ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު ގެޒެޓްކޮށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
އެ ގަވާއިދުގައިވާ ގޮތުގައި ރާއްޖެ އަންނަންވާނީ އެ އުޅަނދެއްގެ ކަންތައްތަކާ ހަވާލުވާނެ އޭޖެންޓަކު ރާއްޖޭގައި ހަމަޖެއްސުމަށް ފަހުގައެވެ. ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރެވޭނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ގަވާއިދެއްގެ ދަށުން ރާއްޖެ އަންނަ ބޭރުގެ އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރުމުގެ ހުއްދަ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދީފައިވާ ފަރާތްތަކަށް އަދި އެ ސާވިސްއިން ހުއްދަ ދީފައިވާ މުއްދަތަކަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.
ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދުގެ ދަށުން އެކަމާ ގުޅުންހުރި ހުއްދަ ހޯދުމާއި ހުއްދަ ހޯދުމަށް ދައްކަންޖެހޭ ފީ ދެއްކުމަކީ އޭޖެންޓުގެ ޒިންމާއެއް ކަމަށް ވަނީ ބުނެފައެވެ. އޭގެ އިތުރުން ކޮންމެ އުޅަނދެއްވެސް ރާއްޖޭން ފުރައިގެން ދިޔުމުގެ ކުރިން އެ އުޅަނދަކުން ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް ނުވަތަ ޓެކުހެއް އޮތްނަމަ، އެ ފައިސާ ނުވަތަ ޓެކުހެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަކީ އޭޖެންޓުގެ ޒިންމާއެއް ކަމަށް ބުނެއެވެ.
ގަވާއިދުގެ ދަށުން ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވޭނީ އަދި ބަނދަރުކުރެވޭނީ ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ފަހުގައެވެ. އެ ހުއްދަ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އުޅަނދަށް އިންވާޑް ކްލިއަރަންސް ދޭ ވަގުތުން ފެށިގެން 84 ގަޑިއިރު ހަމަވުމުގެ ކުރިން ހޯދަންވާނެ ކަމަށާއި ގަޑި ގުނޭނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ ކަމުގައި އެ ގަވާއިދުގައިވެއެވެ.
އެ ގަވާއިދު ބުނާގޮތުން ބޭރުގެ ޓޫރިސްޓް އުޅަނދު، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިންވާޑް ކްލިއަރަންސް ދޭ ދުވަހުން ފެށިގެން ހަތް ދުވަހަށްވުރެ ދިގު މުއްދަތެއް ރާއްޖޭގައި ހޭދަކުރާނަމަ، އަދި އެ އުޅަނދަކީ 20 މީޓަރަށްވުރެ ބޮޑު އުޅަނދެއްނަމަ ކްރޫސިން ޕާމިޓް ހޯދުމަށްޓަކައި 1،000 އެމެރިކާ ޑޮލަރުގެ ފީއެއް މީރާއަށް ދެެއްކުމުން ކްރޫސިން ޕާމިޓް އޭޖެންޓަށް ދޫކުރަންވާނެ ކަމަށެވެ.
ޗާޓަރު ލައިސަންސް ހޯދުމަށް މިހާރު ދައްކަންޖެހޭ ފީ:
މީގެ ކުރިން އަމަލުކުރަމުން އައި ގަވާއިދުގެ ދަށުން ދިގުމިނުގައި 25 މީޓަރު ހަަމަނުވާ އުޅަނދުފަހަރުން ޗާޓަރު ލައިސަންސް ހޯދުމަށް ދުވާލަކު ދައްކަން ޖެހެނީ 15 ޑޮލަރެވެ. ދިގުމިނުގައި 25 މީޓަރާއި 35 މީޓަރާ ދެމެދު ހުންނަ އުޅަނދުފަހަރުން ދުވާލަކަށް 200 ޑޮލަރު ދައްކަން ޖެހެއެވެ. އަދި 36 މީޓަރާއި 45 މީޓަރާ ދެމެދުގެ އުޅަނދުފަހަރުން ދުވާލަކަށް ދައްކަން ޖެހެނީ 350 ޑޮލަރެވެ.
އޭގެއިތުރުން ދިގުމިނުގައި 46 މީޓަރާއި 75 މީޓަރާ ދެމެދުގެ އުޅަނދުފަހަރުން 450 ޑޮލަރު ދައްކަން ޖެހޭއިރު އެ ގަވާއިދުގެ ދަށުން 75 މީޓަރަށްވުރެ އިތުރުވާ އުޅަނދުފަހަރުން ދުވާލަކު ދައްކަން ޖެހެނީ 600 ޑޮލަރެވެ.