ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދުދީދީ: ފެނަކައިގެ ވަޒީފާއިން މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ ކުއްލި މައްސަލައެއް ވަނީ ހުށަހަޅާފައި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ފެނަކައިގެ ވަޒީފާއިން މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ ކުއްލި މައްސަލައެއް
ފެނަކަ ކޯޕަރޭޝަނުގެ ވަޒީފާއިން މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ފެނަކައިގެ ވަޒީފާއިން މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދުދީދީ އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ހުސައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ރާއްޖޭގެ އަތޮޅުތަކުގެ ފެނަކައިންދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދާ ކަމަށެވެ.

"ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުގެ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދެމުންގެންދާ ކަރަންޓު، އައިސް ޕްލާންޓް، ނަރުދަމާ، ފެނާ އަދި ބޮޓްލިން ޕްލާންޓުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރަމުންގެންދާ ހީވާގި މުވައްޒަފުން، އަނިޔާވެރިކަމާއި ބޭއިންސާފުން ބަދަލުހިފުމުގެ ރޫހެއްގައި ވަޒީފާއިން ވަކިކުރަމުންގެންދާ މައްސަލަ ހުއްޓުވައިދިނުމަށް އެދި، އެ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާލަމެންޓްރީ ގްރޫޕުގައި އެދިފައިވާ މައްސަލައިގައި ސަރުކާރުގެ ސަމާލުކަމަށް ގެނެސް، މިހިނދުން މިހިނދަށް މި އަނިޔާވެރި އަމަލު ހުއްޓުވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ 170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަން،" - ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދުދީދީ

މެމްބަރު ހުސައިން ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލިހަށް ބަލައިގަނެ، ބަހުސް ކުރަން ފެނޭތޯ ވޯޓަށް އެހުމުން އެ މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ފެންނަ ކަމަށް ޖަލްސާއަށް ހާޒިރުވެ ތިއްބެވި 37 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 33 މެމްބަރުންގެ ވޯޓާ އެކު ވަނީ ފާސްކޮށްފަ އެވެ. އެ މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދީފައި ނުވެ އެވެ.

0%
އުފާވި
50%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
50%
ރުޅިއައި