ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓެއް - ފޮޓޯ:ބީއެމްއެލް
ބީއެމްއެލުން ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
މި އަހަރުގެ ފުރަތަމަ ފިޔަވަހީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ބީއެމްއެލް ބުނީ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެން ދާނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ކަމަށެވެ. ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓް ތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓުތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ އާ ހަމަޔަށް އެހީ ދިނުމަށް ވަނީ ކަނޑައެޅިފައި ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލުން ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ޖުމްލަ 20 ޕްރޮޖެކްޓެއް ހިންގުމަށް މި ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

ބީއެމްއެލުން ބުނި ގޮތުގައި ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ މި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރޭ 11:59 ކަމުގައެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު ހުށަހެޅޭނީ އީމެއިލް މެދުވެރިކޮށް ކަމަށާއި އީމެއިލް ފޮނުވާނީ [email protected] އަށް ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލުން ބުނީ އެ ކުންފުނީގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެއް ކަމަށެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދެވިފައިވާ ކަަމަށް އެ ބޭންކުން ބުނެއެވެ.

ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތު www.bankofmaldives.com.mv/community-fund ބޭންކުގެ ވެބްސައިޓުން ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި