ދައުލަތުގެ އެއް ބާރުކަމަށްވާ ރައްޔިތުންގެ މަޖިލިހުގެ ބައެއް މަސައްކަތް މިހާރު ހުރީ ވާނުވާ ބަންދެއްގައި - ސީއެންއެމް ގްރެފިކްސް: ރަޒީން
މަޖިލިސް މެޖޯރިޓީ ލިބުނަސް އަދި ނުފުދޭ، އިދާރީ މެޖޯރިޓީ ވެސް ބޭނުން!
މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރީ ތިން މަޖިލިހެކެވެ. އެއީ 17 ވަނަ މަޖިލިހާއި 18 ވަނަ މަޖިލިސް އަދި މިހާރު ހިނގަމުންދާ 87 ތިއްބެވި 19 ވަނަ މަޖިލިހެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ސާފު މެޖޯރިޓީ - އަގުލަބިއްޔަތު ލިބިފައި ވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށެވެ. އެ ޕާޓީން ވަނީ މަޖިލިހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ ސިޔާސީ ޕާޓީ އަކަށް ރައްޔިތުންގެ މަޖިލިހުން މިހާ ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

މަޖިލިހުގެ 87 ދާއިރާގެ ތެރެއިން 64 ގޮނޑި ކާމިޔާބު ކުރުމަކީ އެމްޑީޕީން ހޯދި ތާރީހީ ކާމިޔާބީއެއް ކަން ފާހަގަކުރައްވައި 19 ވަނަ މަޖިލީހުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރައްވަން އިސްނެންގެވި، އެމްޑީޕީގެ "އަންނި" އެއިރު ވިދާޅުވީ މަޖިލިސް ކެމްޕޭންގައި ވި ވައުދާ އެއްގޮތަށް އެޖެންޑާ 19 ގެ މަސައްކަތްތައް މަޖިލީހުގައި ފަށާނެ ކަމަށެވެ. އަލަށް ފަށާ ރައްޔިތުންގެ މަޖިލިހަކީ މާބޮޑަށް ވެސް ތަފާތު މަޖިލިހެއް ކަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ވެސް ރައީސް ނަޝީދު އެދުވަހު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ވެވަޑައިގަތުމަށް އެމަނިކުފާނުގެ ޝައުގުވެރި ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. މަޖިލިހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ގާބިލް ބޭފުޅުން އެމްޑީޕީގައި ތިއްބެވި ކަމަށް ވިދާޅުވެ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމްގެ ނަން ފާހަގަކުރެއްވި އެވެ.

އެކަމަކު ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާ އަށް 19 ވަނަ މަޖިލިހަށް އިންތިހާބު ވެ ވަޑައިގެންނެވި މުހައްމަދު ނަޝީދަށް މަޖިލީހުގެ ބާރުތައް "ފެނުނުގޮތް" ވީ އެމަނިކުފާނުގެ (ކުރީގެ) ޕާޓީ އެމްޑީޕީ އަށާއި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ވެރިކަމަށް "ބލ" ވެރިކަމަކަށެވެ.

  • ނަޝީދު ސިއްރިޔާތުގައި މަޖިލިހުގެ ބާރުތަކަށް ހިފުން

މަޖިލީހުގެ ވެރިޔަކަށް އެމްޑީޕީގެ ތެރެއިން ހޮވާނެ ބޭފުޅަކާ މެދު ބޮޑު ބަހުސަކަށް ގޮސް، ރައީސް ސޯލިހާއި ނަޝީދުގެ ސަޕޯޓަރުން ދެ ބަޔަކަށް އެދުވަހު ބެހުނެވެ. އަދި އެމްޑީޕީގެ ތެރެއިން ރައީސް ސޯލިހުގެ ސަރުކާރަށް ފާޑު ކިއުންތަކެއް އަމާޒުވުމުން، ރައީސާއި ނަޝީދުގެ ގުޅުން ގޯސްވެފައި އޮތް ކަމަށް އަޑު ފެތުރުނެވެ.

އާ މަޖިލިހުގެ ރައީސް ކަމަށް ގެނައުމަށް ރައީސް ސޯލިހް ތާއީދު ކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށެވެ. އަދި މަޖިލިހުގެ ރައީސް ކަމަށް ގެނައުމަށް ނަޝީދު ތާއީދު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށެވެ.

އެކަމަކު ދަރުބާރުގޭގައި އޮތް ބައްދަލުވުމުގައި އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންނަށް ވެސް އިއްތިފާގުވެވަޑައިގެންނެވުނީ މަޖިލިހުގެ ރައީސް ކަމަށް އެ ޕާޓީގެ ރައީސް ނަޝީދު ގެނައުމަށެވެ. މިއީ ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ނިމިގެން ދިޔަ ބޮޑު ނިންމުމެކެވެ. މިއާއެކު، މަޖިލިސް ހިނގަމުން ދާނީ ގާނޫނުއަސާސީ އާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް އެމްޑީޕީން ދެކުނެވެ. އަދި ރައްޔިތުން "އެޖެންޑާ 19" އަށް ވޯޓު ދިން އުންމީދުތައް ހަގީގަތަކަށް ހެދުމަށް ނަޝީދުގެ އެހީ ލިބޭނެކަމަށް އެމްޑީޕީން އުންމީދު ކުރި އެވެ.

އެމްޑީޕީގެ ރުހުމާ އެކު، ރައީސުލްޖުމްހޫރިއްޔާގެ މަގާމް ފުރުއްވުމަށް ފަހު ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރެއްވި ފުރަތަމަ ބޭފުޅާގެ ޝަރަފާ އެކު ނަޝީދު ތާރީހުގެ ތެރެއަށް ވަދެވަޑައިގެންނެވި އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަމަށް އެމަނިކުފާނުގެ ދެބެންގެދެދަރި ކޮއްކޯފުޅު އީވާ އަބްދުﷲ މަޖިލިހުގެ 76 މެމްބަރުންގެ އަގުލަބިއްޔަތުން އިންތިހާބު ކުރެއްވި އެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަކީ ކޮބައިކަމާއި އިންތިޒާމުވެގެން ހިންގާ ސިޔާސީ ހަރަކާތުގެ ބޭނުމަކީ ކޮބައިކަން އަދި ކޮންމެ ސަރުކާރެއްގައި ކޮންމެ ވެރިކަމެއްގެ ކޮންމެ އަމަލަކުން ރައްޔިތުންގެ ދިރިއުޅުމަށް އެ އަންނަ ބަދަލު ރައްޔިތުންނަށް ސާފުވާނެ ކަމަށް ވިދާޅުވެ މަޖިލިސް ހިންގުމުގެ ގާނޫނީ މަސައްކަތުގެ ހުވާ ނަޝީދު ކުރެއްވި އެވެ.

your imageމަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

  • އެމްޑީޕީގެ ވިސްނުމާ ދުރު ރިޔާސަތެއް

މަޖިލިހަކީ ރާއްޖޭގެ ގާނޫނުތައް ހެދުމުގެ ބާރު މަތިކޮށްފައިވާ ފަރާތަށްވުމާއި ރައްޔިތުންގެ ހައްގުތަކާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް އެތަނުން ކުރާއިރު މަޖިލީހުގެ މަސައްކަތްތައް މަޑުނުޖެހި، މަޖިލިސް އެންމެ ފުރިހަމައަށް ހިނގަމުން ދާނެކަމަށް އެމްޑީޕީން އުންމީދު ކުރި އެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީ މަޖިލީހުން "އެހީ"ވެ އެއްބާރުލުން ދޭނެކަމަށް ގަބޫލުކުރި އެވެ. ނަމަވެސް ކަން ހިނގާދިޔައީ އަދި ހިނގާ ދަނީ އެމްޑީޕީގެ އިތުރުން މުޅި ރާއްޖޭގެ ތުސްތޫރު ވެސް ތަޖުރިބާ ކުރަން ނުޖެހުނު އުނދަގޫ ދުވަސްތަކެކެވެ.

ރައީސް ނަޝީދު މަޖިލިސް ހިންގުމަށް ފުރަތަމަ އެޅުއްވި އެއް ފިޔަވަޅަކީ 19 ވަނަ މަޖިލީހުގެ މަސައްކަތް ފެށުނު ފަހު ދައުރު ހަމަވި މަޖިލިސްގެ އިދާރާގެ އިސް ތިން މަގާމަކަށް، އިއުލާން ކުރުމަކާ ނުލައި، ރައްޔިތުންގެ މަޖިލިހުގެ އޮފިސަރުންގެ ގޮތުގައި ކުރިންވެސް ތިއްބެވި ތިން ބޭފުޅަކު، އިތުރު ދައުރަކަށް އެ މަގާމުތަކުގައި ބައިތިއްބުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްކުރުމެވެ. އެގޮތުން، މަޖިލީހުގެ އަމީން އާންމުގެ މަގާމުގައި ފާތިމަތު ނިއުޝާ ބެހެއްޓުމަށް މަޖިލިހުގެ 59 މެމްބަރުންގެ އިއްތިފާގުން ރުހުން ދީ، ކައުންސެލް ޖެނެރަލްގެ މަގާމަށް ފިލްޒާ ބަހައްޓަން 58 މެމްބަރުންގެ އިއްތިފާގުކޮށް އަދި ސާޖެންޓް އެޓް އާމްސްގެ މާގަމަށް މުހައްމަދު ހަލީމް އައްޔަން ކުރަން ވެސް މަޖިލީހުގެ 59 މެންބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.

މަޖިލިސް ގަވާއިދުގައި ބުނަނީ އަމީން އާންމު، ކައުންސެލް ޖެނެރަލް އަދި ސާޖަންޓް އެޓް އާމްސްގެ މަގާމަށް މީހުން އައްޔަން ކުރުމުގައި އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މަޖިލިހުގެ ރައީސް އާންމުކޮށް ހުޅުވާލަން ވާނެ ކަމަށެވެ. އަދި ޝަރުތު ހަމަވާ މީހުންގެ ނަންތައް މަޖިލިހުގެ ރައީސް މަޖިލިހަށް ހުށަހަޅައި އެއިން ކޮންމެ މަގާމަކަށް ބޭފުޅުން އައްޔަން ކުރާނީ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްވާ މީހެއް ކަމަށް ގަވައިދުގައިވެ އެވެ. ނަމަވެސް ނަޝީދުގެ އިތުރުން އާންމު ކޮމެޓީން ވެސް އަމަލުކުރެއްވީ މި ގަވާއިދާ ހިލާފަށެވެ. 

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ނެގުމަށް ފަހު، ދެން މަޖިލިހުގައި އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ އަމީން އާންމެވެ. އަދި ކައުންސެލް ޖެނެރަލް އާއި ސާޖެންޓް އެޓް އާމްސް އަކީ ދުވަހުން ދުވަހަށް މަޖިލިސް ކާމިޔާބުކަމާއެކު ހިންގުމުގެ މުހިންމު އިދާރި ބައިވެރިންނެވެ. ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދުގެ އެތައް މާއްދާތަކާއި ލޫޕްހޯލްތަކެއް ހުއްޖަތަކަށް ދެއްކުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުވަތަ އިދާރީ ހިންގުން " ލޮކްޑައުން" ކޮށްލެވިދާނެ ކަން ފިސާރި ރަނގަޅަށް މިދެންނެވި ބޭފުޅުންގެ އެހީއާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އެދަނީ ސާބިތުކޮށް ދެއްވަމުންނެވެ.

your imageއީވާ މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާއިރު އިދާރީ މޭޒުން އަމީން އާއްމު ނިއުޝާ އީވާއަށް ލަފާ ދެއްވަނީ

  • އިދާރީ ހިންގުމުގައި ތަޅު އެޅުވި ބައެއް މިސާލު

ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި އިއުލާން ކުރެއްވި، ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފެހެއްޓި، ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި ކޯޓުތަކުގެ ބާރުތައް އިޔާދަ ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް ދަންމަން، ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއަށް ހުށައެޅުމުން 2018 ވަނަ އަހަރު ފެބުރުއަރީ މަހު ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ ގުޅޭ ގޮތުން ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށް، އެ މަޖިލިހުގެ އަދި މިހާރު ހިގަމުންދާ މަޖިލީހުގެ ވެސް ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ މަޖިލިސް ދޫކުރައްވައި ވަޑައިގެންނެވި އެވެ. މަޖިލިހާ ގުޅޭ ކަންކަމަށް ގާނޫނީ ލަފާ ދެއްވަން ކަނޑައަޅާފައި ހުންނަވާ ކައުންސެލް ޖެނެރަލް ފިލްޒާ މަޖިލިސް ދޫކުރައްވައި އެދުވަހު ވަޑައިގަތީ، އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރުގެ ބައިތަކާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ އެވެ. ނަމަވެސް ގާނޫނީ ލަފާ ދެއްވުމުގައި ހިޔާލު ތަފާތުވާ އިރަށް މަޖިލިސް ދޫކުރައްވާ ވަޑައިގަތުން އެއީ 18 ވަނަ މަޖިލިސް ގަވާއިދު ވެސް ދަންނަ ކަމެއް ނޫނެވެ.

އެބުރި 19 ވަނަ ރައްޔިތުންގެ މަޖިލިހަށް ޖެހިލާނަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމް ސަސްޕެންޑް ކުރި ފަހުން 10 މަސްވެއްޖެ ކަމަށާއި އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު އެ މައްސަލަ ވެސް އޮތީ ހުއްޓި، "ވާނުވާ"އެއް ގަ ކަމަށް ބުނާ ހަބަރެއް ނޫސްތަކުން ކިޔަން ލިބުނެވެ. މަޖިލީހަށް އައްޔަންކުރާ ތިން މަގާމުގެ ތެރެއިން ދެ ވަނަ އަށް އެންމެ އިސް މަގާމުގެ ގޮތުގައި ކަނޑައަޅާފައިވާ ސާޖެންޓް އެޓް އާމްސް ވަކިކުރި ސަބަބެއް މަޖިލިހުގެ އިދާރާ އިން މިހާތަނަށް ރަސްމީކޮށް ނުބުނެ އެވެ. އޭނާގެ މައްސަލަ އާއްމު ކޮމިޓީން ބެލީ ވެސް ސިއްރު ކޮށްގެންނެވެ.

ހަލީމަށް ތުހުމަތުކުރި މައްސަލަ ކޮމިޓީން ބަލަން ފެށީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ ކޮޓަރީގައި ބަގުކުރާ އާލާތްތަކެއް ހަރުކޮށްގެން ވާހަކަތައް އަޑުއަހަން އުޅެފައިވާ މައްސަލަ ފެންމަތިވުމުންނެވެ. އާއްމު ކޮމިޓީން ނިންމާފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 18 ވަނަ މާއްދާގައި ހަލީމްއާ މަތިކޮށްފައިވާ ޒިންމާ އަދާނުކުރެއްވުމުގެ އިތުރުން ގާބިލްކަން ނެތުމާއި ފަރުވާ ކުޑަކޮށްފައިވާ ކަމަށެވެ. އެހެންވެ، އޭނާ މަގާމުގައި ބެހެއްޓުމަށް އިތުރަށް ނުފެންނަ ކަމަށެވެ.

މަޖިލީހުގެ އިދާރާގެ އޮނިގަނޑު ރާވާފައިވާ ގޮތުން ސާޖެންޓް އެޓް އާމްސްއަކީ، ރައްޔިތުންގެ މަޖިލިހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސްވެރިޔާ އެވެ. މާނައަކީ މަޖިލިސް ތަޅުމުގެ ކޮންޓްރޯލް އޮތަސް މަޖިލީހުގެ އިދާރާގެ އޮނިގަނޑު ރާވާފައިވާ ގޮތުން ސާޖެންޓް އެޓް އާމްސްއަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުން ހަމަކަށް އެޅުމަށް މުހިއްމު މޫނެކެވެ. ނޫންނަމަ، ގެއްލުން އޮތީ ހަމަ މަޖިލިހަށެވެ.

އެހެން އިދާރީ މައްސަލަ އެކެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސީސީޓީވީ ފުޓޭޖު "ގެއްލުނު" މައްސަލައެއް ފެންމަތިވެ، އެކަމާ ގުޅިގެން ބައެއް މަޖިލީހުގެ މެންބަރުން މިފަހުން ކަންބޮޑުވުން ފާޅުކުރެއްވި ހަބަރެއް ވެސް ނޫސްތަކުން ރިޕޯޓް ކުރި އެވެ.

މި ކަމެއް މީޑިއާ އަށް ތިލަވީ މަޖިލީހުގެ އިމްތިޔާޒާއި ސްލޫކާ ބެހޭ ކޮމިޓީން ބަލަމުންދިޔަ މައްސަލައެއްގެ ތެރެއިންނެވެ. ކޮމިޓީން ބަލަމުން ދިޔައީ، މީގެ ދެ އަހަރު ކުރިން، މަޖިލިހުގައި ގާއިމްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ އޮފީހުގެ ނަންބޯޑު ކައިރީ "ސާލިހް ޕާޓީ، އެމްއެމްޕީ" ލިޔެފައިވާ ކަރުދާސްގަނޑެއް ތަތްކުރި މައްސަލަ އެކެވެ.

your imageމަޖިލިހުގެ އިދާރާގައި ގާއިމްކޮށްފައިވާ ޖުމްހޫރީ ޕާޓީ އޮފީހުގައި ކަރުދާސްގަނޑެއް ތަތްކޮށްފައި

ޖޭޕީން ހުށަހެޅި މައްސަލައިގެ އަޕްޑޭޓް ދެމުން ކޮމިޓީގެ މުގައްރިރު، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ، ޖޭޕީން އެ މައްސަލަ ހުށަހެޅިތާ މަސްދުވަސް ފަހުން ޑިފެންސް މިނިސްޓްރީން 8 އޮގަސްޓު 2021ގައި އެ މައްސަލައާ ގުޅިގެން ފޮނުވާފައިވާ ސިޓީ މެންބަރުންނަށް އިއްވަވާފަ އެވެ. އެ ސިޓީ ގައި ވަނީ ހޯދަން އެދުނު ސީސީޓީވީ ފުޓޭޖު، "ގިނަ ދުވަސްވުމުގެ ސަބަބުން" ނެތް ކަމަށެވެ. ދައުލަތުގެ ތިން ބާރުން އެއް ބާރު ކަމުގައިވާ މަޖިލިހުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިކަން އިތުރަށް ބަލަން ޖެހޭނެ ކަމަށް ކޮމިޓީގައި މެމްބަރުން ވަކާލާތު ކުރެއްވި އެވެ.

"ގިނަ ދުވަސްވެގެން ނުލިބެއޭ ބުނާއިރު، މި ސިޓީ ލާފައި ވަނީ މި ތަނުން "މަޖިލިސް އިދާރާއިން". މި ތަން ބަލަހައްޓަނީ ވެސް އެއް ބައެއް "ސިފައިން". އެހެން ވެއްޖެއްޔާ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" މި މައްސަލަ އިތުރަށް ބަލައިދިނުމަށް އެދިވަޑައިގެންނެވުމަށް ފަހު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވި އެވެ

މިއީ، އޭނާ ސިފަ ކުރެއްވި ގޮތުގައި، މަޖިލިހުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ހަވާލުކޮށްފައިވާ ޑިފެންސް މިނިސްޓްރީގެ "ވަރަށް ބޮޑު އިހުމާލެ"ކެވެ.

މިފަހަރު އިދާރީ ހިންގުމުގެ އެހެން ޝަކުވާ އެކެވެ. މެމްބަރުންގެ ނަން އިއްވާ އިރު، އިޖުރާއުތައް ފުރިހަމަނުކުރާ ކަމުގެ ޝަކުވާ އެވެ.

ނަވާރަ ވަނަ މަޖިލިސް ފެށުނު ފަހުން ބައެއް ޖަލްސާތަކުގައި ގިނަ މެމްބަރުންގެ ނަން އިއްވަ އެވެ. މަޖިލިހުގެ ތަޅުމަށް މެމްބަރުން ދުންމާރި އާއި ކަށިގަނޑު ފަދަ ތަކެތި ވައްދައި އަޑުގަދަ ކުރުމުގެ ސަބަބުން ބައެއް މެމްބަރެއްގެ ނަން އިއްވި އެވެ. މި ކަމުގައި މެމްބަރުންގެ މެދުގައި ރިޔާސަތުން ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާ އޮވެ އެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ނަން އިއްވަން ޖެހޭނީ ތިން މަރުހަލާއެއް ފުރިހަމަކޮށްފަ އެވެ. އެންމެ ފުރަތަމަ ނަސޭހަތްދޭން ޖެހޭނީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށެވެ. އެގޮތަށް ކިޔަމަން ނުވެއްޖެ ނަމަ، ނަން އިއްވަން ޖެހިދާނެ ކަމަށް ބުނެ، އިންޒާރު ދޭން ޖެހެ އެވެ. ނަން އިއްވައި، މަޖިލިސް ދޫކޮށް ނުކުންނަން އަންގާނީ އޭގެ ފަހުންނެވެ. އަދި މަޖިލީސް ދޫނުކޮށްފިނަމަ ސާޖެންޓް އެޓް އާމްސް ބެލުމުގެ ދަށުން ދަމާ ކޫންތާފާ ނަމަވެސް މެމްބަރު ތަޅުމުން ބޭރުކުރެވެ އެވެ. ނަމަވެސް މިކަމުގައި ވެސް މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވާ ގޮތުން މެންބަރުންގެ ޝަކުވާތަކަށް ގާނޫނީ ފަރުވާއެއް ހޯދައި ދިނުމުގައި އިދާރީ/ގާނޫނީ ޓީމް ވަނީ ފެއިލްވެފަ ކަމަށް ދެކޭ މެންބަރުން ގިނަ އެވެ.

your imageރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ

އަދި އެއް ވާހަކަ އެވެ. މިފަހަރު ރިޔާސަތުގައި ރައީސް ނަޝީދު އިންނަވާ އަމަލުކުރައްވާ ގޮތުގެ ވާހަކަ އެކެވެ.

މަޖިލިހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި ނުވަތަ ކޮމިޓީއެއްގެ އާންމު ބައްދަލުވުމަކަށް ހުށަހަޅާ މައްސަލައަކާ މެދުގައި މަޖިލިހުގެ ރައީސް ދެކޭ ގޮތް، މަޖިލިހުގެ ގަވައިދު އޮތް ގޮތުން، ހާމަކޮށްގެން ނުވާނެ އެވެ. ނަމަވެސް ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ކަންކަން ރަނގަޅަށް ގެންދާނެ ގޮތާ މެދުގައި މަޖިލިހުގެ ރައީސް ހިޔާލު ފާޅުކޮށް، ދެކޭ ގޮތް ހާމަކޮށް، މަޝްވަރާ އާއި ލަފާ ދެވިދާނެ އެވެ. އެ ގަވާއިދު ބުނާ ގޮތުން މަޖިލިހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލިހުގެ ރައީސްގެ މަސްއޫލިއްޔަތެކެވެ. 

"އަޅުގަނޑު މިއަދުވެސް ކައުންސިލާ ޖެނެރަލްގެ އަރިހުގައި އަހާލީމު މަޖިލީހުގެ ރައީސް ބަހުސްގައި ބައިވެރިނުވުމަށް މި އޮންނަ އޮތުން އެއީ ރިޔާސަތުގައި އިނދެގެން ބައިވެރި ނުވުންތޯ ނުވަތަ އޭގެ މާނައަކީ އަޅުގަނޑަށް މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއަށް ގޮސް ބަހުސްގައި ބައިވެރި ނުވެވޭނެތޯ ނުވަތަ ވެވޭނެތޯ ދެކޭ ދެކުން. ދެން އަޅުގަނޑަށް ލަފާ ލިބެނީ އަޅުގަނޑަކަށް އެ ގޮނޑީގައި އިށީނދެ އިނދެ ބަހުސްގައި ބައިވެރިއެއް ނުވެވޭނޭ،".. މަޖިލީހުގެ އިދާރާގައި 15 ޖޫން 2020 ގައި އޮތް މީޑިއާ ބްރީފިން ގައި ފަހަކަށް އައިސް ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރައްވާ އެންމެ ނުފޫޒުގަދަ ބޭފުޅާ ނަޝީދު ވިދާޅުވި އެވެ.

މަޖިލިހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް މަޖިލިހުގެ ގަވައިދުގައި ހިމެނޭ ހުރިހާ ކަމެއް ހަނދާން ނުހުރެދާނެ އެވެ. އެހެންކަމުން ގަވައިދާ އެއްގޮތަށް ކަމެއް ނުދާ ނަމަ، އެކަން ސަމާލު ކަމަށް ގެނައުމަކީ އަމީން އާއްމުގެ ޒިންމާ އެކެވެ. ނަމަވެސް ބަހުސަށް ޝައުގުވެރިކަން ގެނައުމާއި ބަހުސްގެ މިސްރާބު ހިފެެހެއްޓުން އެއީ ރިޔާސަތުން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި ނަޝީދު އަދި ގެންދަވަނީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ކަމަވެސް ހައްލެއް ނުލިބި މަޖިލިހުގެ ރިޔާސަތުން ބަހުސްގައި ބައިވެރިވުން ނުހުއްޓުވި މެޖޯރިޓީ އަދި މައިނޯރިޓީ ވެސް ވަނީ ގޮތް ހުސްވެފަ އެވެ.

އެހެން އިދާރީ މައްސަލައެއްގެ ޝަކުވާ އެކެވެ.

އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެން މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގައި އެއްބަސްވުމަކަށް ނާދެވި، ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓި މަޖިލީހުގެ ގިނަ މަސައްކަތްތަކެއް މިފަހުން ހުއްޓުނެވެ. މިކަމުގައި ވެސް މަޖިލީހުގެ އިސް އިދާރީ މުވައްޒަފުންނަށް ތުހުމަތު ކުރެވުނެވެ. އަދި އެމީހުންގެ "ރުހުން" ހޯދަން މަޖިލިހުގެ މެޖޯރިޓީ ޕާޓީއަށް ޖެހުނެވެ. އެގޮތުން އެ މައްސަލާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު އަސްލަމް ވަނީ މަޖިލީހުގެ ގަވައިދުގެ 106 ވަނަ މާއްދާ އަށް ރިއާޔަތް ކުރައްވައި ކޮމިޓީތައް އަބަދުވެސް ދެމިއޮންނަން ވާނެ ކަމަށް މަޖިލިހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އަށް ސިޓީއަކުން ދަންނަވައިފަ އެވެ.

އެ މާއްދާގައި ބުނެފައި ވަނީ ދާއިމީ ކޮމިޓީތަކަކީ އަބަދުވެސް ދެމި އޮންނަ ކޮމިޓީތަކެއް ކަމަށެވެ.

އެހެންވެ މަޖިލިހުގެ އިދާރާ އިން ކޮމިޓީއަށް ގޮވާލައި މަސައްކަތްތައް ކުރިޔަށް ގެންދަން ޖެހޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.  ނަމަވެސް މަޖިލިހުގެ އަމީން އާއްމުގެ ގާނޫނީ ވިސްނުން ތަފާތެވެ. ގާނޫނީ ބޮޑު ބަހުސަކަށް ވެފައިވާ މި މައްސަލަ އާ ގުޅިގެން ނިއުޝާ ސޮއި ކުރައްވައި އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ 106 ވަނަ މާއްދާގައި އެހެން ބަޔާން ކުރި ނަމަވެސް މަޖިލިހުގެ ގަވައިދުގެ 131 ވަނަ މާއްދާގެ ދަށުން މަޖިލިހުގައި ޕާޓީތައް ނިސްބަތްވާ ގޮތް އެއީ ހަމައެއް ކަމުގައި ބަލައި އެ ހަމައިން ކޮމިޓީތަކުގައި ވެސް ޕާޓިތައް ތަމްސީލު ވާ ގޮތަށް އަމަލު ކުރަން ޖެހޭ ކަމަށެވެ.

ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންނަށް ވެސް އެކަށީގެންވާ ވަރަން ހަމަހަމަ ފުރުސަތެއް ދޭން ޖެހޭނެ ކަމަށް ގަވައިދު ބުނާ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

your imageމަޖިލިހުގެ އަމީންއާންމު ފާތިމަތު ނިއުޝާ މަޖިލީހުގައި ވާހަކަ ދައްކަވަނީ 

ގަވައިދުގެ 130 ވަނަ މާއްދާގެ ދަށުން ދާއިމީ ކޮމިޓީތަކުގެ މެންބަރުން އެ މަޖިލީހުގެ އުމުރު ނިމެންދެން ތިބޭނެ ކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް ޕާޓީއަކުން މެންބަރަކު ވަކި ވެއްޖެ ނަމަ އެ ހާލަތު ބަދަލު ވާނެ ކަމަށް ވެސް އެ މާއްދާގައި ބުނާ ކަމަށް ނިއުޝާ ވިދާޅުވި އެވެ. ނަތީޖާއަކީ މުތުލަގަށް އެމްޑީޕީން ކޮންޓްރޯލް ކުރާ މަޖިލީހުގެ އިދާރީ ހިންގުމުގައި ހިލާފު އުފެދި މަޖިލިސް ހުއްޓޭގޮތް ވީ އެވެ. ވާނީ ވެސް އެހެންތާ އެވެ. މަޖިލިހަށާއި މަޖިލިހުގެ މެންބަރުންނަށް ގާނޫނީ ލަފަ އާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދެވެން އޮތ،ީ މަޖިލީހުގެ ގަވާއިދުގެ ދަށުން ހަމައެކަނި މަޖިލީހުގެ ކައުންސެލް ޖެނެރަލަށެވެ. އެހެންކަމުން، އަމީން އާއްމާއި މަޖިލީހަށް ގާނޫނީ ލަފާ ދެއްވާ ކައުންސެލް ޖެނެރަލަކީ ވެސް މަޖިލިހުގެ ގަވާއިދުގެ ދަށުން މިނިވަން އަދި މުސްތަގިއްލު ބޭފުޅުން ނެވެ. 

"މަޖިލީހުގެ ދަފްތަރުގައި މެންބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތަށް މިހާރު މި ވަނީ ބޮޑު ބަދަލެއް އައިސްފައި. މަޖިލީހުގެ ގަވައިދުގެ 130 ވަނަ މާއްދާގެ ށ ގެ އެއް ވަނަ ނަމްބަރުގެ ދަށުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި އިސްވެދެންނެވި 13 މެންބަރުން ތަމްސީލު ކުރައްވަމުން ގެންދެވި ހައިސިއްޔަތު ވެސް ވަނީ އެ މެންބަރުންނަށް ގެއްލިފައި،" މަޖިލިހުގެ ޖަލްސާ ކުރިއަށް ގެންދާއިރު، އިދާރީ މޭޒުގައި އާންމުކޮށް އިންނަވާ ކައުންސެލް ޖެނެރަލް ވިދާޅުވި އެވެ.

ދެންއޮތީ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިދާރި މުވައްޒަފުންނާއެކު އަސްލަށް ވެސް މަޖިލީސް "ތަޅުލި" މައްސަލަ އެވެ. ނުވަތަ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ގެއްލުނު އަސްލު މައްސަލަ އެވެ. ނުވަތަ އިތުރު ދައުރަކަށް ރައީސް ސޯލިހްގެ ސަރުކާރުން ކުރި ދަތުރު ހުއްޓުވި މައްސަލަ އެވެ.

ދުވަސްވަރަކީ ނިމުނު ރިޔާސީ އިންތިހާބަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ ސައްލާގެ އެންމެ ބޮޑު އެއް މާލަން ކަމުގައިވާ ރައްޔިތުންގެ މަޖިލިސް ވެސް އެންމެ ހަރާކާތް ތެރިވި ދުވަސްވަރެވެ.

މަޖިލިހުގެ ރައީސް ކަމުގެ މަގާމުން ނަޝީދު އަދި މަޖިލިހުގެ ނައިބު ރައީސް ކަމުގެ މަގާމުން އީވާ ވަކިކުރުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ހުށައެޅުމެވެ. މިކަން ކުރަން ފުރަތަމަ އެމްޑީޕީން ހުށަހެޅީ މިދިޔަ ޖޫން މަހު އެވެ. މަޖިލިހުގެ ނައިބު ރައީސްގެ އިތުރުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދާފައިވާ ދަނޑިވަޅުގައި ވެސް ސުޕަ މެޖޯރިޓީގެ ބާރު ކަޑުވާލީވެސް މަޖިލިހުގެ ރައީސް ކޮންޓްރޯލް ކުރައްވާ ކަމަށް އެމްޑީޕީގެ މެންބަރުން ތުހުމަތު ކުރާ "އިދާރީ އިސް" މުއައްޒަފުންނެވެ.

އިތުބާރު ނެތް މައްސަލަ ވެސް ކުރިޔަށް ގެންދެވޭނީ މަޖިލީހުގެ އާންމު ކޮމިޓީން އެކަމަށްޓަކައި ވަގުތު ކަނޑައެޅުމުން ކަމަށް ވިދާޅުވެ ކޮމިޓީތައް އެކުލަވައި ނުލެވޭތީ ވަގުތު ކަނޑައެޅުމުގެ މަސައްކަތް ވެސް ކުރިޔަށް ނުގޮސް އޮތުމުން އަމީން އާންމު ވަނީ އީވާ ވަކި ކުރުމުގެ ޖަލްސާ ފަސް ކޮށްލާފައިވާ ކަން އެމްޑީޕީ އަށް އަންގައިފަ އެވެ.

ނަޝީދާއި އީވާ މަޖިލިހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އުޒުވެރިވެވަޑައިގެން، މަޖިލީހުގެ ތާރީހުގައި ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތިގެން 19 ވަނަ ރައްޔިތުންގެ ދެ ޖަލްސާއެއް ވެސް ވަނީ ނުބޭއްވިފަ އެވެ. އެކަމުގެ ސަބަބުން މަޖިލިސް ހުއްޓިފައި އޮތްއިރު ވެސް މަޖިލިހުގެ އިދާރީ ހިންގުމާއި ގާނޫނީ ލަފާ ދެއްވާ ފަރާތްތައް ތިއްބެވީ ފިނި ކޮޓަރީގައި އެވެ. ރައީސާއި ނައިބު ރައީސަށް ރިޔާސަތު ބަލަހައްޓަށް އުޒުރުވެރިވެއްޖެނަމަ ދެން އެ މަސްއޫލިއްޔަތާ ހަވާލުވާން ޖެހޭނެ ފަސް މީހުން ކަނޑައަޅާ އެ ފަސް މީހުންގެ ތަރުތީބެއް ކަނޑައަޅާފައި ވިޔަސް ރިޔާސަތާ ހަވާލުވާނެ މީހަކު ނެތިގެން ދިޔައީ ރިޔާސަތާ ހަވާލުވުމަށް އިދާރީ މޭޒުން ދޭން ޖެހޭ ދައުވަތު ނުދީގެންނެވެ.

your imageމަޖިލިހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ މަޖިލީހުގެ ޖަލްސާއެއްގައި - ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލިހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އިސްވެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ހިސާބުން، ނަޝީދާއި އީވާ މަޖިލިހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އުޒުވެރިވެވަޑައިގެން، މަޖިލީހުގެ ތާރީހުގައި ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތިގެން ދައުލަތް ހާލުގައިޖެހި ގިނަ ބިލްތަކެއްގެ މަސައްކަތް ހުއްޓިފައި އޮތުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސިޔާސީ ގޮތުން އަމާންދީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، ނަޝީދާއި އީވާގެ އިތުބާރުނެތް ކަމުގެ މައްސަލަ އަނބުރާ އެމްޑީޕީން ގެންދިޔަ އެވެ.

ނަމަވެސް މަޖިލިސް ކޮންޓްރޯލް ކުރަމުންދިޔަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ދެ ވަނަ ބުރުގައި ލިބުނު ނާކާމިޔާބީއަށް ފަހު، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ދެ ވަނަ ފަހަރަށް ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ފާސްކުރީ މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. އަދި 49 މެމްބަރުންގެ ސޮޔާ އެކު ހަމަ އެ ރޭ މަޖިލީހަށް އެ މައްސަލަ ހުށަހެޅި އެވެ. އެ މައްސަލަ 14 ދުވަހުގެ ނޯޓިސް ހަމަވެ އިއްޔެ ވަނީ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފަ އެވެ.

ނަމަވެސް މަޖިލީހުގެ އަމީން އާއްމު ނިންމެވީ މަޖިލިހުގެ ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް އިއުލާނު ކުރައްވަމުން، ނިއުޝާ މަޖިލިހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ހަވާލާ ދެއްވާ، ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް ކުރިއަށް ގެންދެވޭނީ ސީދާ މަޖިލީހުގެ ނައިބު ރައީސް ރިޔާސަތުގައި އިންނަވައިގެން ކަމަށް މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅިގެން ބުނެފައިވާ ކަމަށެވެ.

މަޖިލިހުގެ ގަވައިދުގައި ބުނާ ގޮތުން، މަޖިލިހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ވާނެ ގޮތެއް ގަވާއިދުގައި ސާފުކޮށް ބުނެފައެއް ނެތެވެ.

މަޖިލިހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރެވޭނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރާ މެދު ގޮތެއް ނިންމާފައިވާ ކަމަށް ބަޔާންކޮށްފައިވާ އިރު، މާދަމާގެ ޖަލްސާއަށް ވެސް އެ ގަރާރު އެޖެންޑާކޮށް، ރިޔާސަތު ބަލަހައްޓަވައި ދެއްވަން އީވާ އަށް ދަންނަވާނެ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

މަޖިލިހުގެ ޖަލްސާތައް ގަވާއިދުން ނުބޭއްވި މަޖިލީހުގައި މަރު ތަޅު އެޅި، ސަރުކާރު ހިންގުމަށް ބޭނުންވާ މުހިއްމު ގާނޫނުތައް ނުހެދި ލަސްވުމާއި އަދި އިދާރީ ހިންގުން ދަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމާއި އެހެނިހެން އިދާރީ ހިންގުމުގެ އޮފިޝަލުނަށް ދަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

މަޖިލިހަށާއި މަޖިލިހުގެ މެންބަރުންނަށް ގާނޫނީ ލަފަ އާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދެވެން އޮތީ، މަޖިލީހުގެ ގަވާއިދުގެ ދަށުން ހަމައެކަނި މަޖިލީހުގެ ކައުންސެލް ޖެނެރަލަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމާއި އެހެނިހެން އޮފިޝަލުންގެ ގަދަރާއި އިއްޒަތައް އަރައިގަތުމުގެ ޖާގަ މިވަގުތު ގަވާއިދު އޮތްގޮތުން މަޖިލީހުގެ މެޖޯރިޓީ/މައިނޯރިޓީ ޕާޓީއަކަށް ނުލިބެ އެވެ. 

ނަޝީދު މަގާމުން ދުރު ކުރުމަށް 49 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް މައްސަލަ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އިއްޔެގެ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ނިންމުމުން އެކަމަށް ރައްދުދީ އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލާގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ދެ ކަމަކަށެވެ. އެއީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ.

ދެވަނަ ކަމަކަށް އެދިފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށެވެ. އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ވަނީ ސުޕްރީމް ކޯޓުން ބަލައިގެންފަ އެވެ.

މައްސަލާގެ ތަފްސީލް ދެއްވުމަށް އެމްޑީޕީގެ ގާނޫނީ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް ކައުންސެލް އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ މިއަދުގެ (އާދިއްތަ ދުވަސް) ޖަލްސާގައި ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ސީދާ ނައިބު ރައީސް ކަމަށް އަމީންއާންމު ނިންމެވީ ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

އަފީފް ވިދާޅުވީ މަޖިލީހުގެ ކަމަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، އެއީ އެއް ބާރު، އަނެއް ބާރުގެ ތެރެއަށް ނުފޫޒު ފޯރުވުން ފަދަ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މައްސަލަ ހުށަހެޅީ މަޖިލިހުގެ ނިންމުމަކާ ގުޅޭ ގޮތުން ނޫން ކަމަށާއި މަޖިލިހުގެ އިދާރީ ބޭފުޅަކު ނިންމެވި ނިންމުމަކާ ގުޅޭ ގޮތުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މަޖިލީހުގެ މެޖޯރިޓީ ލިބުނަސް މަޖިލީހުގެ މަސައްކަތައް މަގުފަހި ނުވާކަން ގަބޫލުކޮށް އިދާރީ މުވައްޒަފުން ބޭނުންކޮށްގެން ގާނޫނު މާނަ ކުރުން ހުއްޓުވަން ޖެހިއްޖެ ކަމަށް އިއުތިރާފްވެ، މިހާރު މިއޮތީ ސުޕްރީމް ކޯޓުން އިދާރީ ބޭފުޅުން ނިންމާ ނިންމުންތަކަށް ވެސް އެކަމުގައި ރަނގަޅު މާނަ ކުރުމެއް ދޭން ޖެހިފަ އެވެ.

މިއީ، މަޖިލިހުގެ ބާރުގެ ތެރެއަށް ކޯޓުތައް ވެއްދުންކަމަށް ގަބޫލުކުރަންތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ގާނޫނީ ޓީމުގެ ބޭފުޅުން ވިދާޅުވީ، އެގޮތަށް ގަބޫލު ނުކުރާ ކަމަށެވެ.

"މިއީ، މަޖިލީހުގެ ނިންމުމެއް ނޫން. މި ނިންމުމަކީ، މަޖިލީހުގައި ވަޒީފާ އަދާކުރާ އިދާރީ ބޭފުޅެއްގެ ނިންމުމެއް. މަޖިލީހުގެ ނިންމުމެއް ހިފައިގެން ނޫން އަޅުގަނޑުމެން މިދަނީ. އަޅުގަނޑުމެން މި ދަނީ، މަޖިލީހުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ގޮތެއް ހޯދުމަށް،" އެގޮތަށް ގަބޫލުނުކުރާ ސަބަބުތައް އިތުރަށް ހާމަކުރައްވަމުން އަފީފް ވިދާޅުވި އެވެ.

މަޖިލިހުގެ ރައީސްގެ އިތުބާރުގެ ގަރާރާ މެދު ގޮތެއް ނުނިންމާ، އިންތިހާބީ ރައީސްގެ ހުވާ ކުރުން ވެސް ކުރިއަށް ގެންދެވިދާނެ ކަމަކަށް އެމްޑީޕީގެ ގާނޫނީ ޓީމުން މިހާރު އޮތީ ސުވާލު އުފައްދާފަ އެވެ.

އަދި ދަންނަ އެވެ.

މި ހުރިހާ ހައިޖާނެއް މަޖިލީހުގައި ހިނގުމުގެ ފަހަތުގައި އޮތް ކަމަށް ބެލެވެނީ މަޖިލިހުގެ ރިޔާސަތުގެ ބާރު، މެޖޯރިޓީ އޮތް އެމްޑީޕީ އަށް ގެއްލުމެވެ. އަދި އެމްޑީޕީގެ 55 މެންބަރުންނާ އެކު ސާފު އަގުލަބިއްޔަތެއް މަޖިލީހުގައި އޮތްއިރު ވެސް ރާއްޖޭގައި މިފެންނަ މަޖިލީސް ހިންގުމުގެ އުސޫލު މިއޮތީ މަޖިލިހުގެ މެޖޯރިޓީ ލިބުނަސް މޮޅެއް ނެތް، އިދާރީ މެޖޯރިޓީ ވެސް ބޭނުން ވާނެ ހާލަތެއްގައި އޮތް މަޖިލީހެކެވެ. އިދާރީ މުވައްޒަފުންވާން ޖެހޭނީ މަޖިލިސް ހިންގުމުގައި މީހަކަށް ބަޔަކަށް ތަބާވުމުގެ ބަދަލުގައި ގާނޫނާއި ގަވާއިދަށް އަމަލުކޮށް ގާނޫނާއި ގަވާއިދު ނަގަހައްޓާ ބަޔަކަށެވެ. ގާނޫނާއި ގަވާއިދާ ހިލާފަށް ކަންކަން ކުރުވުމުގެ ފުރުސަތު މެމްބަރަކަށް ވެސް އަދި އިދާރީ މުވައްޒަފަކަށް ވެސް ލިބިގެންނުވާ ހިންގުމުގެ އޮނިގަނޑެއްގެ ތެރޭގައި މަޖިލިސް ހިންގާކަން ކަށަވަރުކުރަން މިހާރު މިވަނީ އަނެއްކާ ވެސް ޖެހިފަ އެވެ.

މި ވާހަކަތަކާ އެކު، އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނޭ ކަމަކީ، ރައްޔިތުންގެ މަޖިލިހަކީ ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމަށް ޓަކައި މަސައްކަތް ކުރާ އެންމެ މުހިއްމު އެއް މުސްތަގިއްލު މުއައްސަސާ އެވެ. އެތަނުން ނިމެން ވާނީ ގައުމާއި ދައުލަތުގެ އެންމެ މަތީ މަސްލަހަތުގައި ނިންމޭ ނިންމުންތަކެވެ.  

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި