މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ގެ ތެރެއިން
ކުޅިވަރު އެވޯޑަށް ނަޒަރެއް
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ނުވަތަ ކުޅިވަރު އެވޯޑަކީ މިއީ ރާއްޖޭގައި މިހާ ފުޅާދާއިރާއެއްގައި ބާއްވާ ކުޅިވަރުގެ އެންމެ ޝަރަފުވެރި އެވޯޑެވެ. މިދިޔަ އަހަރު މި އެވޯޑް އެންމެ ފުރަތަމަ ފަހަރު ތައާރަފުކޮށްފައިވާއިރު، މިދިޔަ އަހަރު ޖުމްލަ 18 ކުޅިވަރަކުން 108 އެވޯޑް ދީފައިވެއެވެ. މި ފަހަރުގެ އެވޯޑް މިވަނީ މިހާރު ބޯމަތިވެފައެވެ.

މިދިޔަ އަހަރު ދޭން ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ކުރިން ސަރުކާރުން އެންމެ ފަހުން ކުޅިވަރަށް ހާއްސަކޮށް އެވޯޑެއް ދީފައިވަނީ 2012 ވަނަ އަހަރު އެވެ. އެއީ 2011 ވަނަ އަހަރުގެ ކާމިޔާބީތަކަށް ބަލައިގެން، ދިން އެވޯޑްތަކެކެވެ. އެ އެވޯޑް ދިނީ "ގައުމީ ކުޅިވަރު އެވޯޑް"ގެ ނަމުގަ އެވެ. އޭގެ ފަހުން ކުޅިވަރަށް ހާއްސަ އެވޯޑެއް ނުދީ 10 އަހަރު އޮތުމަށް ފަހު އަލުން ކުޅިވަރު އެވޯޑެއް މިދިޔަ އަހަރު ތައާރަފު ކުރިއިރު، ސަރުކާރުން އަންނަނީ ކުޅިވަރަށް ސީރިއަސް އިސްކަމެއް ދެއްވަމުންނެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ކުޅިވަރުގައި ޝާމިލުވެ އުޅޭ އެކި ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދޭ އެވޯޑެކެއެވެ. މި އެވޯޑުގައި ކޮންމެ ކުޅިވަރަކުން ވަކިވަކިން އަންހެން އަދި ފިރިހެން ހިމެނޭގޮތަށް އެންމެ މޮޅު ކުޅިވަރު އެތުލީޓުން ހޮވާނެ އެވެ. އެތުލީޓުން ހޮވާނީ އެކަމަށް ކަނޑައަޅާ ޖަޖުންގެ ޕެނަލަކުންނެވެ.

ކުޅިވަރުގެ އެކިއެކި ހަފްލާތަކުގައި ސަރުކާރުގެ އެންމެ މަތިން، ރައީސުލް ޖުމްހޫރިއްޔާ އަދި ނާއިބު ރައީސްއާ ހިސާބުން ބައިވެރިވެވަޑައިގަންނަވާއިރު، ރައީސް އަބަދުވެސް ދެއްވަމުން ގެންދަވާ ޔަގީންކަމަކީ، ކުޅިވަރަށް އެކި ގޮތް ގޮތުން ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމުގެ ޔަގީންކަމެވެ. އިސްލާމިކް ސޮލިޑޭޓަރީ ގޭމްސްގައި ދިވެހި ޓޭބަލް ޓެނިސް ޓީމު ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި މިދިޔަ އޮގަސްޓް މަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހުވެސްވަނީ ކުޅިވަރަށް މަގުތައް ފަހިކޮށްދެއްވާނެ ކަން ފާހަގަ ކުރައްވާފައެވެ. 

އަޅުގަނޑުމެން މިގެންދަނީ ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ހުރިހާ ކުޅިވަރަކަށް، ޓޭބަލްޓެނިހާއި، ފުޓްބޯޅައާއި، ވޮލީއާއި، އަދި ބީޗްވޮލީ ކަމަށްވިޔަސް، އަދި ސީ ސްޕޯޓްސް ކަމަށްވިޔަސް، ބޮޑީ ބޯޑިންގ ސަރފިންގއާއި، އެހެންގޮސް އެހެންހުރި ހުރިހާ ކުޅިވަރަކަށްވެސް ވެދެވެންހުރި ހުރިހާ އެހީތެރިކަމެއް ވެދެމުން. އަދި އެ ކަންތައްތައް ކޮށްދެމުން ގެންދާއިރުގައި، އެބަޖެހޭ މުޅި ރާއްޖެއަށް މިވެސް ފެތުރެން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި، ވަރަށް ހުނަރުވެރި ކުޅުންތެރިން. އެތުލީޓުންނަށް ބެއްޔަސް، ވޮލީއަށް ބެއްޔަސް، ޓޭބަލްޓެނިހަށް ބެއްޔަސް އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. ބޭނުންވަނީ އެ ކުދިންގެ ހުނަރު ކުރިއެރުވުމަށް ފުރުޞަތުތައް ހޯދައިދޭން. އެތިބި ތަނެއްގައި ތިބެ، ޓްރޭނިންގއެއް ލިބިގެން މުބާރާތްތަކުގައި ބައިވެރިވެވޭނެގޮތް ހޯދައިދިނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިގެންދަނީ އެކަންތައްތައް ކޮށްދެމުން. - ރައީސް ސާލިހް - 

އަންނަ ބުރާސްފަތި ދުވަހު ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ބައިވެރިވާ ދުނިޔޭގެ ފެންވަރުގެ ތަރިންގެ ނަންތަކާ އެކު، މި ފަހަރުގެ އެވޯޑްތަކަށް އެކި ކުޅިވަރުތަކުން ވާދަކުރާ ކުޅުންތެރިންގެ ނޮމިނޭޝަންތައް މިހާރުވަނީ އިއުލާން ކުރަން ފަށާފައެވެ. މި ފަހަރުގެ އިވެންޓުގައި ބައިވެރިވާނެކަން މިހާތަނަށް އިއުލާނުކޮށްފައިވާ ބައިނަލްއަގްވާމީ ތަރިންގެ ތެރޭގައި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޖޭމްސް އާއި ކްރިކެޓްގެ ތާރީހީ ރެކޯޑްތަކެއް ހޯލްޑް ކުރާ ބެޓްސްމަން، ބްރަޔާން ލާރާ ހިމެނެއެވެ.

މި ފަހަރުގެ އެވޯޑަށް ވާދަކުރާ ދިވެހި ބައެއް އެތްލީޓޫންގެ ނޮމިނޭޝަންތައް މިހާރުވެސް އިއުލާންކޮށްފައިވާއިރު، އިތުރު ނޮމިނޭޝަންތައް ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭގައި އިއުލާން ކުރެވިގެންދާނެއެވެ.

ދެވަނަ ސްޕޯޓްސް އެވޯޑްސް ބޯމަތިވެފައިވާއިރު، ރާއްޖޭގެ 18 ކުޅިވަރަކުން އެންމެ މޮޅު އެތުލީޓުން  މިދިޔަ އަހަރު ހޮވި އިރު ރަމްޒީ ޓްރޮފީއެއް ދިނުން ފިޔަވައި އެހެން އެއްޗެއް އެތުލީޓަކަށް ނުލިބުނެވެ. ފައިސާގެ އެއްވެސް މިންވަރެއް އެވޯޑް ހޯދި އެއްވެސް އެތުލީޓަކަށް ދީފައެއް ނުވާކަމުގެ ޝަކުވާ މިދިޔަ އަހަރު އެތްލީޓުން ކުރިއެވެ. މި ފަހަރުވެސް ފައިސާގެ އިނާމެއް ދޭ ކަމެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ. 

"ކާމިޔާބު ހޯދަން އެތުލީޓުން ވަރަށް ބުރަކޮށް މަސައްކަތް ކުރޭ. މައިންބަފައިން ބޮޑު ހަރަދެއް ކުރޭ. އަޅުގަނޑު ވެސް ގަބޫލުކުރަން އެ ހުރިހާ ހަރަދެއް ކަވާ ކުރެވޭވަރުގެ ފައިސާގެ އިނާމެއް ސަރުކާރަކަށް ނުދެވޭނެ. އެކަމަކު އެވޯޑެއް ދޭއިރު އެވޯޑާއެކު އެތުލީޓުންނަށް އެކަށީގެންވާ ވަރުގެ ފައިސާގެ އިނާމެއް ދެވެން ޖެހޭނެ. އޭރުންހެން ހީވަނީ އެވޯޑްގައި ވެލިއުއެއް ވެސް ހުންނާނީ." ދިވެހި އެތްލީޓެއްގެ ބެލެނިވެރިއަކު ސްޕޯޓްސް އެވޯޑްސްއާ ގުޅޭ ގޮތުން ބުންޏެވެ. 

މި ފަހަރުގެ އެވޯޑަށް މިހާތަނަށް އިއުލާންކޮށްފައިވާ ނޮމިނޭޝަންތަކަށް ބަލާއިރު، އަހަރުގެ އެންމެ މޮޅު ބޮޑީބިލްޑިން އެތުލީޓުގެ މަގާމަށް ވާދަކުރަނީ ފަތުހުﷲ މުހައްމަދު، މުހައްމަދު މޫސާ އަދި އަޒްނީން ރަޝާދު އެވެ. އެންމެ މޮޅު ފިރިހެން ހޭންޑްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ އަހުމަދު އިނާޝް، މުހައްމަދު ފިރުނާސް އަބްދުﷲ އަދި އަބްދުﷲ ޒިޔާއު އެވެ. އެންމެ މޮޅު އަންހެން ކެރަމް ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ އައިޝަތު ފައިނާޒް، އައިމިނަތު ވިދާދު އަދި އައިމިނަތު ވިސާމާ އެވެ.

ބާސްކެޓް ފިރިހެން ބައިން މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އަބްދުﷲ އަމްޒަރު މުހައްމަދު، އަހުމަދު ޒަބީރު އަދި މުހައްމަދު ސަބީހު ތައުފީގު އެވެ. އަންހެން ބާސްކެޓް އެވޯޑަށް ވާދަކުރަނީ ފާތިމަތު ޝައިލާން އަފްޒަލް، އައިމިނަތު ޝިއުރާ އަބްދުލް ބާރީ އަދި އައިމިނަތު އިސްރާއު އަބްދުލް ޝުކޫރު (އިއްކޮ) އެވެ.

މިދިޔަ އަހަރު މި އެވޯޑް ތައާރަފު ކުރެވުނު އިރު، ދުނިޔޭގެ ފެންވަރުގެ ތަރިންނާއެކު މުޅި އެވޯޑްގެ ހައިބަތު އުފުލިގެން ދިޔައެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަށް މިދިޔަ އަހަރު ރާއްޖެ އައި ތަރިންގެ ތެރޭގައި ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް އާއި ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ) އަދި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސުރެއިޝް ރައިނާ ހިމެނެއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި