އުތުރު ތިލަފަޅުގެ އެކަތަ ބަނދަރު: ބަނދަރުގެ މަސައްކަތް 2025 އަށް ނިންމާ އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައި - ފޮޓޯ:ސީއެންއެމް
އުތުރު ތިލަފަޅުގެ އެކަތަ ބަނދަރުގެ މަސައްކަތް 2025 އަށް ނިމޭނެ: އެމްއެންޑީއެފް
އުތުރު ތިލަފަޅުގައި ތަރައްގީކުރާ ސިފައިންގެ "އެކަތަ" ބަނދަރުގެ މަސައްކަތް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހަށް ނިންމައި އޮޕަރޭޝަނަށް ގެނެވޭނެކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

މާލޭން ފުރައިގެން ވިއްސަކަށް މިނެޓުން ސްޕީޑް ލޯންޗެއްގައި ދެވޭހާ ކައިރީގައި ތަރައްގީ ކުރަމުން އަންނަ ސިފައިންގެ "އެކަތަ" ބަނދަރަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރަމުން އަންނަ ބަނދަރެކެވެ. ދިވެހި ސިފައިންގެ ކޯސްޓްގާޑް އުޅަނދުފަހަރު އަޅާފައި ބޭއްވުމަށާއި އުޅަނދުފަހަރު މަރާމާތުކުރުމަށްޓަކައި ތަރައްގީ ކުރާ މި ބަނދަރުގައި މިވަގުތު ކުރަމުން ދަނީ ބިން ހިއްކުމުގެ މަސައްކަތާއި ބޭރުތޮށިލުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، އެމްއެންޑީއެފުން ބުނީ ބިން ހިއްކުމާއި ތޮށިލުމުގެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

"އެކަތަ" ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ތަނުގައި ގާއިމުކުރާ ވަސީލަތްތަކަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން:

  • ކޯސްޓްގާޑުގެ އުޅަނދުތައް ބަނދަރުކޮށްފައި ބާއްވާނެ 300 މީޓަރުގެ އެލޯންގްސައިޑް ބާތެއް ގާއިމުކުރާނެ
  • މެޑިކަލް ފެސިލިޓީއެއް އަޅާނެ
  • އިދާރީ ކަންކަމަށް ހާއްސަ އިމާރާތެއް އަޅާނެ
  • މެއިންޓެނެންސް ފެސިލިޓީއަކާއި ރެކްރިއޭޝަން ފެސިލިޓީއެއް ތަރައްގީ ކުރާނެ

އެމްއެންޑީއެފުން ބުނެފައިވަނީ "އެކަތަ" ބަނދަރުގެ މަޝްރޫއުގެ މަސައްކަތް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހަށް ނިންމައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ. މި ބަނދަރުގެ މަސައްކަތަކީ ދިފާއީ ބާރުގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް ހިންގޭ މުހިންމު މަޝްރޫއެއްކަން ފާހަގަކޮށް އެމްއެންޑީއެފުން ބުނީ "އެކަތަ" ބަނދަރުގެ ބޭނުން ކުރަން ފެށުމާ އެކު، މާލެ އާއި ހުޅުމާލޭގެ ފަޅުގައި އަޅާފައިވާ ކޯސްޓްގާޑް ފްލީޓުގެ އުޅަނދުތައް ބަނދަރުކުރާނީ މި ބަނދަރުގައި ކަމަށެވެ.

އުތުރު ތިލަފަޅުގައި ތަރައްގީ ކުރަމުން އަންނަ "އެކަތަ" ބަނދަރާއި ބަނދަރުގައިވާ ވަސީލަތްތަކަކީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނެއް ކަމުގައި އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ބަނދަރުގެ އަމަލީ މަސައްކަތް ކުރަމުންދާއިރު، ތަނުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ދިވެހި ސިފައިން 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ. އެތަނުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ގާއިމުވެ ނުތިބޭނެކަމުގެ ޔަގީންކަން ގައުމީ ދިފާއީ ބާރުންދެއެވެ. "އެކަތަ" ބަނދަރަކީ އިންޑިޔާގެ "މިލިޓަރީ ބޭސް" އެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެމްއެންޑީއެފުން ވަނީ ދޮގުކޮށްފައެވެ.

އުތުރު ތިލަފަޅާ ބެހޭގޮތުން ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެން ޑިފެންސް މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެ ފަޅާ ގުޅޭގޮތުން ދިވެހި ސަރުކާރުން އިސްނަގައިގެން އިންޑިއާ ސަރުކާރާ އެކު އެންމެ ފުރަތަމަ މަޝްވަރާކޮށްފައިވަނީ 2013 ވަނަ އަހަރު އޭރުގެ ދިފާއީ ވަޒީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. އެ ދަތުރުފުޅުގައި އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫއެއް ހިންގުމަށްޓަކައި އެ ސަރުކާރުގެ ތަސައްވުރާއި ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ވަނީ ހުށަހަޅާފައި ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

your imageއުތުރު ތިލަފަޅުގެ އެކަތަ ބަނދަރުގެ މަސައްކަތް ކުރުމުގައި ހަރަކާތްތެރިވާ މަސައްކަތްތެެރިން - ފޮޓޯ:ސީއެންއެމް

ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ 2016 ވަނަ އަހަރު ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ސޮއިކުރި "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން ދަ މޯލްޑިވްސް އެންޑް އިންޑިޔާ" ގައިވެސް، އިންޑިއާ ސަރުކާރާ ގުޅިގެން އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫއެއް ހިންގަން އެއްބަސްވެފައިވާ ކަމަށެވެ.

ކުރީގެ ސަރުކާރުން 2013 ވަނަ އަހަރު ހުށަހަޅާފައިވާ ބޮޑު އަސްކަރީ މަޝްރޫއުގެ ސްކޯޕް ހަނިކޮށް، މި ސަރުކާރުން 2019 ވަނަ އަހަރު އުތުރު ތިލަފަޅުގައި ކޯސްޓްގާޑް އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި އެ އުޅަނދުފަހަރު މަރާމާތުކުރާނެ ޑޮކްޔާޑެއް ތަރައްގީ ކުރުމަށް ހަމަޖައްސާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން 40 ހެކްޓަރުގެ ބިން ހިއްކުމާއި މެރިޓައިމް ސެކިއުރިޓީގެ އިތުރުން އެއްބަސްވުމުގައި ހިމެނޭ ޖޮއިންޓް އެންޑް މެނޭޖްމަންޓް ކޮމްޕޯނަންޓް މި ސަރުކާރުން ވަނީ އުނިކޮށްފައެވެ.

އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަަށް ރާއްޖޭން އިންޑިއާ އާއެކު ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރަމުން އަންނަނީ ސިވިލް ކޮންޓްރެކްޓެއްގެ ދަށުން ރެއިލް ވިކާސް ނިގާމް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި