މެޑަމް ފަޒްނާ
ފުރައްސާރައިން މެޑަމް ފަޒުނާ ހޯއްދެވީ ހިތްވަރު
ރައީސް އިބްރާހީމު މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު، ކެމްޕެއިނަށް މިއަދު ހަވީރު ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެންނެވުމުން އެކަމަނާއާއި ދެކޮޅަށް އަޑު އުފުލާ ފުރައްސާރަކުރި ކުރުމުން ލިބިވަޑައިގެންނެވީ ހިތްވަރު ކަމަށް ފަޒުނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ޑޯ ޓު ޑޯ ހިންގެވުމަށް މެޑަމް ފަޒުނާ އެސަރަހައްދަށް ވަޑައިގެންނެވީ މިއަދު ހަވީރުއެވެ. ފަޒުނާ އެސަރަހައްދަށް ވަޑައިގެންނެވުމުން ފުރައްސާރަކޮށް ހަޑިހުތުރު ބަހުން މުހާތަބުކޮށް އަޑުގަދަކޮށް ހަދާފައިވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ސަޕޯޓް ކުރާ ދެ ފިރިހެނެއް ކަމަށް ފަޒުނާ ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް2 އަށް މިއަދު ދޮރުން ދޮރަށް ހިގަން ދިޔައީމެވެ. އެތާ ތިބި ބޮޑު ދެފިރިހެނުން އަޅުގަނޑު ފަހަތުން ފުރައްސާރަ ކުރަމުން ހިނގިއެވެ. އެމީހުން އެއީ އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރާ ދެމީހުން ކަމަށްވެއެވެ. އެކަމުގެ އެއް ހެއްކަކީ އަޅުގަނޑާ އެކުހުރި އެމްޕީ ނިޔާޒް ، ހުޅުމާލެ ކައުންސިލް މެންބަރަށް ގުޅުމުން “އެހެން ހޭ ، ތިމަންނަ މިހިރީ ރައްޖޭން ބޭރުގައޭ، މި ބަލަނީ އޭ” ބުނެފަވާތީއެވެ.

ފަޒްނާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން މީހަކު ހައްޔަރު ކުރާ މަންޒަރު ސޯޝަލް މީޑިއާގައި އާއްމުވެފައިވެއެވެ. އެހެންނަމަވެސް އެއީ ކާކު ކަމެއް ސީދާ އަދި މިހާތަނަށް ފުލުހުން ވެސް ހާމަކޮށްފައެއް ނުވެއެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މެޑަމް ފަޒްނާއާ ދިމާކުރުން ކުށްވެރިކޮށް އެކަމަށް ފާޑު ކިޔަމުންނެވެ.

މި ބޮޑު ދެ ފިރިހެނުން ފުރައްސާރަކުރަމުން ނުހިނގި ނަމަ އަޅުގަނޑު އެތަނަށް ދިޔަކަންވެސް ގިނަމީހުނަށް ނޭންގޭނެއެވެ. މީ ހުތުރު އަމަލުގެ ސަބަބުން އަޅުގަނޑުމެނަށް ވީ ފައިދާއެވެ. މިހުން އައިސް ސަލާންކޮށް ގައިގަ ފިރުމާ އަޅުގަނޑާ އެކު ފޮޓޯނަގަން އެދުނީއެވެ. ނުވިތާކަށް އަޅުގަނޑު ދާން ޝެޑިއުލްކޮށްފައި ނުވާ ފްލެޓްތަކުންވެސް ދައުވަތު ލިބުނީއެވެ.

ފަޒުނާ ހިޔާ ފުލެޓުތައް ހުންނަ ސަރަހައްދަށް ވަޑައިގެންނެވުމުން މުޒާހަރާކޮށް އަޑުގަދަކޮށް ހަދާފައިވާ އިރު 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ވަޑައިގެންނެވުމުން ވެސް ޕީޕީއެމަށް ނިސްބަތްވާ ފަރާތްތަކުން މުޒާހަރާކޮށް ކެމްޕޭނަށް ހުރަސް އަޅާފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އިންތިހާބުގެ ކަންތައްތައް ކައިރިން ބައްލަވަމުން ގެންދެވި ފަޒުނާ ގެންދަވަނީ ދެވަނަ ބުރުގައި ކެމްޕޭނުގައި ވަރަށް ބޮޑަށް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ފަޒްނާ މިއަދު ވިދާޅުވީ، އެގޮތަށް ފުރައްސާރަ ކުރުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.

"އަޅުގަނޑު މިކަމާ ޖެހިލުން ނުވިޔަސް މީ ސީރިއަސް މައްސަލައެކެވެ. އަޅުގަނޑު ގެ ހާލުބަލަން ގުޅުއްވާ މެސެޖް ފޮނުއްވަމުން ގެންދަވާ ހުރިހާ ބޭފުޅުނަށް ޝުކުރުދަންނަވަމެވެ. އަދި އިރާދަކުރެއްވިއްޔާ ކެންޕޭންކުރުމުގައި ސާބިތުކަމާއެކު ހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ" ފަޒްނާ ސޯޝަލް މީޑިއާގައި ވިދާޅުވިއެވެ.
88%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
13%
ދެރަވި
0%
ރުޅިއައި