ހޯރަފުށީ އެއާޕޯޓު ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ވަނީ ނިންމާފައި - ފޮޓޯ:އެމްޓީސީސީ
ހޯރަފުށީ އެއާޕޯޓު ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިންމައިފި
ހއ. ހޯރަފުށީ އެއާޕޯޓު ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހޯރަފުށީ އެއާޕޯޓު ޖެޓީ ހެދުމުގެ މަޝްރޫއަކީ 5.65 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

ހޯރަފުށީގައި ތަރައްގީކުރި އެއާޕޯޓާ އެކު ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށްތަކަށް ވަނީ ދަތުރުފަތުރުކުރުމުގައި ވަރަށް ބޮޑު ކުރިއެރުމަކާ ތަސައްލީއެއް ލިބިފައި ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނެފައިވަނީ މޫސުން ގޯސް ދުވަސްވަރު ގަދަފަދަ ގައްލަންދޫ ކަނޑު ހުރަސްކޮށް ހަނިމާދޫ އެއާޕޯޓަށް ހޯރަފުށްޓާއި އެ އަތޮޅު އިހަވަންދޫ އާއި ތުރާކުނާއި އުލިގަމާ އަދި މޮޅަދޫގެ ރައްޔިތުން ކުރި ދަތުރުތައް ވަނީ މިހާރު މާޒީވެގެން ގޮސްފައި ކަމަށެވެ.

ހޯރަފުށީ އެއާޕޯޓާ އެކު 10،000 ރައްޔިތުންގެ އާބާދީއެއް އޮންނަ މި ސަރަހައްދަށް ވަނީ އިގުތިސޯދީ އަދި އިޖުތިމާއީ ދިރުން ގެނުވާފައި ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި ހޯރަފުށި އެއާޕޯޓަށް ކައިރި އެހެން ރަށްތަކުގެ ރަށްވެހިން ދަތުރު ކުރުމުގައި އެ ރަށުގެ ބަނދަރު ބޭނުން ކުރަން ޖެހުމުން، އެއާޕޯޓަށް ދިއުމަށްޓަކައި އިތުރު އެއްގަމު ދަތުރެއްގެ ހޭދަ އޮންނަނީ ކުރަން ޖެހިފައި ކަމުގައެވެ. އޭގެ މައިގަނޑު ސަބަބަކީ އެއާޕޯޓާއި ބަނދަރާ ފުދޭވަރަކަށް ދުރުވުން ކަމަށާއި ނިމިގެން ދިޔަ ހޯރަފުށީ އެއާޕޯޓު ޖެޓީ ހެދުމުގެ މަޝްރޫއުގެ ސަބަބުން ހޯރަފުށި ކައިރީގައިވާ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އިތުރު ދަތުރެއް ނުކޮށް ސީދާ އެއާޕޯޓަށް އާދެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ މިއީ އެ އެއާޕޯޓު ބޭނުން ކުރަމުންދާ ހުރިހާ ފަރާތްތަކަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބޭނެ ކަމެއްގެ ގޮތުގައި އެ ކުންފުނިން ގަބޫލުކުރާ ކަމެއް ކަމަށެވެ.

your imageހޯރަފުށީ އެއާޕޯޓު ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ވަނީ ނިންމާފައި - ފޮޓޯ:އެމްޓީސީސީ

ހޯރަފުށީ އެއާޕޯޓު ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން 18،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 44 މީޓަރުގެ އެއްގަމުތޮށި ލުމާއި އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހެދުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ކޮށްފައެވެ. އަދި 49 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހައި ޖެޓީ ސަރަހައްދު ހިމާޔަތް ކުރުމާއި 51،587 ކިއުބިކް މީޓަރުގެ ޖެޓީ ސަރަހައްދުގެ ބިން ހިއްކުމުގެ އިތުރުން ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ވަނީ ކޮށްފައެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި