ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ފްލެޓުތަކެއް: ފްލެޓުތަކުގައި ކުލަލުމުގެ މަސައްކަތުގެ ފުރަތަމަ ފޭސްގެ މަސައްކަތް ނިމިފައިވާ ކަމަށް އާބަންކޯއިން ވަނީ ބުނެފައި - ފޮޓޯ:މިހާރު
ފްލެޓުތަކުގައި ކުލަލުމުގެ މަސައްކަތުގެ ފުރަތަމަ ފޭސްގެ މަސައްކަތް ނިންމައިފި
ފްލެޓުތައް މަރާމާތުކޮށް، ފްލެޓުތަކުގައި ކުލަލުމުގެ މަސައްކަތްތަކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމިފައިވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ ހުޅުމާލޭގެ 1000 (ވެށިފަހިމާލެ) ފްލެޓް މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވިފައިވާ ފްލެޓް ނަންބަރު 83 އިން 112 އަށް އެއްމެދު އިމާރާތްތަކުގެ ބޭރުފާރުގެ ކުލަ އާކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެ ކޯޕަރޭޝަނުން ވަނީ ފަށާފައި ކަމަށެވެ. އެ މަސައްކަތުގެ ދަށުން އިމާރާތުގެ ބޭރު ފާރާއި ފްލެޓުތަކުގެ ބެލްކަނީގެ އެތެރެފާރުގައި ވަނީ ކުލަލެވިފައި ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނެފައިވަނީ ފްލެޓުތަކުގައި ކުލަލުމުގެ އިތުރުން ފްލެޓުގެ ރެނދު ބެއްދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރެވެމުންދިއަ އެ މަސައްކަތްތައް ނިންމާލައި ބާކީ ހުރި ފްލެޓްތަކުގެ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނީ ފުރަތަމަ ފިޔަވަހީގައި ޖުމްލަ 30 އިމާރާތެއް (504 ޔުނިޓް) ގެ ބޭރު ފާރުގެ މަރާމާތާއި ކޮމަން އޭރިއާގެ މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ. 

އާބަންކޯއިން ބުނި ގޮތުގައި މިހާރު ބާކީ ހުރި ފްލެޓުތަކުގެ ތެރެއިން، 113 އިން 138 ވަނަ ފުލެޓާ ހަމައަށް މި މަސައްކަތްތައް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައި ކަމުގައެވެ. ކޮންމެ އިމާރާތެއްގެ މަސައްކަތް ފެށުމުގެ ކުރިން އެ އިމާރާތުގެ ފްލެޓުތަކަށް ނޯޓިސް ދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ފްލެޓުތަކުން އެ ފްލެޓުތަކުގެ ބެލްކަނީގެ ފާރުގައި ކުލަލުމަށް މަސައްކަތްތެރިންނަށް މަގުފަހިކޮށްދިނުމަކީ އެ ފްލެޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ.

އިމާރާތުގެ ބޭރު ފާރުގައި ކުލަލުމަށް ގުންގު/ސިޑި ފަދަ ތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، އިމާރާތުގެ ބޭރުގައި ބެހެއްޓިފައިވާ ގަސްމުށި، ހަރު، ފެންސު، އިމާރާތުގެ އާންމު ބައިތަކުގައި ބެހެއްޓިފައިވާ ތަކެއްޗާއި އިންދާފައިވާ ގަސް އަދި އެހެނިހެން ހިފާ ގެންގުޅޭ ތަކެތި އެއްކައިރި ކުރުމަކީ ނުވަތަ ނެގުމަކީ އެތަކެތީގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް ވެސް އާބަންކޯއިން ބުނެއެވެ.

ހުޅުމާލޭގައި އިމާރާތް ކުރެވިފައިވާ ގިނަ ހައުސިން މަޝްރޫއުތަކެއް ބަލަހައްޓައި މަރާމާތުގެ މަސައްކަތް އެ ކޯޕަރޭޝަނުގެ ފަރާތުން ކުރަމުންދާއިރު، މި މަސައްކަތްތަކަކީ ތާވަލު ކުރެވިގެން ގަވާއިދުން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނެފައިވަނީ އެގޮތަށް މި މަސައްކަތްތައް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި