ދެކުނުގެ ރަށަކަށް ނިސްބަތްވާ ފިރިހެނެއްގެ މައްޗަށް މި ހުކުމް ކްރިމިނަލް ކޯޓުން ކުރީ މިއަދު އެވެ. އެއީ ސޯސަންމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ހުންނަ މަސްޖިދުލް އިބްރާހިމަށް މިދިޔަ އޭޕްރީލް މަހު އިޝާ ނަމާދަށް ދިޔަ މީހެއްގެ ފައިވާން ވަގަށް ނަގާފައިވާތީ އެވެ.
ގިމްބޯލް ބްރޭންޑްގެ ގަދަ ނޫކުލައިގެ ފައިވާނެއް ވަގަށް ނެގި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކުރީ ވައްކަމުގެ ދައުވާ އެވެ.ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ އޭނާ ކުށަށް އިއުތިރާފްވެ، އިސްލާހުވެގެން މުޖްތަމައުއަށް އަނބުރާ އަންނަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންވެ، އޭނާގެ އިއުތިރާފުން އެ ދައުވާ ސާބިތުވާ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.
އެ ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އޭނާ ކުށަށް އިއުތިރާފްވެފައިވާތީ އަދަބުގެ މިންވަރު ދަށްކޮށް، އޭނާ އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ. ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ އެއް މަހާއި ހަތަރު ދުވަހުގެ ޖަލު ހުކުމެކެވެ.