ޗީފް އޮފް ސްޓާފް އަލީ ޒާހިރު
ގައުމަށް ގައްދާރުވި ބަޔަކު ފަތުރާ ވާހަކަތަކަށް ނުހެއްލުން އެދެން: އަލީ ޒާހިރު
މި ގައުމަށް ގައްދާރުވި ބަޔަކު ފަތުރާ "ޔޯލަ" ވާހަކަތަކަށް ނުހެއްލުމަށް އެދިވަޑައިގަންނަވާ ކަމަށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

މި ގައުމުގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކާލައި މިލްކުކުރެވޭ ގޮތް ހަދަން ގާނޫނުއަސާސީއަށް ބަދަލު ގެނައީ އިދިކޮޅު ޕީޕީއެމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުު ދެއްކެވި ވާހަކަ ހިއްސާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ޒާހިރު ވިދާޅުވީ، ގައިގަ ލޭ ހިނގާހާ ހިނދަކު މިގައުމުގެ ބިމުން ވިޔަސް އަދި ކަނޑުން ވިޔަސް އެއްމެ އިންޗިއެއްވެސް ދޫކޮށް ނުލާނެ ކަމަށެވެ.

އަދި "ގައުމަށް ގައްދާރުވި ބަޔަކު" ފަތުރާ "ޔޯލަ" ވާހަކަތަކަށް ނުހެއްލުމަށް އެދިވަޑައިގަންނަވާ ކަމަށާއި، މިސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ސިޔާސަތުތައް ތަންފީޒުކުރަމުންދާތީވެ، އެކަން ހަޖަމުނުވެގެން، އިތުރަށް ދައްކާނެ ވާހަކަތަކެއް ނެތުނީމަ، މިހާރު "ގައުމީ ކާޑު" ކުޅެ، ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށްވެސް އަލީ ޒާހިރު ވިދާޅުވެފައިވެއެވެ.

މިހާރުގެ އިދިކޮޅު ފަރާތްތަކުން މިސަރުކާރާއި ދެކޮޅަށް އެއްމެ ގަދަޔަށް ދައްކަމުންދާ އެއްވާހަކައަކީ، ދިވެހިރާއްޖޭގެ ވަކި ސަރަހައްދެއްގައި އިންޑިއާގެ ސިފައިންގެ އަސްކަރީ މަރުކަޒެއް ބިނާކުރުމަށް ބިމެއް ދީފައިވާ ކަމަށާއި، އަދި ގައުމުގެ މިނިވަންކަމަށް ބުރޫ އަރާފަދަ ކަންތައްތައް ކުރަމުން އަންނަ ކަމަށެވެ. 

މީގެ އިތުރުން، ދިވެހިކަނޑުގެ ބައެއް މޮރިޝަސްއަށް ވިއްކާލިކަމަށް ބުނެ ވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް މުޒާހިރާވެސް ކުރިއެވެ. 

އެހެންނަމަވެސް ދިވެހި ސަރުކާރުން ވަނީ މިހުރިހާ ވާހަކަތެއް ދޮގުކޮށްފައެވެ. އަދި ރާއްޖޭގައި "މިލިޓަރީ ބޭނުމަކު" އެއްވެސް ގައުމެއްގެ ސިފައިންނެއް ނުތިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

75%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
25%
ދެރަވި
0%
ރުޅިއައި