އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އަދަދަކީ އޭގެ ކުރީ މަހާ އަޅާބަލާއިރު 300 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ސަރުކާރުން 2020 ވަނަ އަހަރުން ފެށިގެން ކޮންމެ މަހަކުވެސް ފައިސާ ޗާޕު ކުރަމުން އަންނައިރު، މި އަހަރުގެ ކުރީކޮޅު ޗާޕުކުރި 4.2 ބިލިއަން ރުފިޔާ ދިގު މުއްދަތުގެ ބޮންޑަކަށް ވަނީ ބަދަލުކޮށްފަ އެވެ.
އެފަހުން ކޮންމެ މަހަކު ޗާޕުކުރާ ފައިސާގެ އަދަދު ދެ ބިލިއަން ރުފިޔާއަށް ލިމިޓުކޮށްފައި ވުމާ އެކު، މިހާރު ކޮންމެ މަހަކު އެ ލިމިޓަށްވުރެ އިތުރަށް ފައިސާ ޗާޕެއް ނުކުރެވޭނެ އެވެ. މި އަހަރު 4.2 ބިލިއަން ރުފިޔާ ބޮންޑަކަށް ބަދަލުކޮށްފައިވުމުން، އަހަރު ނިމޭއިރު ދެ ބިލިއަން ރުފިޔާ އިތުރަށް ޗާޕުކޮށްފި ނަމަ، މި އަހަރުގެ ތެރޭގައި ޗާފުކުރާ ފައިސާގެ ޖުމްލަ 6.2 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ސަރުކާރުން ޗާޕުކުރާ ފައިސާ އާ ހުރެ، ދިގު މުއްދަތުގައި އެމްއެމްއޭއަށް ދައްކަން ޖެހޭ ބޮންޑުގެ ގޮތުގައި 13 ބިލިއަން ރުފިޔާ މިހާރު އެބަހުއްޓެވެ.
ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން 4.4 ބިލިއަން ރުފިޔާ އާ ހަމައަށް ފައިސާ ޗާޕު ކުރެވޭނެ ލިމިޓެއް ސަރުކާރުން 2020 ވަނަ އަހަރުން ފެށިގެން ކަނޑައަޅާފައިވާއިރު، ރައްޔިތުންގެ މަޖިލިހުން ވަނީ އެ ލިމިޓަށް މި އަހަރުގެ ނިޔަލަށް ފައިސާ ނެގޭނެ ގޮތަށް ފާސްކޮށްދީފަ އެވެ.