އާރްޓީއެލްގެ ފެރީތަކެއް. -- ފޮޓޯ: އެމްޓީސީސީ
ޖުލައި މަހު އާރްޓީއެލްގެ ހިދުމަތް ހުވަދު އަތޮޅަށް ލިބޭނެ: އަސްލަމް
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިިދުމަތް ޖުލައި މަހުގެ ތެރޭގައި ހުވަދު އަތޮޅުގެ ރަށްތަކަށް ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

ސައީދު ވަނީ އާރްޓީއެލްގެ ހިދުމަތް ހުވަދު އަތޮޅަށް ލިބޭނީ ކޮން ދުވަހަކުންތޯ މިނިސްޓަރާއި ސުވާލު ކުރައްވާފަ އެވެ. 

ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ހައުސިން މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދަނީ ޖުލައި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އާރްޓީއެލްގެ ހިދުމަތް ހުވަދު އަތޮޅަށް ދިނުމަށް ކަމަށެވެ. 

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ ޖުލައި މަސް ފުރަތަމަ ހަފްތާގައި އާރްޓީއެލްގެ ހިދުމަތް ހުވަދު އަތޮޅުގެ ގއ. ގދ. ގައި އެ މަސައްކަތް ފަށައި ގަތުމަށް،" - އަސްލަމް

އަސްލަމް ވިދާޅުވީ ދާދިފަހުންވެސް މި މަސައްކަތުގައި އުޅޭ ޓީމަކުން ހުވަދު އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި މިދަތުރުގައި އާރްޓީއެލްގެ ހިދުމަތް ދިނުމުގައި އަތޮޅުގެ ރައްޔިތުންގެ ވިސްނުން ހުރިގޮތް ބެލި ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. 

ހުވަދު އަތޮޅަށް އާރްޓީއެލްގެ ހިދުމަތް ފަށައިގަންނާނީ ހަ އުޅަނދާ އެކު ކަމަށާއި ޖުލައި މަސް ނިމެންވާއިރަށް އަށް އުޅަނދަށް އިތުރުވެގެން ދާނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. 

ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓު ލިންކު”ގެ ހިދުމަތުގެ ފުރަތަމަ ފިޔަވަހި ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން 12 ވަނަ ދުވަހު އެވެ. 

ފުރަތަމަ ފިޔަވަހީގެ ދަށުން އާރްްޓީއެލް ހިދުމަތް ދޭން ފެށީ، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށެވެ. ދެވަނަ ފިޔަވަހީގެ ދަށުން ޅ. އަތޮޅަށްވެސް މިހާރު ވަނީ އާރްޓީއެލްގެ ހިދުމަތް ދޭން ފަށާފަ އެވެ. މި ހިދުމަތް ޅ. އަތޮޅަށް ފަށައިފާ ވަނީ ނޮވެމްބަރު 21، 2022 ގަ އެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި