ސްކޭމްތަކުން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ބީއެމްއެލުން ޑިވައިސް މެނޭޖްމަންޓް ހިދުމަތް ވަނީ ތައާރަފުކޮށްފައި - ފޮޓޯ:ބީއެމްއެލް
ބީއެމްއެލުން ޑިވައިސް މެނޭޖްމަންޓް ހިދުމަތް ތައާރަފުކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންޓަނެޓާއި މޯބައިލް ބޭންކިން މެދުވެރިކޮށް ޑިވައިސް މެނޭޖްމަންޓް ހިދުމަތް ތައާރަފުކޮށްފިއެވެ.

ބީއެމްއެލުން ބުނީ މި ހިދުމަތް ތައާރަފުކޮށްފައިވަނީ ކަސްޓަމަރުން ސްކޭމްތަކުން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ. 

މި ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކްޓިވް ސެޝަންތައް މޮނީޓަކޮށް އިންޓަނެޓް އަދި މޯބައިލް ބޭންކިންއަށް އެކްސެސް ވެފައިވާ ޑިވައިސްތަކުން ލޮގްއައުޓް ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލުން ބުނެފައިވަނީ ކަސްޓަމަރުންނަށް އެކްޓިވް ސެޝަން ބަލާލެވުމާއި ބޭނުންވާ ވަކިވަކި އަދި ހުރިހާ ޑިވައިސްއަކުން ލޮގްއައުޓް ކުރެވޭނެ ކަމަށެވެ.

"ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސެކިއުރިޓީ ކަށަވަރުކުރުމަށް އަޅުގަނޑުމެން ނުހަނު އިސްކަމެއް ދެން. އަޅުގަނޑުމެންގެ ސިސްޓަމްތަކަށް މިފަހުން ގެންނަމުންދާ ބަދަލާއި ތައާރަފް ކުރަމުންދާ މުހިންމު ފީޗަތަކަކީ މިކަމުގެ ހެއްކެއް. އަދި ބަދަލުތަކާ އެކު ކަސްޓަމަރުންނަށް އަމިއްލައަށް ސްކޭމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ފުރުސަތު ލިބިގެންދޭ. ޑިވައިސް މެނޭޖްމަންޓަކީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް، ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ތައާރަފް ކުރެވޭ މުހިންމު ފީޗައެއް. މި ފީޗަގެ ސަބަބުން، ކަސްޓަމަރުންނަށް ފަސޭހައިން އެންމެފަހުން ލޮގިންވެފައިވާ ލޮކޭޝަން އަދި ޑިވައިސް ބަލާލެވި، ވަކިވަކި ޑިވައިސްތަކުން ނުވަތަ ހުރިހާ ޑިވައިސްތަކުން ލޮގްއައުޓްވެވޭނެ،" - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ

ބީއެމްއެލުން ބުނެފައިވަނީ މި ފާއިތުވި މަސްތަކުގައި އެ ބޭންކުން ވަނީ ކަސްޓަމަރުން ސްކޭމްއިން ރައްކާތެރިކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

ޖޫން މަހު ބީއެމްއެލުން ވަނީ ކުއްލި ހާލަތްތަކުގައި އިންޓަނެޓް ބޭންކިން އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ 'ކިލް ސްވިޗް' ތައާރަފުކޮށްފައެވެ. 

މެއި މަހު އެ ބޭންކުން ވަނީ އިންޓަނެޓް އަދި މޯބައިލް ބޭންކިން ލޮގިންއަށް ޓޫފެކްޓަ އޮތަންޓިކޭޝަން (2 އެފްއޭ) ތައާރަފުކޮށްފައެވެ. އަލަށް ގެނެވުނު އަޕްޑޭޓް އާއެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލޭޔާއެއް އިތުރުކުރެވުނު ކަމަށް ބީއެމްއެލުން ބުނެއެވެ. 

ބީއެމްއެލުން ބުނި ގޮތުގައި މާޗް މަހު، އިންޓަނެޓް އަދި މޯބައިލް ބޭންކިންއަށް ލޮގިންކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލާޓް އަންނަގޮތް ހަމަޖައްސައި، ހުރިހާ ސްކޭން-ޓު-ޕޭ ޕޭމަންޓްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އިތުރުކުރެވުނު ކަމުގައެވެ.

މިދިޔަ އަހަރު ބީއެމްއެލުން ވަނީ އޮތަންޓިކޭޓަ އެޕްތައް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނަލެއްގެ ގޮތުގައި ކުރިން ގާއިމުކޮށްފައިވާ އީމެއިލް ހުއްޓާލާ އިންޓަނެޓް އަދި މޯބައިލް ބޭންކިން މުއާމަލާތްތަކަށް ޕުޝް ނޯޓިފިކޭޝަން ފޮނުވަން ފައްޓާފައެވެ. 

ބީއެމްއެލުން ބުނެފައިވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު، 20 އަތޮޅުގައި 38 ބްރާންޗާއި 87 ސެލްފްސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 143 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ހިމެނޭހެން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.

ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި