ބީއެމްއެލުން ބުނީ މި ދުވަސްވަރު ހައުސިންގެ ނަމުގައި ފޯނުކޯލާއި އެސްއެމްއެސް މެދުވެރިކޮށް އޮޅުވާލައިގެން ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެފަދަ ބައެއް ކޯލްތަކުގައި އެދޭ މައުލޫމާތުދީގެން ބައެއް ކަސްޓަމަރުން އަތުން ފައިސާ ހޯދާފައިވާކަމުގެ ޝަކުވާ އެ ބޭންކަށް ލިބެމުންދާ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ބުނެފައިވަނީ މި ގޮތަށް ފައިސާ ހޯދާ ފަރާތްތަކަށް ފުރުސަތު ނުދިނުމުގެ ގޮތުން އެއްވެސް މައުލޫމާތެއް އެހެން މީހުންނާ ހިއްސާ ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެކި ނަންނަމުގައި މީހުން ގުޅާ، ޒާތީ މައުލޫމާތު ހޯދާ ފައިސާ ފޭރެމުންދާތީ ބީއެމްއެލްއިން ތަކުރާރުކޮށް އާންމުން އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތްކޮށް، އެފަދަ މައުލޫމާތު ހިއްސާ ނުކުރުމަށް ދަނީ އެދެމުންނެވެ.
"މިހަފުތާގައި ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު ފޭސްބުކް ޕޭޖުތަކުން މުދާ ގަތުމަށް ފައިސާ ދެއްކުމުން އެ މުދަލެއް ނުދީ، ފައިސާ ފޮނުވި ފަރާތް ބްލޮކްކޮށް އިތުރު އެއްވެސް މުއާމަލާތެއް ނުކުރާ ކަމުގެ ޝަކުވާ ލިބޭ. މިކަން ހިނގާގޮތަށް ބަލާއިރު ފައިސާ ފޮނުވާ ފަރާތަށް އެ ޕޭޖާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުހުރޭ. އެހެންކަމުން ކާކުކަން ނޭނގޭ ފަރާތްތަކާ އެކު ފައިސާގެ މުއާމަލާތް ނުކުރުމަށް އިލްތިމާސްކުރަން،" ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެކި ގޮތްގޮތަށް ކަސްޓަމަރުންނަށް އޮޅުވާލައިގެން މައުލޫމާތު ހޯދައި އެމައުލޫމާތު ބޭނުންކޮށްގެން އެކައުންޓުން ފައިސާގެ މުއާމަލާތްތައް އަދިވެސް އެބަ ހިންގާ ކަމަށެވެ. ބީއެމްއެލްއަށް ހުށަހަޅާ މައްސަލަތަކަށް ބަލާއިރު އެފަދަ މީހުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ފޯނުކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަނެޓް ބޭންކިންގެ ޔޫސާ ނޭމް އާއި ޕާސްވޯޑް ހޯދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސައީދު ވިދާޅުވެފައިވަނީ ކަސްޓަމަރުންނަށް އީމެއިލް އެޑްރެހާއި ފޯނަށް އަންނަ އޯޓީޕީވެސް ހިއްސާކުރެވިފައި ހުންނަ ކަމަށާއި ބޭންކަށްވެސް އަދި އެހެން އިދާރާއަކަށްވެސް މިފަދަ މައުލޫމާތެއް ދޭން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތަކާ މިފަދަ މައުލޫމާތެއް ހިއްސާ ނުކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ބީއެމްއެލުން ބުނި ގޮތުގައި މި ދުވަސްވަރު ރިޕޯޓު ކޮށްފައިވާ ސްކޭމް ކޯލުތަކަށް ބަލާއިރު، ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އެކި އިދާރާތަކުގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންނަށް ގުޅަމުންދާ ކަމަށެވެ. މީގެ އިތުރުން ކާކުކަން ނޭނގޭ ފަރާތްތަކާ އެކު ޑޮލަރުގެ މުއާމަލާތްކޮށްގެން ފައިސާ ނުލިބޭކަމުގެ ޝަކުވާ ހުށަހަޅާ ކަމަށާއި އެކި އޮންލައިން ޕޭޖުތަކުން މުދާ ގަންނަން ފައިސާ ދެއްކުމުން މުދާ ނުލިބި އަދި ފައިސާ ނުލިބޭކަމުގެ ޝަކުވާވެސް ހުށަހަޅަމުންދާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.