ރިޔާސީ އިންތިހާބާ ގުޅިގެން އެ ކުންފުންޏާ ބެހޭގޮތުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ސްޓެލްކޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނިން ފޯރުކޮށްދެމުންދާ ހިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އަސާސީ ހިދުމަތްތަކެއް ކަމުގައިވުމުން، އެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ގެންނަން ޖެހޭ އަޕްގްރޭޑްތަކާއި މެއިންޓަނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތަކާ ގުޅިގެން ހިދުމަތަށް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ، އެ މަސައްކަތް ހިނގާނެ ވަގުތާއި ސަރަހައްދާއި އެ މަސައްކަތަށް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތު ދުރާލާ އެ ކުންފުނިން ސޯޝަލް މީޑިއާ އާއި މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަށެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެ ގޮތާ ހިލާފަށް މިހާތަނަށް އެ ކުންފުނީގެ މެނޭޖްމަންޓުން އަމަލުކޮށް، އެއްވެސް ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައި ނުވާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
ރިޔާސީ އިންތިހާބާ ގުޅުވައިގެން "ދިޔަރެސް" ނޫހާއި "ޗެނަލް 13" އިން އެ ކުންފުންޏާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް އަދި ކުންފުނީގެ ތަސައްވުރު ކިލަނބުވާގޮތަށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ރިޔާސީ އިންތިހާބާ ގުޅުވައި، އެ ކުންފުނިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން އުޅޭ ކަމަށް ބުނެ ބުހުތާނު ދޮގު ހަބަރުތައް ދަނީ ފަތުރަމުން ކަމުގައެވެ. އެ ފަދަ ހަބަރުތަކަކީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ހަބަރުތަކެއް ނޫން ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް ދޭ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނީ ބިނާކުރަނިވި ފާޑު ކިޔުމަށް އެ ކުންފުނިން އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ. އެހެންނަމަވެސް، ފަހުރުވެރި ދިގު ތާރީހެއް އޮތް އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކާ ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ އެ ކުންފުނިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ވަނީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އަސާސްތަކާއި އިންތަކާއި މިންތައް ދެމެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.