އާބަންކޯއިން އިއްޔެ ކުރި އިއުލާނުގައި ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ޕޭވްމަންޓާއި ހެޖުތެރޭގައި ކެފޭ، ރެސްޓޯރެންޓު އަދި ޖޫގޯ ޕޮއިންޓްތަކުން ގަވާއިދާ ހިލާފަށް ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ހިދުމަތްދެމުން އަންނަ ކަމަށެވެ.
އެކި ސަރަހައްދުތަކުގައި ވިޔަފާރި އުސޫލުން ބޭނުންކުރުމަށް ބަހައްޓާފައިވާ ގޮނޑި އާ މޭޒުތައް އަންނަ ހޯމަ ދުވަހުގެ ކުރިން ނަގައި ދިނުމަށް އާބަންކޯއިން ވަނީ އެދިފަ އެވެ.
އާބަންކޯއިން ބުނެފައި ވަނީ އެ މުއްދަތުގެ ތެރޭގައި އެ ތަކެތި ނަގާފައިނުވާނަމަ، އެތަކެތި ނަގައި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ސާފުކުރުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ވެސް އާބަންކޯއިން ބުނެ އެވެ.
ހުޅުމާލޭގެ ޕޭވްމަންޓު މަތީގައި ބަހައްޓާފައިވާ ގޮނޑިތަކާއި މޭޒުތައް ނަގަން އާބަންކޯއިން އެންގިއިރު، އެ ކޯޕަރޭޝަނުން ވަނީ ހިޔާ ފްލެޓު ސަރަހައްދުގެ ބީޗު ސަރަހައްދުގައި ބަހައްޓާފައިވާ ހެދިކާ ހަޓުތައްވެސް ނަގަން އަންގާފަ އެވެ.