ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އުމުރުން 25 އަހަރުގެ ފައިހް ހޯދުމަށް ފުލުހުން މިއަދު އޭނާގެ މައުލޫމާތާއެކު އާންމުކޮށްފަ އެވެ.
އޭނާގެ ފޮޓޯ އާ އެކު މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ފުލުހުން އާއްމުކުރި މައުލޫމާތުގައި ބުނިގޮތުގައި އޭނާ ހޯދުމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެގޮތުން ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން އޭނާ މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިބްރާހީމް ފައިހް ނިޒިމާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓަމްންޓްގެ ނަންބަރު 9911099 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން މިއަދު ވަނީ އެދިފަ އެވެ.
ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ފައިހް ހޯދަން އުފުލުން އިއުލާނުކުރި އިރު، ވިލިމާލޭ ފެރީޓާމިނަލް ސަރަހައްދުގައި ފެބްރުއަރީ 14 ވަނަ ދުވަހު، ޒުވާނަކަށް ހަމަލާދީ ވަނީ ޒަހަމްކޮށްލާފައެވެ. އެ މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.