ބުޅަކަށް ވަޅި ޖެހުމުގެ އިރުކޮޅެއް ކުރިން
ބުޅާ މެރި މީހާ ބުނަނީ ވީޑިއޯއަކީ ހެދިދާނެ އެއްޗެއް ކަމަށް
މާލޭގެ މަގެއްމަތީގައި އޮތް ބުޅަލެއްގެ ގަޔަށް ވަޅި ހަރައި މަރާލި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މާލޭގެ މަގެއްމަތީގައި އޮތް ބުޅަލެއްގެ ގަޔަށް ވަޅި ހަރައި މަރާލި މީހަކު ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ. އެއީ، މ. ކޮޅުފުށީ، ޖަވާހިރުވާދީ، އަހްމަދު ނަސީމް އެވެ.

އެ ބުޅަލަށް އަނިޔާކުރި  ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމު ވެފައިވާއިރު، ޝަރީއަތުގައި އަހްމަދު ނަސީމް ބުނީ، ވީޑިއޯއަކީ މިހާރު ކޮންމެ މީހަކަށްވެސް ހެދިދާނެ އެއްޗެއް ކަމަށެވެ. އެކަމަކު އޭނާގެ މައްޗަށް ކުރާ ތުހުމަތާ ގުޅޭ ގޮތުން ސީދާ ވާހަކައެއް އޭނާ ނުދައްކައެވެ.

އާއްމުވި ވީޑިއޯ އިން ފެންނަނީ މަގުމަތިން ހިނގާފައި އައި ފިރިހެނަކު އިމާރާތެއްގެ ކައިރީގައި އޮށޯވެލައިގެން އޮތް ބުޅަލެއްގެ ކައިރި އަށް ތިރިވެ، އިރުކޮޅަކު މަޑުކޮށްގެން ހުރުމަށް ފަހު ކުއްލިއަކަށް އެ ބުޅަލުގެ ގަޔަށް ވަޅި ހަރާ ތަނެވެ. ވަޅި ހެރުމާ އެކު އެ ބުޅާ ވަރަށް ބާރަށް އެތަނުން ދުއްވައިގަނެ އެވެ. އެއީ ނަސަންދަރު ފުރަގަހުގައި، އަމީރު އަހްމަދު މަގުގައި ހުންނަ އިމާރާތެއްގެ ކުރިމަތީގައި އޮތް ބުޅަލެކެވެ.

ވަޅި ހެރި އެ ބުޅަލަކީ ބަނޑު ބޮޑު ބުޅަލެއް ކަމަށްވެ އެވެ. ބުޅަލަށް އަނިޔާވެރިވުން ކުށްވެރިކޮށް ގިނަ މީހުން ނުރުހުންފާޅުކޮށްފައިވެ އެވެ.

ޖަނަވާރުންނަށް އަނިޔާކުރުމަކީ ގާނޫނީ ކުށެކެވެ. ގާނޫނުލްއުގޫބާތުގައިވާ ގޮތުން، އަނިޔާވެރިކަމާ އެކު ޖަނަވާރަކާ މެދު އަމަލުކުރުމަކީ ކުށެކެވެ. އަދި މި ކުށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި