ޓްރާންސްފޯމަރެއްގައި ރޯވެ، ހިޔާ ޓަވަރު ސަރަހައްދުގެ ބަޔަކުން ވަނީ ކަރަންޓު ކެނޑިފައި - ފޮޓޯ:ސީއެންއެމް
ޓްރާންސްފޯމަރެއްގައި ރޯވެ، ހިޔާ ޓަވަރު ތިނަކުން ކަރަންޓު ކެނޑިއްޖެ
އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގެ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައި ޓްރާންސްފޯމަރުތަކުގެ ތެރެއިން ޓްރާންސްފޯމަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ޓަވަރު ތިނަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ދާދި ދެންމެއަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ‏އެޗްޑީސީން ހުޅުމާލޭގެ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތަކުގެ ތެރެއިން ޓްރާންސްފޯމަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

ޓްރާންސްފޯމަރެއްގައި އަލިފާން ރޯވެ ހިނގި މި ހާދިސާ އާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު (އޭޑީ) ވިދާޅުވެފައި ވަނީ ހިޔާ ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއްގައި ރޯވެ ހިނގި މި ހާދިސާގައި ތިންވަނަ ޓަވަރު ފިޔަވާ އެހެން ހުރިހާ ޓަވަރަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ.

"ހުޅުމާލޭގެ ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ޓަވަރުތަކުގެ ތެރެއިން ޓަވަރު ތިން ވަނަ ޓަވަރު ފިޔަވާ އެހެން ހުރިހާ ޓަވަރަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި. ތިން ވަނަ ޓަވަރަށް ކަރަންޓު ދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މި ކުންފުނިން ދަނީ ކުރަމުން،" - ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު

އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި ޓަވަރު ތިނަކަށް ކަރަންޓު ދިނުމުގެ މަސައްކަތަށް ދެ ގަޑިއިރެއްހާއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯގެ ފަރާތުން އޭނާ ވަނީ މާފަށް އެދިވަޑައިގެންފަ އެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި