ސީއެންއެމްއާ މިއަދު ހެނދުނު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާ ރައީސ މަގާމަށް ހޮވިވަޑިގެންފިނަމަވެސް ނިޒާމީ ވޯޓު ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާނެކަމަށެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގަ އޮންނަ ފެންނަ ނިޒާމެއް ކަނޑައަޅާނީ ދިވެހިރައްޔިތުންކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން އަންނަނީ ނިޒާމީ ވޯޓެއް ނެގުމަށް އެ މަޖިލީހުން އިސްްނަގައިގެން މަސައްކަތް ކުރުމަށް ފާސްކޮށް އެ ވޯޓު ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވޯޓާއި ގުޅޭ މައުލޫމާތު ކަރުދާހެއްވެސް އެކުލަވާލާ، ނިޒާމީ ވޯޓުގަ އޮންނަންވާ އިބާރާތް ފާސްކުރުމަށް ވެސް ވަނީ އެޖެންޑާކޮށްފައެވެ. ނަމަވެސް ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ނުފެށުނެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓުނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް، ދެ ވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަދި ޑރ. މުއިއްޒު ވެސް ވިދާޅުވަމުން އަންނަނީ އެ ވޯޓުގެ މަސައްކަތް ކުރައްވަން ބޭނުންފުޅުވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށްފަހު ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިމަހު 30 ވާ ހޮނިހިރު ދުވަހު މުޅިރާއްޖޭގަ ކުރިއަށްދާނެއެވެ.