ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބެލިބެލުމުން، މާލޭގެ ގެއެއްގައި އާޓިފިޝަލް ފާމެއް ހަދައިގެން މެރުއާނާ ހައްދަމުން ދިޔަކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ޒުވާން ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް މިއަދުވަނީ އަމުރުކޮށްފައެވެ.
އާޓިފިޝަލް ފާމެއް ހަދައިގެން މެރުއާނާ ހައްދަމުން ދިޔަކަމަށް ތުހުމަތު ކުރެވޭ މީހާގެ ގެ ބަލައި ފާސްކުރިއިރު، ގިނަ އަދަދެއްގެ ފައިސާއާ މަސްތުވާތަކެތި މިނެކިރަން ބޭނުން ކުރާ ސާމާނުވެސް ފެނިފައިވެއެވެ.
މި މަހު މީގެ ކުރިންވެސް މާލޭގެ ގެއަކުން މެރުއާނާ ގަހެއް ފެނިގެން މީހަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހާފައިވެއެވެ. ގަލޮޅު ގެއެއްގައި މެރުއާނާ ގަހެއް ހުރިކަމަށް ފުލުހުންނަށް ޝައްކުވެގެން ބަލައި، ހައްޔަރުކޮށްފައިވަނީ އުތުރުގެ ރަށަކަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުންވަނީ މުއްދަތު ދީފައެވެ.
އެ މައްސަލައިގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި ގަލޮޅު ގެއެއްގެ ދޮރުމަތީގައި މެރުއާނާ ގަހެއް ކަމަށް ޝައްކު ކުރެވޭ ގަހެއް ހުރިތަން ފުލުހުންނަށް ފެނިގެން އެއީ ކާކުގެ ގަހެއްތޯ ބެލުމަށް މަޑުކޮށްގެން ތިއްބާ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ އައިސް އެއީ އޭނާގެ ގަހެއް ކަމަށް ބުންޏެވެ. އަދި މަތީގައި ބެލްކަނީގައިވެސް އޭގެ ގަސް ހުންނާނެ ކަމަށް އެ މީހާ ބުނި ކަމަށް ބަންދު އަމުރު ރިޕޯޓުން އެނގެން އޮވެއެވެ.
މި މަހުގެ ތެރޭގައި މާލޭގައި މެރުއާނާ ގަސްތަކެއް ދެ މައްސަލަ ފެންމަތިވީއިރު، އެކަމާ ގުޅޭ ގޮތުން ފުލުހުން އަދި ވާހަކަ ދައްކާފައެއް ނުވެއެވެ.