ޑަބަލް ޓެކްސް އެވޮއިޑެންސް އެއްބަސްވުމެއްގައި ރާއްޖެ އާއި މެލޭޝިއާ ދެމެދު ސޮއިކުރުން - ފޮޓޯ:ފިނޭންސް މިނިސްޓްރީ
ޑަބަލް ޓެކްސް ނެގުން ހުއްޓުވަން ރާއްޖެ އާއި މެލޭޝިއާއިން އެއްބަސްވުމެއްގައި ސޮއިކޮށްފި
އެެއް މުއާމަލާތަކުން ދެ ފަހަރު ޓެކްސް ނެގުން މަނާ ކުރާ، ޑަބަލް ޓެކްސް އެވޮއިޑެންސް އެއްބަސްވުމެއްގައި ރާއްޖެ އާއި މެލޭޝިއާ ދެމެދު ސޮއިކޮށްފިއެވެ.

މެލޭޝިޔާގެ ޕާލަމެންޓް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއެވެ. މެލޭޝިއާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޑެޕިއުޓީ ފިނޭންސް މިނިސްޓަރު އަހްމަދު މަސްލާންއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޗެއާޕާސަން އަހުމަދު ސަރުވަޝް އާދަމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާއްޖެ އާއި މެލޭޝިއާ ދެމެދު ސޮއިކުރެވުނު މި އެއްބަސްވުމާ އެކު ދެ ގައުމުގެ ދެމެދު ކުރެވޭ ވިޔަފާރި މުއާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރު ޓެކްސް ނެގުން ހުއްޓުވައި، ޓެކުހާ ގުޅޭ މައުލޫމާތުތައް ބަދަލުކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ ޑަބަލް ޓެކްސް ނެގުމުގެ ނުރައްކާ ނައްތާލުމާއި ކޮންމެ ދައުލަތެއްގެ ޓެކްސް ނެގުމުގެ ހައްގުތައް ސާފުކޮށްދިނުން ކަމަށެވެ. އެކަމުގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކުގެ ޔަގީންކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި މެލޭޝިޔާ އާ ދެމެދު އޮންނަ އިގުތިސޯދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި