ގާޒާ ހޮސްޕިޓަލުގެ ކޮންމެ ދިމާއަކަށް ބެއްޔަސް ފެންނާނީ ޒަހަމްވެފައިވާ ކުޑަކުދިން - ފޮޓޯ: ސްކައި ނިއުސް
އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 16000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައިފި
މި އަހަރު އޮކްޓޯބަރު 7 އިން ފެށިގެން ޔަހޫދީ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން 16000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީންގެ ޝިކާރައަކަށްވެ ޝަހީދުވެފައިވާ މީހުންގެ ތެރެއިން 70 އިންސައްތައަކީ މައުސޫމު ކުޑަކުދިންނާއި އަންހެނުން ކަމުގައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 6700 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި ގާޒާ ތެރޭގައި ޒަހަމުވި މީހުންގެ އަދަދު ވަނީ 40000އަށް ވުރެ މައްޗަށް އަރައިފަ އެވެ. 

ޔަހޫދީ އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވުމުގެ ސަބަބުން ނުވަތަ އެ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 8000 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ދަނީ ސްކޫލުތަކާއި, މިސްކިތްތަކާއި, ފައްޅިތަކާއި, ރެފިއުޖީ ކޭމްޕްތަކާއި ހޮސްޕިޓަލްތަކަށް ވެސް ބޮން އަޅަމުންނެވެ. ގާޒާއަށް އެހީ ފޯރުކޮށްދޭން ހުރި ހުރިހާ މަގެއް އިޒްރޭލުން ވަނީ ބަންދުކޮށްފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެކުނު ގާޒާގައި ގާއިމްކޮށްފައި ހުރި ގުދަންތައް ހުސްކުރަން އިޒްރޭލުގެ އަސްކަރިއްޔާއިން އިއްޔެ އެންގި ކަމަށާއި އެ ގުދަންތައް ހުސްކުރަން ދިނީ 24 ގަޑީރުގެ މުހުލަތެއް ކަމަށެވެ. އަދި ހުސްނުކޮށްފި ނަމަ އެއްގަމުން ދޭ ހަމަލާތަކުގައި އެ ގުދަންތައް ބޭނުން ނުކުރެވޭ ވަރު ކުރާނެ ކަމަށް އިޒްރޭލުން އިންޒާރު ދީފައިވާ ކަމަށް ވިދާޅުވި އެވެ.

އިންސާނީ އެހީއާ ބެހޭ އ.ދގެ އިދާރާއިން ބުނީ ޔަހޫދީ ސިފައިންގެ އުދުވާނުގައި ގާޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 1.8 މިލިޔަން މީހުންގެ ގެދޮރު ސުންނާފަތި ކޮށްލާފައިވާ ކަމުގައެވެ. މިއީ ގާޒާގެ އާބާދީގެ 80 ޕަސެންޓަށް ވުރެ ގިނަ މީހުންނެވެ.

ގެދޮރު ދޫކޮށް ގޮސްފައިވާ 1.2 މިލިއަން މީހުން އުޅެމުން އަންނަނީ ޔޫއެންއާރްޑަބްލިއުއޭ އިން ގާއިމުކޮށްފައިވާ 156 ވަގުތީ ހިޔާތަކުގައި ކަމަށްވެސް ބުނެފައިވެ އެވެ.

ގާޒާއަށް އިންސާނީ އެހީތެރިކަން ވެއްދުމަށް ޔަހޫދީންގެ ހަމަލާތައް ހަފުތާއަކަށް މެދުކަނޑާލުމަށްފަހު މިހާރު ވަނީ އިހުނަށް ވުރެ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. ގާޒާގެ އުތުރުން މީހުން ފައްސާލުމަށް ފަހު ދެކުނު ގާޒާއިން ބޭރުވުމަށް ވެސް ޔަހޫދީން ދަނީ ގޮވަމުންނެވެ.

ޔަހޫދީން ބުނާ ގޮތުން އުތުރު ގާޒާއިން މީހުން ބޭރުކުމަށްފަހު ގާޒާގެ ވަކި ހިސާބަކަށް ފަލަސްތީން މީހުން ވަނުން މަނާކުރާނެ އެވެ. އެއީ ޒަޔަނިސްޓް އާބާދީތަކަށް ނުރައްކަލަކަށް ވެދާނެތީ ކަމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޮތި ވިދާޅުވެފަ އެވެ.

އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީޒް (އައި.ސީ.އާރް.ސީ)ގެ އިސްވެރިޔާ މިރިޖަނާ ޝްޕޮލްޔަރިޗު އަންނަނީ ގާޒާގެ މުސްލިމުން ދިރިއުޅުންދާ ނިކަމެތި ހާލާއި، އެ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތައް ވަޒަން ކުރެއްވުމަށް ގާޒާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ގާޒާގެ މުސްލިމުން ރައްކާތެރިކަން ހޯދަން ވަންނާނެ އެއްވެސް ތަނެއް، އިމާރާތެއް ނެތް. މިއީ، ބަލައިގަނެވޭނެ ކަމެއް ނޫން. [ޔަހޫދީންގެ] އަސްކަރީ އޮޕަރޭޝަނުގެ ސަބަބުން އެ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ވެސް ނެތް،" އެކްސް އަށް ދޫކޮށްލެއްވި ވީޑިއޯ ޕޯސްޓެއްގައި ޝްޕޮލްޔަރިޗު ވިދާޅުވި އެވެ.
100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި