ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން މިއަދު މާލޭގެ 12 ސަރަހައްދެއް ސާފުކޮށްފައިވޭ - ފޮޓޯ:ބީއެމްއެލް
ބީއެމްއެލްގެ މުވައްޒަފުން މާލޭގެ 12 ސަރަހައްދެއް ސާފުކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އިސްނަގައިގެން މިއަދު މާލޭގެ 12 ސަރަހައްދެއް ސާފުކޮށްފިއެވެ.

ބީއެމްއެލުން ބުނީ އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާރުކޭޓު ސަރަހައްދު ހިމެނޭހެން އާންމު ތަންތަނާއި މޫދު ސާފުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ލޯކަލް މާރުކޭޓުގައި ކުލަލާފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ. ބީއެމްއެލުން ބުނެފައިވަނީ އެ ބޭންކުގެ 200 އެއްހާ މުވައްޒަފުން މި ހަރަކާތުގައި ބައިވެރިވެފައިވާ ކަމަށެވެ.

ބީއެމްއެލުން ބުނިގޮތުގައި މި ހަރަކާތް ހިންގާފައިވަނީ މާލޭ ސިޓީ ކައުންސިލާއި ޑައިވް ޑެސްކް އާ ގުޅިގެން މިއަދު ހެނދުނު 6:30 އިން ފެށިގެން 9:00 އަށް ކަމުގައެވެ.

މިއީ މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރާ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސް އާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށް އެ ބޭންކުން ބުނެއެވެ.

"މި ސަރަހައްދުތަކުގައި ވަރަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅާއި ފުޅި ހުރި. އެއް ނަންބަރު ފާލަން ކައިރިއަށް ކުރި ޑައިވްގައިވެސް ޓަޔަރާއި ފުޅިފަދަ ތަކެތި ނެގުނު. އަދި ވަކިން ހާއްސަކޮށް ނެޓް ބޭނުންކޮށްގެން މަސްމާރުކޭޓު ކުރިމަތީގެ ފަޅުތެރެވެސް ސާފުކޮށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އާއި ކޮތަޅު ނެގުނު. މި ހަރަކާތުގައި މުވައްޒަފުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނު. ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި މާލޭ ސިޓީ ކައުންސިލުން ވެދެއްވި އެހީތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވަން،" ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވިއެވެ. 

your imageބީއެމްއެލްގެ މުވައްޒަފުން ލޯކަލް މާރުކޭޓުގައި ކުލަލަނީ - ފޮޓޯ:ބީއެމްއެލް

ބީއެމްއެލުން ބުނީ މާލެއިން ގާތްގަނޑަކަށް ޖުމްލަ އަށް ޓަނުގެ ކުނި ނަގާފައިވާ ކަމަށާއި ޕާލޭގެ ޖަމްބޯ ބޭގުގެ ހަ ބޭގް ޕްލާސްޓިކް ރީސައިކަލް ކުރުމަށް ޕާލޭ އާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ބޭންކުގެ މުވައްޒަފުން އަންނަނީ ދޭތެރެދޭތެރެއިން މިފަދަ ހަރަކާތްތައް ހިންގަމުން ކަމަށް ބީއެމްއެލުން ބުނެއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި