ފުލުހުން މިއަދު ބުނީ ގައްބަރޭ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) ހޯދަން ފުލުހުން އިއުލާންކުރީ މިދިޔަ ހަފްތާގައެވެ.
ފުލުހުން ކުރި އިއުލާނުގައި ބުނެފައިވަނީ އިބްރާހިމް އަބްދުﷲ ހޯދަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށްޓަކައި ކަމަށެވެ.
ގައްބަރޭއަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ. އެމްޑީޕީގެ ވެބްސައިޓުގައިވާ ގޮތުން ގައްބަރޭއަކީ އެމްޑީޕީގެ މައްޗަށް ގޮޅީ ދެކުނު ދާއިރާގެ ރައީސް އެވެ.