އެމްއެސްއެސް އިން ގެނައި ބޯޓަކަށް މަރުހަބާ ކިޔަނީ - ފޮޓޯ: އެމްއެސްއެސް
އެމްއެސްއެސްއިން އާ ބޯޓެއް ގެނެސް އައްޑޫ އާއި ކޫއްޑޫއަށް ދަތުރުތައް ފަށަނީ
މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އަށް އާ ބޯޓެއް ގެނެސް އައްޑޫ ސިޓީ އާއި ގއ. ކޫއްޑޫއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ގައުމީ ޝިޕިން ލައިން، އެމްއެސްއެސްއަށް އާ ބޯޓެއް ގެނައުމަށް ނިންމާފައިވާކަން އިއުލާނު ކުރެއްވީ، އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފެށުން ފާހަގަކުރުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ރައީސް ވިދާޅުވީ ކޮވިޑުގައި ދުނިޔެ ހުއްޓުނު ވަގުތު، އަލަށް އުފެއްދި ސަރުކާރުގެ އާގުބޯޓު ކުންފުނި ދުއްވައި ގަތް ކަމަށާއި ސުމަކުން ފެށި ނަމަވެސް، މިއަދު އެ ކުންފުނީގައި އަމިއްލަ ތިން އާގު ބޯޓު އެބައޮތް ކަމަށެވެ. އިތުރު ބޯޓެއް އަންނަ ޖުލައި މަހު އެ ކުންފުންޏަށް އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ ސީދާ އައްޑޫ ސިޓީގެ ސަރަހައްދީ ބަނދަރަށް ދަތުރުކުރާނެ ބޯޓެއް. މި ބަނދަރުތަކުގެ ސޭލާތައް ހިންގުމަށް ބާރު ދެނީ، މި ދެންނެވި އާގުބޯޓުފަހަރުގެ ސޯބު، އައްޑޫ ސިޓީ ޕޯޓުގެ ސޯބާ އެކުވެ ހިމުންވުމުން،" - ރައީސް ސޯލިހު

އެމްއެސްއެސްއަށް ގެނައުމަށް ނިންމާފައިވާ ބޯޓާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނާޒިމް ވިދާޅުވެފައިވަނީ 15،000 މެޓްރިކް ޓަނުގެ މުދާ އުފުލޭ ޖާގައިގެ އެ ބޯޓު އަންނަ ޖުލައި މަހުގެ މެދެއްހާ ހިސާބުގައި ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

އެ ބޯޓުގައި ސަތޭކަ ވަރަކަށް ކޮންޓެއިނަރު އުފުލޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. ބޯޓުގެ ދަތުރުތައް ކުރާނީ މާލެ އާއި ކޫއްޑޫ އަދި އައްޑޫ އާ ދެމެދު ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އިންޑިއާގައި ދުއްވަމުންދާ އެ ބޯޓު ގަތުމަށް ފައިސާ ދައްކައި ނިންމާފައިވާ ކަމުގައެވެ. އެ ބޯޓަކީ ދުއްވާތާ އަށް އަހަރު ވެފައިވާ ބޯޓެއް ކަމަށާއި ބޯޓުގެ ހާލަތު ރަނގަޅު ކަމަށް ނާޒިމް ވިދާޅުވިއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި