ސީއެމްޑީއޭގެ ސިއީއޯ މުހައްމަދު ހުސައިން މަނިކު - ފޮޓޯ:ސީއެމްޑީއޭ
ރަޖިސްޓްރީ ނުކޮށް ހިންގާ ސްކީމަކުން ގެއްލުން ލިބިފައިވާ ނަމަ އަންގަން އެދިއްޖެ
ރާއްޖޭގެ މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނާ ހިލާފަށް އަދި ރަޖިސްޓްރީ ނުކޮށް ހިންގާ ސްކީމެއްގައި ބައިވެރިވެގެން ގެއްލުމެއް ލިބިފައިވާ ނަމަ، އެކަން ހުށަހެޅުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެދިއްޖެއެވެ.

ސީއެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކާ އެއްގޮތަށް އެ ކަމަށް ނަގަން ޖެހޭ ހުއްދަ ނުނަގައި، މާލީ ސްކީމުތައް ހިންގުމަކީ ނުވަތަ އެ ގޮތަށް ދޭހަވާ ފަދަ ގޮތަކަށް އިޝްތިހާރުކޮށް އަމަލުކުރުމަކީ މަނާކަމެއްކަން މީގެ ކުރިން ވެސް އަންގާފައިވާނެ ކަމަށެވެ.

މިދިޔަ އަހަރު ނެރުނު އެ އިއުލާނުގެ ދަށުން، އެ އޮތޯރިޓީގައި ރަޖިސްޓްރީ ނުކޮށް ހިންގާ ސްކީމެއްގައި ބައިވެރިވެގެން ގެއްލުން ލިބިފައިވާ އިންވެސްޓަރުންގެ މައްސަލަތައް މިހާރު ބަލަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ސީއެމްޑީއޭއިން އެދިފައިވަނީ މި ފަދަ ސްކީމަކުން އިންވެސްޓަރަކަށް އެއްވެސް މާލީ ގެއްލުމެއް ލިބިފައިވާ ނަމަ އެ އޮތޯރިޓީއަށް އެކަން އެންގުމަށެވެ. އެގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި އެ އޮތޯރިޓީގެ އީމެއިލް، [email protected] މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ސީއެމްޑީއޭއިން ވަނީ އެދިފައެވެ.

0%
އުފާވި
100%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި