މާއުނގޫދޫ ސްކޫލުގައި ބީއެމްއެލް އިން ބޭއްވި ސެޝަނެއްގެ ތެރެއިން: ފޮޓޯ ބީއެމްއެލް
އެކައުންޓުތަކުން ފައިސާ ގެއްލޭ ގޮތް ބީއެމްއެލްއިން ކިޔައިދީފި
ދިވެހިރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓުތަކުގައި ހުރި ފައިސާ ގެއްލޭކަމުގެ ޝަކުވާ އިތުރުވެފައިވަނިކޮށް، ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލެނީ ކިހިނެތްކަން އެ ބޭންކުން މިއަދު ކިޔައިދީފިއެވެ.

ބީއެމްއެލްއިން މިއަދު މީސްމީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ވަނީ މިސާލެއްގެ ގޮތުން އަލީ ކިޔާ މީހެއްގެ އަތުން 25،000 ރުފިޔާ ގެއްލުނުގޮތް ކިޔައިދީފައެވެ. 

އެގޮތުން އެ ޕޯސްޓުގައިވާގޮތުން އަލީގެ ކާޑު ގެ ޕިންކޯޑު ވެސް އަދި އިންޓަނެޓް ބޭންކިންގެ ލޮގިން ވެސް އެއްވެސް މީހަކަށް އޭނާ ނުދެއެވެ. ނަމަވެސް އޭނާގެ އެކައުންޓުން ފައިސާ ގެއްލުނީއެވެ. 

އަލީގެ ފައިސާ އެނާގެ އަތުން ގެއްލުނީ މީހަކު އޮޅުވާލައިގެން ކުރި މެސެޖެއްގެ ސަބަބުންނެވެ. 

"އެ މެސެޖުގައި ވަނީ ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އާއި އެއްގޮތައް ތައްޔަރުކޮށްފައިވާ ޕޭޖެއްގެ ލިންކު، އަލީ އެ ޕޭޖުގައި ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޔޫސާ ނޭމް އަދި ޕާސް ވޯޑު ޖަހާ،" ބީއެމްއެލްގެ ޕޯސްޓުގައި ބުނެފިއެވެ.

އެ ޕޭޖަށް ވަނުމުގެ ސަބަބަބުން އަލީގެ އެކައުންޓުގެ ލޮގިން ޑީޓެއިލްގެ އިތުރުން އޭނާގެ އީމެއިލްގެ އެކްސެސްވެސް ހެކްކުރާ މީހުނަށް ލިބުނުކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި އެ މައުލޫމާތު ބޭނުންކޮށްގެން އަލީގެ އެކައުންޓުން 25،000 ރުފިޔާ ވަގަށްނެގީކަމަށް ވެސް ބުނެފައިވެއެވެ. 

މިފަދަ މަޅިތަކުން ސަލާމަތް ވާނީ ކިހިނެތް؟  

މިފަދަ މަކަރުވެރި ލަނޑުތަކުން ސަލާމަތްވާން އަޅާނެ ތިން ފިޔަވަޅެއް ބީއެމްއެލްއިން ވަނީ މިއަދު ކިޔައިދީފައެވެ. 

ފުރަތަމަ ކަމެއްގެ ގޮތުން އެ ބޭންކުން ފޮނުވާ އެއްވެސް މެސެޖެއްގައި ލިންކެއް ނުހުންނާނެކަމަށް އެ ބޭންކުން ބުނެއެވެ. 

ދެވަނަ ކަމެއްގެ ގޮތުން ވެބްސައިޓުގެ ލިންކު ފެށޭއިރު https ނެތް ވެބްސައިޓަކަށް ނުވަނުމަށް ވަނީ އެދިފައެވެ. 

ތިންވަނަ ކަމެއްގެ ގޮތުން ބީއެމްއެލްގެ އިންޓަނެޓު ބޭންކިން ވެބްސައިޓަށް އަމިއްލައަށް ވަދެގެން ނޫނީ އިންޓަނެޓު ބޭންކިން ބޭނުން ނުކުރުމަށް ވެސް ވަނީ އެދިފައެވެ. 

އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ ބޮޑު: 

ބައެއް ރިޕޯޓުތައް ބުނާގޮތުން ގައުމީ ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓުގެ މައުލޫމާތުތަކެއް ވަނީ ލީކުވެފައެވެ. 

އެ މައްސަލަތަކާ ގުޅޭގޮތުން ބީއެމްއެލުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބޭންކުން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް އެހެން މައުލޫމާތެއް އާންމުވެފައި ނުވާނެ ކަމަށާއި ކަސްޓަމަރުން ނުކުރާ މުއާމަލާތްތައް ހިންގާފައިވާ ކާޑުތައް ބްލޮކްކޮށްފައިވާ ކަމަށެވެ.

"ބައެއް ފަހަރު ސްކޭމް ހިންގާ ފަރާތްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާޗަންޓުންނާއި އީކޮމާސް މާޗަންޓުންގެ ޕޭމަންޓް ސިސްޓަމަށް ވަދެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތައް ވަގަށް ނަގާ. އެފަދަ ގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި މުޅި ދުނިޔެއަށް ބަލާއިރު އެތައް މިލިއަން ކަސްޓަމަރުންނަށް އެކަމުގެ އަސަރުކުރާ ކަމެއް،" -ބީއެމްއެލް-

އެ ބޭންކުން ބުނީ މާޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، މާލީގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ.

ޑިސްޕިއުޓް މަރުހަލާ ނިމުމާއެކު ކަސްޓަމަރުންނަށް ރީފަންޑް ލިބޭނެ ކަމަށްވެސް ބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިދޭތެރެއިން ބީއެމްއެލްގެ އެކައުންޓަކުން އެއް މިލިއަން ރުފިޔާ ގެއްލުނުކަމަށް ދެކެވުނު ވާހަކަ އެ ބޭންކުން ވަނީ ދޮގުކޮށްފައެވެ.  

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ. އަދި އެ މައްސަލައަށް މިހާރު އެ މައްސަލަ އޮތީ މަޖިލީހުން ބަލައިގަނެ ބަހުސް މަރުހަލާގައެވެ. 

މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ މުގައްރިރު އިލިޔާސް ލަބީބް ވަނީ ބޭންކް އޮފް މޯލްޑިވްސް އާއި ސުވާލުކުރަށް ކޮމެޓީއަށް ހާޒިކުރާނެކަމަށް ވިދާޅުވެފައެވެ.  

33%
އުފާވި
8%
މައުލޫމާތު މުއްސަނދިވި
25%
ދެރަވި
33%
ރުޅިއައި