ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު: އޭނާގެ މޭޒުކޮޅުގައި ހުރި މައިކު ބިންދާލި މައްސަލަ މަޖިލިހުގެ ސުލޫކާއި އިމްތިޔާޒާ ބެހޭ ކޮމިޓީއަށް ވަނީ ހުށަހަޅާފައި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ބިންދާލި މައިކު ހަދަން 5،100 ރުފިޔާ، ޖާބިރުގެ ސުލޫކީ މައްސަލަ ބަލަނީ
ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މޭޒުކޮޅުގައި ހުރި މައިކު ބިންދާލި މައްސަލަ މަޖިލިހުގެ ސުލޫކާއި އިމްތިޔާޒާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

މެންބަރު ޖާބިރު އިއްޔެގެ ޖަލްސާއަށް ވަޑައިގެންނެވި ގޮތަށް އަޑުގަދަކުރައްވަން ފެއްޓެވީ އާދިއްތަ ދުވަހުގެ ރޭ މަޖިލިހުގެ ނައިބު ރައީސް އިންތިހާބު ކުރުމަށް ބޭއްވި ވޯޓުގެ ނަތީޖާ އާ މެދު އޭނާ ހިތްހަމަޖެހިވަޑައިނުގަންނަވާތީ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ މެންބަރު ޖާބިރުގެ މޭޒުމަތީގައި ބަހައްޓާފައިވާ މައިކްރޮފޯނު ބަދަލު ކުރަން ޖެހޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި އެކަމަށް 5،100 ރުފިޔާ ހަރަދު ވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވާ ކަމަށެވެ.

މަޖިލިހުގެ ސުލޫކާއި އިމްތިޔާޒާ ބެހޭ ކޮމިޓީއަށް މެމްބަރު ޖާބިރުގެ މައްސަލަ ހުށަހެޅުއްވީ މެންބަރުން އަމަލު ކުރަން އޮންނަ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލު ކުރެވިފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މަޖިލިހުގެ ރައީސަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

އިއްޔެގެ ޖަލްސާގައި މެމްބަރު ޖާބިރު އަޑުގަދަ ކުރައްވަން ފެއްޓެވުމާ ގުޅިގެން އޭނާގެ ނަން ރިޔާސަތުން އިއްވެވި އެވެ. އޭގެ ކުރިން ދެ ފަހަރަށް އޭނާއަށް ނަސޭހަތް ދެއްވުމުން މެމްބަރު ޖާބިރު ވަނީ ބިންމަތީގައި އިށީނދެވަޑައިގަނެފަ އެވެ. ތިން ވަނަ ފަހަރަށް ނަސޭހަތް ދެއްވުމަށް ފަހު، ރައީސް އަސްލަމް ވަނީ މެމްބަރު ޖާބިރުގެ ނަން އިއްވައި މަޖިލިސް ދޫކުރައްވަން އަންގަވާފަ އެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
100%
ރުޅިއައި