ވެލާނާގެ: ޅަދަރިމައިންނަށް މަސައްކަތް ކުރުމަށް ލުއިދޭނީ ދަރިފުޅަށް ދެ އަހަރު ވަންދެން ކަމަށް ސީއެސްސީން ވަނީ ނިންމާފައި - ފޮޓޯ:ސަން
ޅަދަރިމައިންނަށް މަސައްކަތް ކުރުމަށް ލުއިދޭނީ ދަރިފުޅަށް ދެ އަހަރު ވަންދެން
ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ޅަދަރިމައިވުމުގެ ސަބަބުން މަސައްކަތް ކުރަން ލުއިދޭނީ ދަރިފުޅަށް ދެ އަހަރު ވަންދެން ކަމުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފި އެވެ.

ސީއެސްސީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ އެ ކޮމިޝަނުން 2014 ވަނަ އަހަރު އެކުލަވާލާފައިވާ ގަވާއިދުގެ 183 ވަނަ މާއްދާގެ ދަށުން އެ ސާވިސްގެ މުވައްޒަފުންގެ ތެރެއިން ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި ދަތިއުދަނގޫ މުވައްޒަފުންނަށް ލުއި ގޮތަކަށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގައި އިދާރާތަކުގެ މެދުގައި ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް އެދޭ ކަމަށެވެ.

ސީއެސްސީން ބުނެފައި ވަނީ އެފަދަ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ އެންމެ ދިގު މުއްދަތަކީ ދަރިފުޅަށް 24 މަސް ފުރުމާ ހަމައަށް ކަމަށެވެ.

އަދި އެފަދަ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ ވަގުތުތައް ކަނޑައަޅަންވާނީ އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތުގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތުގެ ވަގުތުގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދުނުވާނެ ގޮތުގެ މަތިން ކަމަށް ވެސް ސީއެސްސީން ބުނެ އެވެ.

ސީއެސްސީން ބުނި ގޮތުގައި މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ މަސައްކަތު ގަޑިތަކެއް ހަމަޖައްސައިދިނުމަކީ ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން އެ މުވައްޒަފުންނަށް ދެވޭ ލުޔަކަށް ވާތީ، ފްލެކްސިބަލްކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާ މުއްދަތަށް އެފަދަ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އުނިކޮށްގެން ނުވާނެ ކަމުގަ އެވެ.

މީގެކުރިން އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ދެމުން އައީ ތިން މަސް ދުވަހުގެ ޗުއްޓީއެއް ނަމަވެސް މި ސަރުކާރުން 2019 ވަނަ އަހަރު އެ މުއްދަތު ހަ މަހަށް ވަނީ އިތުރުކޮށްފަ އެވެ. އޭގެ އިތުރުން ދަރިފުޅުގެ ބައްޕައަށް ލިބޭ ޕެޓާނިޓީ ލީވް ތިން ދުވަހުން އެއް މަހަށް ވަނީ އިތުރުކޮށްދީފަ އެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި