ޓްރާންސްޕޯޓް މިނިސްޓްްރީން ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީ މިހާރު ހިގަމުންދާ ހުޅުމާލެ ފިޔަަވަހި އެކެއްގައި ހުންނަ، އުމަރު ޒާހިރު އޮފީސް އިމާރާތަށް ކަރަންޓު ދިނުމަށް އިމާރާތުގެ ބޭރުގައި ބަހައްޓާފައިހުރި ވަގުތީ އޮއިލް ޓްރާންސްފޯމަރު، ޑްރައި ޓްރާންސްފޯމަރަކަށް ބަދަލުކުރުމުގެ މަސައްކަތް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި މަޝްރޫއުގެ ކޮންޓްރެކްޓަރާ ގުޅިގެން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްްރީން ބުނެފައިވަނީ ކުރިއަށް އޮތް ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ނިޔަލަށް މަސައްކަތް ކުރުމަށް ނިންމާފައިވާތީ، މަސައްކަތް ހިނގަމުންދާ ވަގުތުތަކުގައި އެ މިނިސްޓްރީން ގިނަ ވަގުތު ކަރަންޓު ކެނޑިފައި ހުންނާނެކަން އަންގާފައިވާ ކަމަށެވެ.
"ވީމާ، 26 އިން 27 މެއި 2023 އަށް ކަރަންޓު ކެނޑިފައި ހުންނަ ވަގުތުތަކުގައި މި މިނިސްޓްރީގެ ހިދުމަތްތައް މެދުކެނޑޭނެ ކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ،" މިނިސްޓްރީގެ އިއުލާނުގައިވެއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ހިދުމަތް މެދުކެނޑުމާ ގުޅިގެން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމުގައެވެ.