އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން 2025ގައި ފަށާނީ ޖެނުއަރީގައި
ދިރާސީ އާ އަހަރު ފެށުން، 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާނެ ކަމަށް އާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ތާރީހަށް ބަދަލު ގެންނާނެކަން މިނިސްޓަރު އިސްމާއީލް ހާމަކުރެއްވީ މާލޭގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނާއެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ޕްރިންސިޕަލަކު އަވަސް އަށް ވިދާޅުވީ ކުރިއެކޭވެސް އެއްގޮތަށް ދިރާސީ އަހަރު ފެށުން ޖެނުއަރީއަށް ބަދަލުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ އެވެ. އެކަމަކު، ކޮވިޑުގެ ހާލަތާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން ސަރުކާރުން 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށުން ވަނީ އޮގަސްޓު މަހަށް ބަދަލުކޮށްފަ އެވެ.

ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މި ނިންމުމަށް ގިނަ ބަޔަކު ހިތްހަމައެއް ނުޖެހެ އެވެ. އާންމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވީ، ސްކޫލުތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރު ހުޅަނގު މޫސުމުގެ މޫސުން ގޯސް ދުވަސްވަރާ ދިމާވުމެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު އިސްމާއިލް ވަނީ، އަލުން އެ ބަދަލުތައް ގެންނާނީ ދިރާސާ ކުރުމަށްފަހުގައި ކަމަށް ވިދާޅުވެފަ އެވެ. 

ސްކޫލުތައް ފަށާ ދުވަސްވަރު ބަދަލުކުރުމަކީ މި ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

73%
އުފާވި
18%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
9%
ރުޅިއައި