އެޗްޑީސީން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ވެސް އެއްބަޔަކު އަނެއް ބަޔަކާ ގުޅުން ބަދަހި އަދި އެކުއެކީގައި އުޅޭ މުޖުތަމައުއެއްގެ ގޮތުގައި ބިނާކުރުމަކީ އެ ކޯޕަރޭޝަނުން އަބަދުވެސް އެދޭ ކަމެއް ކަމަށެވެ. އެކަން ކަށަވަރުކުރުމަށްޓަކައި އެ ކޯޕަރޭޝަނުން މީގެ ކުރިން ވެސް އެކި ކަހަލަ ހަރަކާތްތައް ރާވައި ހިންގާފައިވާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުގެ މަތިން އެ ކޯޕަރޭޝަނުން މިހާރު ވަނީ ހުޅުމާލޭގެ ރައްޔިތުންނަށް ހާއްސަ އާއިލީ ހަވީރެއް ބާއްވަން ނިންމާފައި ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން ބުނި ގޮތުގައި ރޯދަ މަސް ފެށެން ގާތްވެފައިވާއިރު، އެ ކޯޕަރޭޝަނުގެ ފަރާތުން ބާއްވާ މި އާއިލީ ހަވީރަކީ ހުޅުމާލޭގެ ރައްޔިތުންނަށް އެ ކޯޕަރޭޝަނުން ދޭ މާހެފުމެއްގެ ގޮތުގައި ބާއްވާ ހަވީރެއް ކަމުގައެެވެ.
ކުދި ބޮޑު ހުރިހާ ރައްޔިތުންނަށް ވެސް ބައިވެރިވެވޭ މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 އިން ފެށިގެން 6:00 އަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބާބަކިއު ބީޗު ސަރަހައްދުގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން ބުނެފައިވަނީ ހުރިހާ ފަރާތްތަކަށްވެސް މި ހަވީރުގައި ބައިވެރިވުމަށް ދައުވަތު ދޭ ކަމަށެވެ.