ރައީސް ނަޝީދު މިހެން މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެގެން ހުސް ވަގުތުކޮޅެއް ދެއްވުމަށްފަހު މަޖިލީސް ނިންމާލެއްވިކަން އިއުލާނުކުރައްވަމުންނެވެ.
މިއަދު ޖަލްސާއަށް އެޖެންޑާކޮށްފައޮތީ ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން ކުރިއަށް ގެންދާ ރާއްޖޭގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ވޯޓުކަރުދާހުގެ އިބާރާތްކޮޅު ފާސްކުރުމާ، ނިޒާމާ ގުޅޭ ވޯޓާ ގުޅޭ ގޮތުން މަޖިލީހުން ތައްޔާރުކޮށްފައިވާ މައުލޫމާތު ކަރުދާހަށް މެންބަރުންގެ ރުހުން ހޯދަން ވޯޓުން އެހުންވެސް އެޖެންޑާކޮށްފައެވެ.
ނަމަވެސް މިއަދު މަޖިލީސް ނުފެށުނީ ކޯރަމް ހަމަނުވެގެންނެވެ. މަދުވީ ދެ މެންބަރުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޯރަމް ހަމަނުވީ ކެމްޕޭނުގައި ގިނަ މެންބަރުން އުޅުއްވާތީކަމަށެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެން ބައެއް މެންބަރުން ކުޑަ ދޮށުގަވެސް ތިއްބަވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު މަޖިލީހުގެ ވޯޓަށް އަހާ ވަގުތު މަޖިލީހުގެ ކޮމެޓީތައް އެކުލަވާލުމަށް ގަސްތު ކުރައްވައިގެން ހުންނެވިކަމަށެވެ. ނަމަވެސް އެމްޑީޕީން ކޮމެޓީތަކުގެ މެންބަރުންގެ ނަން ނުފޮނުވާއޮތުމުން ކޮމެޓީތައް އެކުލަވާލުމަށް ވޯޓަށް ނޭހޭނެކަމަށްވެސް ރައީސް ނަޝީދު ވިދަޅުވިއެވެ.
ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އާދިއްތަ ދުވަހު ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހުން ރާއްޖޭގެ ނިޒާމު އޮންނަން ފެންނަ ގޮތާގުޅޭގޮތުން ނެގުމަށް މަސައްކަތްކުރަމުން އަންނަ ވޯޓާ ގުޅޭ ބައްދަލުވުމެއްކަމަށް ރައީސް ނަޝީދު ވަނީ އާއްދިއްތަ ދުވަހު ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވެފަ ވަނީ ދެވަނަ ބުރުގަ ދަ ޑިމޮކްރެޓްސް އިން އެއްވެސް ކެނޑިޑޭޓަކަށް ތާއީދުނުކުރަން ނިންމާފައިވާ ނިންމުމަށް އިހްތްރާމްކޮށް އަދި އެއްވެސް ކެނޑިޑޭޓަކަށް ތާއީދުކުރަން ގަސްތު ނުކުރައްވާކަމަށެވެ.
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެނޑިޑޭޓުންނަށް ތާއީދު ކުރުމަށް ދަ ޑިމޮކްރެޓްސް އިން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައިވެސް ރިޔާސީ އިންތިހާބުގެ ކުރިން ނިޒާމީ ވޯޓު ނެގުމަސް ހުށަހަޅާފައިވެއެވެ. މިގޮތުން ދެވަނަ ބުރުގަ ވާދަ ކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއާވެސް ވަނީ މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. ނަމަވެސް އެއްވެސް ބޭފުޅަކު ރިޔާސީ އިންތިހާބުގެ ކުރިން ނިޒާމީ ވޯޓުނަގަން އެއްބަހެއް ނުވެއެވެ.