ދިރާގުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސަބްމެރިން ކޭބަލް ޕްރޮޖެކްޓަށް އައިއެފްސީން އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމާފައި - ފޮޓޯ:ދިރާގު
ރާއްޖެއާއި ބޭރު ގުޅާލާ ކޭބަލަށް އައިއެފްސީން 294 މިލިއަން ރުފިޔާ
ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސަބްމެރިން ކޭބަލް ޕްރޮޖެކްޓަށް އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން 19.1 މިލިއަން ޑޮލަރު (294.5 މިލިއަން ރުފިޔާ) ދޭން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އައިއެފްސީން ދިރާގަށް އެހީ ދިނުމަށް ނިންމާ ސޮއިކުރި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ޑިޖިޓަލް އިގުތިސޯދެއް ބިނާކޮށް، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި އިންވެސްޓްމަންޓާ އެކު، އިރުމަތީ އޭޝިއާ އާއި މެދު އިރުމަތި އަދި ދެކުނު ޔޫރަޕް ގުޅާލާ ސަބްމެރިން ކޭބަލް (އެސްއެމްޑަބްލިއު6) އާ ރާއްޖެ ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ.

އައިއެފްސީ އާއެކު ވެވުނު އެއްބަސްވުމާ ގުޅޭގޮތުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ މި އިންވެސްޓްމަންޓުގެ ސަަބަބުން ލޭޓެންސީ ކުޑަކޮށް، އިންޓަނެޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަގު ހެޔޮކުރެވިގެން ދާނެ ކަމަށެވެ.

އައިއެފްސީން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަލްވަރޭޒް ވިދާޅުވި ގޮތުގައި ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވުމުން މުވާސަލާތީ ހިދުމަތްތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ގޮންޖެހުންތައް އެބަހުރި ކަމުގައެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުވުމަކީ ހިދުމަތް ފޯރުކޮށްދޭން ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް އޮތް ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، އައިއެފްސީގެ އިންވެސްޓްމަންޓާ އެކު ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަލުވި އަދި އިތުބާރު ހުރި ގުޅުންތަކެއް ގާއިމުވެގެން ދިއުމުން ހިދުމަތް ހޯދާ ފަރާތްތަކަށް ފައިދާ ކުރާނެ ކަމަށް އަލްވަރޭޒް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އައިއެފްސީން ވަނީ ދިރާގުގެ ކެޕިޓަލް ހަރުދަނާކޮށް، ކެޕިޓަލް އިންވެސްޓްމަންޓްތަކަށް ހޭދަކުރުމަށް 15.9 މިލިއަން ޑޮލަރު (245.1 މިލިއަން ރުފިޔާ) ދީފައެވެ. އައިއެފްސީގެ އެ އިންވެސްޓްމަންޓުގެ ދަށުން، ދިރާގުން ވަނީ 5ޖީ ހިދުމަތާއި ހައި ސްޕީޑު ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ފުޅާކޮށްފައެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި