއިން ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫތަކާ ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުންކުރަނީއޭ." ޝަމީމް ވިދާޅުވިއެވެ. 

އެފްއޭއެމްގައި ހިނގަމުންދާ ކަމަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގައި މިދިޔަ އޮކްޓޫބަރު މަހު ފަހުކޮޅު ފުލުހުންވަނީ އެފްއޭއެމްގެ އިދާރާ ރެއިޑްކޮށްފައެވެ.

ޕީޖީ މިހެން ވިދާޅުވިޔަސް، ބޭރުގެ އިދާރާތަކުން ދޭ އެއްވެސް ފައިސާއަކަށް ހިޔާނަތްތެރިވެފައި ނުވާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
100%
ދެރަވި
0%
ރުޅިއައި