އަމީނިއްޔާ ސްކޫލުގެ ދަރިވަރުން: އޯލެވެލްގެ ނަތީޖާ ޑީޕީއީން ވަނީ ދޫކުރަން ފަށާފައި - ފޮޓޯ:އަމީނިއްޔާ ސްކޫލް
ފަޑުވަމުން އަންނަ ދިވެހި ބަހަށް އާ އުންމީދެއް!
މިއީ ދިވެހިންނެވެ. ދިވެހިންގެ މާދަރީ ބަސް ކަމުގައިވާ ދިވެހި ބަސްދެކެ ލޯބިވާ ބައެކެވެ. ދިވެހި ގައުމިއްޔަތުގެ ބިިންގާ އެޅިފައިވާ އަސާސުތަކުގެ ތެރެއިން މައިގަނޑު އެއް އަސާސަކީ ދިވެހި ބަހެވެ.

ދިވެހި ގައުމިއްޔަތުގެ ބިިންގާ އެޅިފައިވާ އަސާސުތަކުގެ ތެރެއިން މައިގަނޑު އެއް އަސާސަކީ ދިވެހި ބަހެވެ. އެހެން ނަމަވެސް ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެކު ދިވެހިންގެ މާދަރީ ބަަސް ފަޑުވަމުން އަންނަކަމުގެ ހެކިތަށް މިއަދު މިދަނީ ފެންނަމުންނެވެ. 

މިއަދު ބޮޑެތިވަމުން އަންނަ ކުދިންގެ މެދުގައި ދިވެހި ބަހަކީ ފަޑުވަމުން އަންނަ އަލިގުޅަ އެކެވެ. ތަހުޒީބުވަމުން އަންނަ މި ޒަމާނުގައި މިއަދުގެ ކުދިން ދަނީ ދިވެހިބަހާ މަޑުމަޑުން ނަމަވެސް ދުރުވަމުންނެވެ. މިކަން މިހެން ވިޔަނުދީ ބަސް ސަލާމަތް ކުރުމަށް އަލަށް އިންތިހާބު ވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފަ އެވެ. އެގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ނަމުގައި ވުޒާރާ އެއްވަނީ އުފައްދަވާފަ އެވެ. 

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ހިންގެވުމުގެ ޒިންމާ ހަވާލު ކުރައްވާފައިވާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވެފައިވަނީ ޑރ. މުއިއްޒަކީ ވަރަށް ރަނގަޅަށް ކަންކަން ތަރުތީބު ކުރައްވައި ރާއްވަވާ އަދި ކަމެއް ކުރަން ނިންމަވާ އިއުލާން ކުރައްވާއިރު ދުރާލާ އެކަމާ ގުޅޭ ހުރިހާ ކަމެއް އެކަށައަޅުއްވާ ޕްލޭން ކުރެވިގެން ކަންކަން ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ހަމައެހެންމެ ރާވާ އިއުލާން ކުރައްވާ ކަމެއް އެގޮތަކަށް ކުރެއްވުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާ ބޭފުޅެއް ކަމަށް ވެސް އާދަމް ނަސީރު ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ޑރ. މުއިއްޒު ކަންކަން އިއުލާނު ކުރައްވާފައި އެވަނީ އެކަމަށް އެކަށީގެންވާ ވަރަށް ރަނގަޅަށް ފުރިހަމަ ތައްޔާރު ވެގެން ކަމުގަ އެވެ. މީގެ އިތުރުން މިއީ ޑރ. މުއިއްޒުގެ ވަރަށް ހާއްސަ މަޝްރޫއެއް ކަމައްވެސް އާދަމް ނަސީރު ވިދާޅުވި އެވެ. 

"އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ދިވެހިންނަށް ދިވެހި ދަރިންނަށް އަމިއްލައަށް ދިވެހި ބަހުން ވިސްނުމުގެ ހައްގު އޮންނަން ވާނެ. ދިވެހި ދަރިންނަށް އެމީހުންގެ އަމިއްލަ އަސްލުތައް ދެނެގަތުމުގެ ހައްގު އޮންނަން ވާނެ، އެކަމަށް މަގު ފަހިވާން ވާނެ. އެކަަމަށްޓަކައި ހޭލުންތެރިކަން އިތުރުކުރެވެންވާނެ،" - ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހިމް

އިންތިހާބުވެވަޑައިގަތުމުގެ ކުރިން ވެސް ޑރ. މުއިއްޒު ދައްކަވަމުން ގެންނެވި ވާހަކަފުޅަކީ ބޮޑެތި ވަމުން އަންނަ ކުދިންގެ މެދުގައި ދިވެހި ބަހަށް ލޯބި ޖައްސަން ޖެހޭ ވާހަކަ އެވެ. ބަސްދިރުވާ އާލާކުރުމަށް މަސަތްކަތްތަކެއް ކުރަން ޖެހޭ ވާހަކަ އެވެ. މިއަދު ފެންނަމުން މިދަނީ ދައްކަވަމުން އައި ވާހަކަތަށް ހަގީގަތަކަށް ހަދައިދީ އޭގެ ހަގީގީ މަންޒިލަށް ދަތުރު ކުރުމަށް އޮޑީގެ ރިޔާ ނަގާފާވާ މަންޒަރެވެ. 

ދިވެހި ބަހާ އަދަބިއްޔާތަށް ހިދުމަތް ކުރުމުގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ހޭދަ ކުރެއްވި ތަޖުރިބާކާރަކު ވިދާޅުވީ ދަރިންގެ ހިތްތަކުގައި ދިވެހިބަހާއި ގައުމިއްޔާތުގެ ވިންދު ޖަހާނީ އެފަދަ ސިޔާސަތުތަކެއް ކަނޑައެޅި އެ ސިޔާސަތުތައް ތަންފީޒު ވެސް ކުރެވިގެންކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީތައް ތައާރަފުވުމަށް ފަހު ނޭނގި ނަމަވެސް މިވަނީ ދިވެހިބަހާ މެދު ވަރަށް ބޮޑަށް އިހުމާލުވެވިފައިކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހިބަހަށް ސިޔާސީ ހިމާޔަތް ނުލިބި އެތައް ދުވަހެއް ހޭދަ ވެއްޖެ. މިއަދުގެ ސަރުކާރުން، އަލަށް އުފެއްދެވި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަކީ، އިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމުދު މުޢިއްޒު، ދިވެހިބަހަށް ސިޔާސީ ހިމާޔަތާއި އޯގާތެރިކަން ދެއްވާނެކަމުގެ އަލިގަދަ ހެއްކެއް. ހަމަގައިމު ވެސް އަޅުގަނޑު މި ހުރީ، މިނިސްޓަރު އޮނަރަބްލް އާދަމް ނަސީރު، އަޅުގަނޑުމެން އުފާވާނެ ފަދަ މަސައްކަތްޕުޅުތަކެއް ކުރައްވާނެ ކަމަގެ ފޮނި އުމީދުގައި." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ބަހަކަށް ހަގީގީކުރިއެރުން ލިބޭނީ، އެބަހެއްގެ އަހުލުވެރީންގެ ހިތްތަކުގައި ބަހާ މެދު ލޯތްބާއި ކުލުނު ޖެއްސިގެން ކަމަށެވެ. ހާއްސަކޮށް ކުޑަކުދިންނާއި ޒުވާނުންގެ ހިތަތަކުގައި ބަހުގެ ލޯބި އިތުރު ކޮށްގެން ކަމަށެވެ. 

މިއަދު ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް އުންމީދަކަށް ވެގެން ދާނީ ދިވެހިންގެ ބަސް ދިރުވާ އާލާވެގެންދާ މަންޒަރު ކުރިއަށް އޮތް ތަނުގައި އަމަލީ ގޮތުން ފެނިގެން ދިޔުމެވެ. ދިވެހިބަހުގެ ވުޒާރާ އާ ހަވާލުވެހުންނެވި ވަޒީރު އާދަމް ނަސީރު އިބްރާހިމްގެ ފަންނުވެރިކަމާ ހިންގުން ތެރިކަން ފެނިގެން ދިއުމެވެ. ބޭނުމީ ދިވެހި ބަސް ފިޔަޖާހާލާ މިނިވަން ކަމާ އެކު އުދުހެމުން އަންނަ މަންޒަރު ބަލާލުމަށެވެ.

50%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
50%
ރުޅިއައި