ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފައި - ފޮޓޯ:އެމްޓީސީސީ
ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީން ނިންމައިފި
ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 42.38 މިލިއަން ރުފިޔާއަށް ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ކުރެންދޫއަކީ 2،094 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ރަށުގެ އާބާދީގެ ގިނަ ރައްޔިތުން އާމްދަނީ ހޯދަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. ރަށުގައި މާބޮޑު ކަނޑުމަހުގެ ނުވަތަ ކަންނެލީގެ މަސްވެރިކަމެއް ނެތް ނަމަވެސް ފަރުމަހުގެ މަސްވެރިކަން ކޮށް އުޅެއެވެ.

ރަށްގިރުމުގެ ސަބަބުން ކުރެންދޫއަށް ވަނީ ވަށައިގެން އެތަކެއް ގެއްލުމެއް ލިބި، އެތައް ރުއްގަހެއް ނެތިގެން ގޮސްފައެވެ. ރަށުގެ ހުރިހާ ފަރާތަކުންހެން ގިރަމުން ދިއުމާ އެކު، މި މައްސަލައަކީ ރަށު ރައްޔިތުންގެ ދުވަސްވީ ކަންބޮޑުވުމަކާއި އުދާސްތަކެއް އޮތް ކަމެކެވެ.

your imageކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފައި - ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީން ބުނެފައިވަނީ މިއަދު ނިމިގެން ދިޔަ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ސަބަބުން ކުރެންދޫގެ ވަށައިގެން ގިރަމުންދާ ހުރިހާ ސަރަހައްދެއްހެން ވަނީ ރަށް ގިރުމުން ހިމާޔަތްކުރެވިފައި ކަމަށެވެ. މިއީ ކުރެންދޫގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތައް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިންމު މަޝްރޫއެއް ގޮތުގައި އެ ކުންފުނިން ދެކޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން 10،200 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށް ސަރަހައްދަށް އެޅުމާއި 822 މީޓަރުގެ ސަރަަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 361 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 142 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރެވިފައިވާ ކަމުގައެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި