އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ އެއްބަޔަކު އަނެއް ބަޔަކާ ގުޅުން ބަދަހި އަދި އެކުއެކީގައި އުޅޭ މުޖުތަމައުއެއްގެ ގޮތުގައި ބިނާކުރުމަށް ކަމަށެވެ.
މި މަގުސަދުގައި މިއަދު ހަވީރު 4:00 އިން ފެށިގެން 6:00 އަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބާބަކިއު ސަރަހައްދުގައި ބޭއްވި ހަވީރަކީ ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބިގެން ދިޔަ އާއިލީ ހަވީރެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން ބުނި ގޮތުގައި ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި މި އާއިލީ ހަވީރަކީ މާހެފުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަވީރެއް ކަމުގައެވެ. މި މާހެފުމުގައި ކާތަކެތި ތައްޔާރު ކުރުމާއި މުޅި މާހެފުން ރާވާ ހިންގުމަށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އެ ކޯޕަރޭޝަނަށް ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެ ރައްޔިތުންނަށް ބޭއްވި އާއިލީ ހަވީރަށް ވަނީ ހޫނު ތަރުހީބެއް ލިބިފައި - ފޮޓޯ:އެޗްޑީސީ
އެޗްޑީސީން ހިންގާ މިފަދަ ހުރިހާ ހަރަކާތަކަށް ވެސް ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ. އެކަމަށް ޓަކައި އެންމެހާ ފަރާތްތަކަށް އެ ކޯޕަރޭޝަނުގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.