މުލިއާގެ
މުލީއާގޭގެ މަރާމާތުން ވިރާސީ އަސްލު ތަކަށް ގެއްލުމެއް ނުވާނެ: މިނިސްޓަރު
މުލީއާގެ މަރާމާތުކުރާނީ އެ ބިނާގެ އަސްލަށް އެއްވެސް ބަދަލެއް ނާންނާނެ ގޮތަށް ކަމަށް ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގެ މަރާމާތުކުރާނެ ކަން ސަރުކާރުން އިއުލާންކުރުމާ އެކު ބައެއް ފަރާތް ތަކުން ވަނީ އެ އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވެސް ވަނީ އެކަމާ ބެހޭގޮތުން އެކްސް ގައި ޕޯސްޓެއް ކުރައްވާފަ އެވެ. އެ ކަމަނާ ވަނީ މުލިއާ ގެއަކީ ސަގާފީ ތަރިކަ ގާނޫނުގެ ދަށުން ދަފްތަރު ކޮށްފައިވާ މުހިއްމު ބިނާ އެއް ކަމުން، އެ ގޭގެ އަސްލަށް ބަދަލެއް ގެނެވިގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ މުލީއާގެ މަރާމާތު ކުރާނީ އެތަނުގެ ވިރާސީ އަސްލު ތަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ގޮތަކަށް ކަމަށެވެ.

"އެތަނުގެ ވިރާސީ އަސލުތަކަށް ގެއްލުމެއް ނުވާ ގޮތަށް، އެތަން ރައްކާތެރި ވާނެ ގޮތަކަށް ކުރެވޭ މަސައްކަތެއް އެ މަސައްކަތަކީ" - މިނިސްޓަރު ނަސީރު

މަރާމާތުގެ މަސައްކަތަށް ނަގާނީ ކިހާ ދުވަހެއް ކަމެއް އަދި ނޭނގޭ ކަމަށް ވެސް މިނިސްޓަރު ނަސީރު ވިދާޅުވިއެވެ.

ކުރީގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދިރިއުޅުއްވި ގެ ކަމަށްވާ މުލިއާގެ މަރާމާތުކޮށް ނިމެންދެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދިރިއުޅުއްވަނީ އަމިއްލަ ގެކޮޅުގައި ކަމަށްވާ މ. ދިމްޔާތުގަ އެވެ.

މުލިއާ ގެއަކީ މީގެ 100 އަށްވުރެ ގިނަ އަހަރު ކުރިން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާ ކުރެއްވި ގެއެކެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި