އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަންގެ މުވައްޒަފަކު ވައްކަން ކުރިކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ބެލި އިރު އޭނާ ތިޖޫރީން ވައްކަން ނުކުރާ ކަމަށެވެ.
އެޗްޑީސީން ބުނީ ފުރަތަމަ މި މައްސަލަ ބަލަން ފެށުނީ އެ ކޯޕަރޭޝަންގެ މުވައްޒަފަކު އާންމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރެކޮންސައިލްނުކޮށް އަމިއްލަ ބޭނުމަށް ނެގިކަން އެ ކޯޕަރޭޝަނަށް އެނގުމުން ކަމަށާއި، އެ މުވައްޒަފު އެކަމަށް އިއުތިރާފް ވުމުން އެމީހާ ވަޒީފާއިން ވަކި ކުރި ކަމަށެވެ.
މައްސަލައިގެ ތަހުގީގުގެ ތެރެއިން އޮފީހުގައި ހުންނަ ސީސީޓީވީ ކެމެރާއިން ބަލައި، މި މުވައްޒަފު ވައްކަން ނުކުރާ ކަމަށް އެޗްޑީސީން ވަނީ ކަށަވަރު ކޮށްދީފައެވެ.
އެ ކޯޕަރޭޝަންގައި ގާއިމް ކުރެވިފައިވާ އިންޓާނަލް ކޮންޓްރޯލް އަދި އިންޓާނަލް އޮޑިޓް އުސޫލުތަކުގެ ތެރެއިން ވައްކަން ކުރުން ފަދަ އަމަލުތަކަށް ޖާގައެއް ނެތް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.